27 Oct 2018, 14:04
ސްރީލަންކާގައި މިހާރު އޮތް ސިޔާސީ ހަލަބޮލިކަން ގާތުން މޮނީޓާކުރަމުންދާ ކަމަށާއި ހުރިހާ ޕާޓީއަކުން ވެސް ގާނޫނު އަސާސީއަށް ބޯލެނބުމަށް ޔޫރަޕިއަން ޔޫނިއަން (އީޔޫ) އިން ގޮވާލައިފި އެވެ.
ޑެލިގޭޝަން އޮފް ޔޫރަޕިއަން ޔޫނިއަން އިން ނެރުނު ކުރު ސްޓޭޓްމެންޓެއްގައި ބުނީ ލަންކާގައި މިހާރު އޮތް ނުތަނަސްވަސްކަމާ އެކު ވެސް ނޫސްވެރިކަމުގެ މިނިވަންކަމަށް ހުރަސް ނޭޅުމަށާއި މިނިވަން މުވައްސަސާތަކުގެ މަސައްކަތްތަކަށް ހުރަސް ނޭޅުމަށް ހުރިހާ ސިޔާސީ ޕާޓީތަކަށް އެ ސްޓޭޓުމެންޓުގައި ވަނީ ގޮވާލައިފަ އެވެ.
ލަންކާގައި ހިނގަމުންދާ ކަންތަކާ ގުޅިގެން އެމެރިކާ އިން ބުނީ ލަންކާގެ ގާނޫނު އަސާސީ އަށް ތަބައަވަން ހުރިހާ ސިޔާސީ ޕާޓީއަކަށް ގޮވާލާކަމަށެވެ. އަދި ހަމަނުޖެހުމަކަށް ޖާގަ ނުދިނުމަށާއި އިންސާފު ގާއިމްކޮށް އިންސާނީ ހައްގުތަކަށް ރައްކާތެރިވުމަށް ގޮވާލާ ކަމަށް އެމެރިކާ އިން ނެރުނު ކުރު ސްޓޭޓުމެންޓުގައިވެ އެވެ.
ސްރީލަންކާގައި ސިޔާސީ ހަލަބޮލިކަން އިތުރުވެފައި ވަނީ އެގައުމުގެ ބޮޑުވަޒީރު ރަނިލް ވިކްރަމަ ސިންހާ މަގާމުން ދުރުކޮށް ކުރީގެ ރައީސް މަހިންދަ ރާޖަޕަކްސަ ބޮޑުވަޒީރުކަމަށް އައްޔަނު ކުރުމުންނެވެ. ރައީސް މައިތިރޕާލާ ސިރިސެނާގެ ޕާޓީ އާއި ރަނިލްގެ ޕާޓީ އާ ދެމެދު މައްސަލަ ޖެހި ސަރުކާރު ކޯލިޝަން ރޫޅިފައިވަނިކޮށް ރޭ ރާޖަޕަކްސަ ބޮޑުވަޒީރުކަމަށް އައްޔަނު ކުރީ ރައީސް ސިރިސެނާއެވެ.
ރަނިލް އަށް ވަފާތެރިން ބުނަމުންދަނީ ރަނިލް އަށް ގާނޫނު ހަދާ މަޖިލީހުގެ މެޖޯރިޓީ އެބައޮތް ކަމަށާއި އަދިވެސް ބޮޑުވަޒީރަކީ ރަނިލް ކަމަށެވެ. ރާޖަޕަކްސަ ބޮޑުވަޒީރުކަމަށް އައްޔަނު ކުރި މައްސަލާގައި ކޯޓަށް ދާނެކަމަށް ވެސް ރަނިލް ވަނީ ބުނެފަ އެވެ.
ރައީސް ސިރިސޭނާ އާއި ބޮޑުވަޒީރު ރަނިލް ވިކްޜަމަސިންހާ އާ ދެމެދު މައްސަލަ ޖެހުނީ ލަންކާގެ ޕޯޓެއް އިންޑިއާ އަށް ދިނުމާ ބެހޭ ގޮތުންނެވެ.