ސްރީލަންކާގެ ޕާލިމެންޓް ސަސްޕެންޑުކޮށް އެކަން ޕާލިިމެންޓް މެންބަރުންނަށް އަންގައިފި އެވެ.

އެގައުމުގެ ރައީސް މައިތިރިޕާލާ ސިރިސެނާގެ މި ނިންމެވުން މިހާރު ޕާލިމެންޓުގެ ހުރިހާ މެންބަރުންނަށް ވަނީ އަންގައިފަ އެވެ. ލަންކާގެ ޕާލިމެންޓް ސަސްޕެންޑުކޮށްފައި މިވަނީ ރައީސް ސިރިސެނާ އާއި ރަނިލް ވިކްރަމަ ސިންހަގެ ޕާޓީ އާ ދެމެދު ހަދާފައި އޮތް ކޯލިޝަން ރޫޅިފައިވަނިކޮށެވެ.

ރަނިލް ބޮޑުވަޒީރުކަމުން ދުރުކޮށް ސިރިސެނާ ވަނީ ކުރީގެ ރައީސް މަހިންދަ ރާޖަޕަކްސަ ލަންކާގެ ބޮޑުވަޒީރުކަމަށް އައްޔަނުކޮށްފަ އެވެ.

ނަމަވެސް ރަނިލް ވިދާޅު ވަނީ އަދި ވެސް ބޮޑުވަޒީރަކީ އޭނާ ކަމަށާއި ރައީސް ސިރިސެނާގެ ނިންމުމަކީ ޣައިރު ގާނޫނީ ނިންމުމެއް ކަމަށެވެ. އަދި ގާނޫނު ހަދާ މަޖިލީހުގެ މެޖޯރިޓީ އަދި ވެސް އޮތީ ރަނިލްގެ އަތުގައި ކަމަށް ވެސް އޭނާ ވަނީ ވިދާޅުވެފަ އެވެ.

ގާނޫނު ހަދާ މަޖިލިސް ސަސްޕެންޑު ކުރިއިރު މެޖޯރިތީ އޮތްކަން ދައްކަން މަޖިލީހުގެ ބައްދަލުވުމެއް ބާއްވައިދޭން ރަނިލް ވަނީ މަޖިލީހުގެ ރައީސްގެ ކިބައިން އެދިފަ އެވެ.

ރައީސް ސިރިިސެނާ ވަނީ ރަނިލް މަގާމުން ދުރުކުރިކަން ގަބޫލުކޮށް ގައުމުގައި ގާނޫނީ ހަމަނުޖެހުމެއް ނުފެށެނީސް މަގާމުގެ މަސްއޫލިއްޔަތުން ދުރުވުމަށް ރަނިލް އަށް އަންގަވައިފަ އެވެ.

ރައީސް ސިރިސޭނާ އާއި ބޮޑުވަޒީރު ރަނިލް ވިކްޜަމަސިންހާ އާ ދެމެދު މައްސަލަ ޖެހުނީ ލަންކާގެ ޕޯޓެއް އިންޑިއާ އަށް ދިނުމާ ބެހޭ ގޮތުންނެވެ.