27 Oct 2018, 12:31
ސްމާޓް ސިޓީ އަކަށް ހުޅުމާލެ ހެދުމަށް ޔޫއެންޑީޕީއާއި އެޗްޑީސީ އަދި އެމްޓީސީސީ އާއި ވެމްކޯ ގުޅިގެން ކުރިއަށްގެންދާ އާބަސް އިނޮވޭޝަން ޗެލެންޖު ފަށައިފިއެވެ.
ހުޅުމާލެ ދެވަނަ ފިޔަވަހީގައި، ފަރުކޮޅުފުށީގައި ކުރިއަށްގެންދާ މި ހަރަކާތް ބުރާސްފަތި ދުވަހުން ފެށިގެން މިއަދުގެ ނިޔަލަށް ކުރިއަށްދާނެއެވެ.
އުމުރުން 18 އަހަރާއި 34 އަހަރާ ދެމެދުގެ ޒުވާނުންނަށް ހުޅުވާލައިގެން ކުރިއަށް ގެންދާ މިހަރަކާތް ކުރިއަށް ގެންދަނީ ބޯހިޔާވެހިކަމުގެ މައްސަލަ އާއި ކުނި މަދުކުރުމާއި ނައްތާލުން އަދި އާންމު ދަތުރުފަތުރުގައި ދިމާވާ މައްސަލަތަކަށް އަމާޒުކޮށްގެންނެވެ.
މި ތިން ދާއިރާއިން ކުރެވޭނެ ކަންކަން ހޯދައިރޭވުމުގެ އިތުރުން އެކަން ކުރާނެ ޕްލޭނެއް ބައިވެރިން ތައްޔާރު ކުރަން ޖެހެއެވެ.
އިނޮވޭޝަން ޗެލެންޖް މަރުހަލާގައި ބައިވެރިން، ތިން ދާއިރާއިން ހުށަހަޅާ ހައްލުތަކުގެ ތެރެއިން އެންމެ ރަނގަޅު ޕްލޭނެއް ހޮވައި ހަ މަސް ދުވަހުގެ ތެރޭގައި އެ ޕްލޭން ފުރިހަމަކުރަން ފައިސާގެ އެހީ ދޭނެއެވެ.