28 Oct 2018, 08:03
ދިވެހި ފިލްމު އިންްޑަސްޓްރީގައި އުޅޭ ބަތަލާއިންގެ ތެރެއިން މަރިޔަމް އައްޒަ އަކީ މިހާރު އިންޑަސްޓްރީގައި އުޅޭ އެންމެ ޑިމާންޑް ބޮޑު އެއް ބަތަލާއެވެ. ދެހާސް ސޯޅަ ވަނަ އަހަރު ނެރުނު ބިރުވެރި ފިލްމު، ފާތިމަތު ނަހުލާގެ "4426" ގައި އައްޒަ ދެއްކި މޮޅު އެކްޓިންނާއެކު ގިނަ ބަޔަކަށް އަދި ޑައިރެކްޓަރުންނަށް ވެސް އައްޒަ ވަރަށް ކަމުގޮސްފިއެވެ.
"4426" އިން ލިބުނު ތަރުހީބާއި ތައުރީފާއެކު އައްޒަ ވަނީ ނިމިގެންދިޔަ އަހަރު ސްކްރީނުން އެންމެ ގިނައިން ފެނުނު އެއް ބަތަލާއަށް ވެފައެވެ. އައްޒަގެ ޖުމްލަ ހަތަރު ފިލްމެއް ވަނީ ވޭތުވެެދިޔަ އަހަރު ބެލުންތެރިންނާ ހަމަޔަށް އައިސްފައެވެ.

"ހުވާ" ގެ ޕޯސްޓަރެއްގައި އައްޒަ...
ހަތަރު ފިލްމު ރިލީޒްވި އިިރު ކޮންމެ ފިލްމެއްގައި ވެސް އައްޒަ ކުޅެފައިވަނީ ލީޑު ރޯލެވެ. އައްޒަގެ ހަތަރު ފިލްމު ޑައިރެކްޓްކޮށްފައި ވަނީ ތަފާތު ހަތަރު ޑައިރެކްޓަރެކެވެ. ކޮންމެ ފިލްމެއްގައި ވެސް ފެނިގެންދިޔައީ އައްޒަގެ ތަފާތު އެކްޓިންއެކެވެ.
އައްޒަ ފެނިގެން ދިޔައީ ފާތިމަތު ނަހުލާގެ "ބޮސް" އާއި އަބްދުލް ފައްތާހުގެ "ހައްދު"، އާއި ޑާކްރެއިން އެންޓަޓެއިންމެންޓުގެ "މީ ލޯތްބަކީ" ގެ އިތުރުން އިސްމާޢީލް ޝަފީގުގެ "ނޯޓީ ފޯޓީ" އިންނެވެ.
ނިމިގެން މިދާ އަހަރަކީ ވެސް އައްޒައަށް ބިޒީ އަހަރެކެވެ. ނަމަވެސް މި ޖެހެނީ އައްޒަގެ ފިލްމުތައް ސިނަމާއިން ބަލާލަން ބޭނުންވެފައި ތިބި މީހުން އަންނަ އަހަރަށް އިންތިޒާރު ކޮށްލާށެވެ. މިއަހަރުވެސް ދިވެހި ރިހި ސްކްރީންގެ ރާނީ އަކަށް އައްޒަ ވާނެ ކަމަށް ދެކެމުން އައި ހުވަފެން ހަގީގަތަކަށް ވާ ވަރު ވާނީ އަންނަ އަހަރުއެވެ.

މިހާރު އައިސްޓީވީ އިން ދައްކަމުން އަންނަ "އަޒޯނާ" ގެ ޕޯސްޓަރެއްގައި އައްޒަ...
ސިނަމާ އަށް ފިލްމެއް ނައި ނަމަވެސް އައްޒައަށް ގިނަ މަސައްކަތް ތަކެއް ކުރެވިއްޖެ ކަން ހުދު އައްޒަ އަށް ވެސް ގަބޫލު ކުރެވިއްޖެއެވެ. އައްޒަ އޭނާގެ ލޯބިވާ ފޭނުން ކައިރި ބުނަނީ ފިލްމުތައް އަންނަ އަހަރު ބަލާލަން އިންތިޒާރު ކޮށްލާށެވެ.
"މި އަހަރު ފެންނާނެ ކަމަށް އުންމީދު ކުރި ފިލްމެއް ވެސް ހީވަނީ ދެން ފެންނާނީ އަންނަ އަހަރު ހެން، އިރާދަކުރެއްވިއްޔާ އަންނަ އަހަރު އައްޒަ ގެ ފިލްމު ތައް ބެލުންތެރިންނާ ހަމަޔަށް އަންނާނެ" ކުޑަ ދުވަސް ކޮޅެއްގެ ތެރޭގައި ޑިމާންޑްް ބޮޑުވެގެން ދިޔަ އައްޒަ ބުންޏެވެ.
މިއަހަރު އައްޒަގެ ފުރަތަމަ މަަސައްކަތަކީ ފިލްމީތަރި މުއާ ޑައިރެކްޓް ކުރި "ލީނާ" އެވެ. އެއަށްފަހު އައްޒަ ވަނީ ފާތިމަތު ނަހުލާގެ ވެބް ސިރީޒް "ހުވާ" ގެ މަސައްކަތުގައި މަސައްކަތް ކޮށްފައެވެ. އެއަށްފަހު އަހުމަދު ނިމާލު ޑައިރެކްޓްކުރާ ފިލްމެއްގެ ޝޫޓިން ލަންކާގައި އައްޒަ ނިންމާފައިވާ އިރު މާލެ އައިސް އޭނާ ގުޅުނީ ޑާކްރެއިނުން އަންނަ އަހަރު ރިލީޒްކުރަން ހަމަޖެހިފައިވާ ފިލްމު "މާމުއި" ގެ ކްރޫ އަށެވެ.

އައްޒަ އާއި މުއާ "ލީނާ" ގެ ޝޫޓިންގައި ނަގާފައިވާ ފޮޓޯ އެއް....
އޭގެ އިތުރުން އައްްޒަ ވަނީ އައިސް ޓީވީ ގައި އޭނަ ހޯސްޓު ކޮށްދެމުން އަންނަ ޝޯ "އަޒޯނާ" ގެ ދެވަނަ ސީޒަންގެ އެޕިސޯޑުތައް ވެސް ޝޫޓް ކުރަން ފަށާފައެވެ. އަދި ޔޫސުފް ޝަފީއު ޕްރޮޑިއުސްކޮށް ޑައިރެކްޓުކުރާ ދެ ފިލްމެއްގެ ލީޑު ރޯލު ކުޅެން ވަނީ ނިންމާފައެވެ. އެ ދެ ފިލްމުގެ މަސައްކަތް ވެސް ދާދި އަވަހަށް ފެށޭނެ ކަމަށް ބެލެވެއެވެ.
"ނަހޫގެ ވެބް ސީރީޒް ގަ އައްޒަ އެންމެ ގިނަ ދުވަސްވީ، އެއީ ވަރަށް ތަފާތު ޕްރޮޖެކްޓެއް، އަނެއްހެން މިއަހަރު މި ކުޅުނު ހުރިހާ ފިލްމެއްގައި އައްޒަ ހުންނާނީ ހަމަ ލީޑު ރޯލު ކުޅެފަ،" އޭނަ އަށްް ފިލްމުތަކުން ފުރުސަތު ދޭ ހުރިހާ ޑައިރެކްޓަރުންނަށް ޝުކުރު އަދާ ކުރަމުން އައްޒަ ބުންޏެވެ.

"މާމުއި" ގެ ޕޯސްޓަރެއްގައި އައްޒަ އާއި ރިޒްވީ...
އަންނަ އަހަރު ސިނަމާ އަށް އައްޒަގެ ގިނަ ފިލްމުތަކެއް އަންނާނެއެވެ. ނަހޫގެ ވެބް ސީރީޒް މި އަހަރުވެސް ފެނުން ގާތެވެ. އެއީ އެޕިސޯޑުތަކަކަށް ބަހާލައިގެން ގެނެސްދީފައިވާ ސީރީޒެކެވެ. އަންނަ އަހަރު އަނެއްކާ ސްކްރީންގެ ރާނީ އަކަށްް އައްޒަ ވުން އެކަށީގެންވެއެވެ.
އޭގެ އިތުރުން އައްޒަގެ އިތުރު ތިން ފިލްމެއްގެ މަސައްކަތް ވެސް އަންނަ އަހަރު ފެށުމަށް މިހާރު ވަނީ ހަމަޖެހިފައެވެ. އޭގެ ތެރޭގައި ޔާރާ ޕްރޮޑަކްޝަންގެ ފިލްމެއް ވެސް ހިމެނެއެވެ.