މާދަމާ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި އެޖެންޑާ ކޮށްފައިވާ ކަންކަމާ މެދު މަޝްވަރާކުރުމަށް ޕީޕީއެމްގެ ޕީޖީ ގުރޫޕުގެ ބައްދަލުވުމެއް 14 މެމްބަރުންނާ އެކު ބާއްވައިފި އެވެ.

މާދަމާ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއް ނުވައެއް ޖަހާއިރަށް ވަނީ ތާވަލުކޮށްފަ އެވެ. އެ ޖަލްސާގަައި އެންޓި ޑިފެކްޝަން ގާނޫނު އުވާލަން އެ ޕާޓީގެ މެމްބަރު ރިޔާޒު ރަޝީދު ހުށަހެޅުއްވި މައްސަލައާއި އިތުރު މައްސަލަތަކެއް ހިމެނެއެވެ.

ޕީޕީއެމުން ބޭއްވި ޕީޖީ ބައްދަލުވުމަށް ފަހު ޕީޖީ ލީޑަރު އަދި ވިލިމާލެ ދާއިރާގެ މެމްބަރު އަހުމަދު ނިހާން ހުސައިން މަނިކު ވިދާޅުވީ މިއަދުގެ ބައްދަލުވުމަށް އެކި ސަބަބުތަކާހެދި ގިނަ މެމްބަރުންނަށް ހާޒިރު ނުވެވޭ ކަމަށެވެ. ބައްދަލުވުމަށް ހާޒިރުވީ 14 މެމްބަރުން ކަމަށް ނިހާން ވިދާޅުވިއެވެ.

މިއަދު ޕީޖީ ބައްދަލުވުމުގައި މާދަމާއަށް އެޖެންޑާކޮށްފައި އޮތް އެއްވެސް މައްސަލައަކާ ގުޅޭ ގޮތުން އެއްވެސް ވިޕެއް ނެރެފައި ނުވާނެ ކަމަށް ނިހާން ވިދާޅުވިއެވެ. ނަމަވެސް އެމައްސަލަތަކާ މެދު މަޝްވަރާކޮށް މާދަމާގެ ޖަލްސާގެ ބަހުސް މަރުހަލާގައި މެމްބަރުން އެ މެމްބަރަކު ދެކޭގޮތް ހާމަކުރައްވަން ނިންމެވި ކަމަށް ނިހާން ވިދާޅުވިއެވެ.

އަބުރުގެ ގާނޫނު އުވާލަން ހެންވޭރު އުތުރު ދާއިރާގެ މެމްބަރު އަބްދުﷲ ޝާހިދު ހުށަހަޅުއްވާފައިވާ ހުށަހެޅުއްވުމަށް ތާއީދު ނުކުރަން މިއަދު ބައްދަލުވުމުގައި ބައިވެރިވި ގިނަ މެމްބަރުން ނިންމެވި ކަމަށް ނިހާން ވިދާޅުވިއެވެ.

" މިއަދު ހާޒިރުވެ ވަޑައިގެން މެމްބަރުންގެ ގިނަ މެމްބަރުން އިއްތިފާގުވެ ވަޑައިގަތީ މި ހުށަހެޅުން [އަބުރުގެ ގާނޫނު އުވާލަން] ބަލައި ނުގަންނަ ކަމަށް." ނިހާން ވިދާޅުވި އެވެ.

27 އޮކްޓޯބަރ 2018: ޕީޕީއެމް ޕީޖީ ގްރޫޕްގެ ފަރާތުން ޕީޖީ ލީޑަރު ނިހާން ނޫސްވެރިންނަށް މައުލޫމާތު ދިނުން -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ނަމަވެސް މާދަމާ މަޖިލީހުގައި ބަހުސް ފެށިގެން ދިޔައިމާ އެކަމާ މެދު މެމްބަރުން ދެކޭ ގޮތް ފެނިގެން ދާނެ ކަމަށާއި އަދި ވަކި ގޮތަކަށް ވޯޓު ދޭން ޕީޖީ ގުރޫޕުން ނުނިންމާ ކަމަށް ނިހާން ވިދާޅުވިއެވެ.

ނިހާން ވިދާޅުވީ މާދަމާގެ ޖަލްސާއަށް ޕީޕީއެމް އެމްޑީއޭ ޕާލިމެންޓްރީ ގުރޫޕުގެ މެމްބަރުން ވަޑައިގަންނަވާނެ ކަމަށް އުންމީދު ކުރައްވާ ކަމަށެވެ. އަދި މެޖޯރިޓީގައި ތިއްބަސް މައިނޯރިޓީގައި ތިއްބަސް މަޖިލީހުގެ މަސައްކަތްތައް ކުރިއަށް ގެންދަން ދެވެން ހުރި އެއްބާރުލުމެއް ދޭނެ ކަމަށް ނިހާން ވިދާޅުވިއެވެ.

މަޖިލީހުގެ ޖަލްސާ މާދަމާ ނުވައެއް ޖަހާއިރު ފަށަން އެޖެންޑާ ކޮށްފައިވާއިރު އެޖެންޑާގައި އަބުރުގެ ބިލު ބާތިލު ކުރަން ހުށަހެޅި މައްސަލައާއި އެންޑި ޑިފެކްޝަން ގާނޫނު ބާތިލު ކުރަން ހުށަހެޅި މައްސަލަ ވެސް ހިމެނެއެވެ.

27 އޮކްޓޯބަރ 2018: ޕީޕީއެމް ޕީޖީ ގްރޫޕްގެ ބައްދަލުވުމަށް ފަހު މެމްބަރު ރިޔާޒު ރަޝީދު މަޖިލް ތެރޭގައި މަޑުކޮށްލައިގެން -- ސަން ފޮޓޯ/ ފަޔާޒު މޫސާ

އޭގެ އިތުރުން ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ މައްޗަށް އިއްވާފައިވާ 13 އަހަރުގެ ޖަލު ހުކުމް ބާތިލުކޮށްދިނުމަށް އެދި މަޖިލީހުގެ ގަލޮޅު އުތުރު ދާއިރާގެ މެމްބަރު އީވާ އަބްދުﷲ ހުށަހެޅުއްވި ގަރާރު އިއްވުންވެސް ވަނީ މާދަމާގެ ޖަލްސާއަށް ތާވަލުކޮށްފައެވެ. އެ ގަރާރު މަޖިލީހަށް ހުށަހަޅާފައި ވަނީ 49 މެމްބަރަކު ސޮއިކޮށްފައެވެ.

މާދަމާ މަޖިލީހުގެ ރިޔާސަތުގައި އިންނަވާނީ މަޖިލީހުގެ ނައިބު ރައީސް މޫސާ މަނިކު ކަމަށް އޭނާ ވަނީ ވިދާޅުވެފައެވެ. އަދި މަޖިލީހުގެ ޖަލްސާތައް ބޭއްވުމުގެ ހުއްދަ މަޖިލީހުގެ ރައީސް އަބްދުﷲ މަސީހު މުހައްމަދު ދެއްވާފައިވާ ކަމަށް ވެސް މޫސަ ވަނީ ވިދާޅުވެފައެވެ.

މަޖިލީހުގެ ރައީސް އަބްދުﷲ މަސީހު މުހައްމަދުގެ އިތުބާރު ނެތް ކަމުގެ މައްސަލަ 51 މެމްބަރުން ސޮއިކޮށް މަޖިލީހަށް ވައްދާފައިވާ އިރު އެ މައްސަލަ މަޖިލީހަށް ހުށަހަޅާ ޖަލްސާ އޮންނާނީ ނޮވެމްބަރު މަހުގެ އެއްވަނަ ދުވަހުއެވެ. އެ ޖަލްސާގެ ނޯޓިސް މިހާރު ވަނީ މަޖިލީހުގެ މެމްބަރުންނަށް ފޮނުވައިފައެވެ.