27 Oct 2018, 15:15
ޕީޕީއެމްއަށް ހަތް އަހަރު ފުރުން ފާހަގަކޮށް ކުރީގެ ރައީސުލްޖުމްހޫރިއްޔާ އަދި ޕީޕީއެމްގެ ކުރީގެ ރައީސް މައުމޫނު އަބްދުލްގައްޔޫމު އެ ޕާޓީގެ މެމްބަރުނަށް ތަހުނިޔާ ފޮނުވައިފިއެވެ.
ޕީޕީއެމް އުފެއްދީ 2011 އޮކްޓޫބަރު 27 ވަނަ ދުވަހުއެވެ. ރައީސް މައުމޫނަކީ ޕީޕީއެމްގެ އެންމެ ފުރަތަމަ އަދި ހަމަ އެކަނި ރައީސްކަން ކުރެއްވި ބޭފުޅާއެވެ.
ރައީސް މައޫމުނު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ގާނޫނީގޮތުން އިންތިހާބު ކުރެއްވިފައިވާ ރައީސްގެ ހައިސިއްޔަތުން ޕީޕީއެމްގެ ހުރިހާ މެމްބަރުންނަށް ހަތް އަހަރު ފުރުމުން އެކަމުގެ ތަހުނިޔާ ފޮނުވާ ކަމަށެވެ.
ޕީޕީއެމްގެ ނައިބު ލީޑަރު އަބްދުއްރަހީމް އަބްދުﷲ (އަދުރޭ) ވިދާޅުވާ ގޮތުން އެޕާޓީއަށް މިއަދު ފުރުނީ އަށް އަހަރެވެ. އަދި އަދުރޭ ޕާޓީގެ ރައީސްއަކީ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމު ކަމަށް ދެހަވާ ގޮތަށް ޕާޓީގެ އަހަރީ ދުވަހުގެ ތަހުނިޔާ ވިދާޅުވެފައެވެ.
ރައީސް ޔާމީނަކީ ޕީޕީއެމްގެ ރައީސް ކަމަށް އެންމެ ފަހުން ބޭވި އެ ޕާޓީގެ ކޮންގްރެސްގައި ފާސްކުރި ނަމަވެސް އެ ނިންމުން އިލެކްޝަންސް ކޮމިޝަނުން ބަލައިގެންފައެއް ނުވެއެވެ. އިލެކްޝަނުން ބުނާ ގޮތުން ޕީޕީއެމްގެ ކޮންގްރެސްގައި އެ ޕާޓީއަށް ނިސްބަތްނުވާ 42 މެމްބަރަކު ބައިވެރިވިއެވެ.
ރައީސް މައުމޫނު ގަބޫލުފުޅު ކުރައްވާގޮތުން އެމަނިކުފާނު ޕާޓީގެ ރައީސް ކަމުން ވަކިކުރެވުނީ ގާނޫނާ ހިލާފަށެވެ. ރައީސް މައުމޫނު އެ ޕާޓީގައި ރައީސް ކަމުގައި ހުންނަވަނިކޮށް ޕީޕީއެމްގެ ކައުންސިލުން ނިންމީ މައުމޫނު ޕާޓީން ވަކިކުރާށެވެ. އަދި ޕާޓީން ވަކި ކުރުމުން އޮޓަމެޓިކުން ޕާޓީގެ ރައީސްކަން ގެއްލުނީ ކަމަށްވެސް ކަނޑައެޅިއެވެ.
އެމައްސަލަ މިހާރު އިލެކްޝަންސް ކޮމިޝަނުން ދަނީ މުރާޖާ ކުރަމުންނެވެ. އަދި އެމައްސަލަ އޮތީ ސިވިލް ކޯޓަށްވެސް ހުށަހަޅާފައެވެ.