ބޮޑެތި ކުށްތަކެއްގައި 33 އަހަރުގެ ޖަލު ހުކުން ތަންފީޒްކުރަމުން އަންނަ ކުރީގެ ނައިބު ރައީސް އަހުމަދު އަދީބުގެ ތަހުގީގަށް ފިލޭނެ ފުރުސަތު ނުދިނުމަށް، ގެއްލިފައިވާ ނޫސްވެރިޔާ އަހްމަދު ރިލްވާންގެ އާއިލާއިން އެދިއްޖެއެވެ.

ރިލްވާނުގެ އާއިލާއިން މިއަދު ނެރުނު ނޫސްބަޔާނުގައި ބުނެފައިވަނީ އަދީބަށް ބޭސްފަރުވާއަށް ރާއްޖެއިން ބޭރަށް ދިއުމުގެ ހުއްދަ ދޭން ޖެހޭ ކަމަށް އިދިކޮޅު ލީޑަރުން ވެސް ގޮވާލަމުން ދިއުމަކީ ކަންބޮޑުވާ ކަމެއް ކަމަށެވެ.

"އަދީބަކީ ރިލްވާން ގަދަކަމުން ގެއްލުވާލާފައިވާ މައްސަލައިގައި ސުވާލުކޮށް ތަހްގީގު ކުރަންޖެހޭ މީހެއްކަމުގައި ދެކެން. ރިލްވާން ވަގަށް ނެގުމުގައި ބައިވެރިވީ މީހުން ކަމުގައި ބެލެވޭ ބަޔަކާ އަދީބާ ގުޅުންތަކެއްވޭ،" ރިލްވާންގެ އާއިލާއިން ބުނެފައިވެއެވެ.

އެ ބަޔާނުގައި ބުނެފައިވަނީ އަދީބުގެ ބޭސްފަރުވާއަށް ބޭރަށް ފޮނުވައިފިނަމަ މައްސަލައިގެ ތަހުގީގު އަލުން ކުރާއިރު ކުރެވޭ ސުވާލަށް ފިލުމަކީ އެކަށީގެންވާ ކަމެއްކަމަށެވެ.

އޭނާއަކީ ރާއްޖެއަށް ގެއްލުން ލިބުނު ބޮޑެތި ހިޔާނާތުގެ މައްސަލަތަކުގައި ހިމެނޭ މީހެއްކަމަށް ތުހުމަތު ކުރެވޭ މީހެއްކަމަށްވެސް ރިލްވާންގެ އާއިލާއިން ނެރުނު ބަޔާނުގައި ވަނީ ބުނެފައެވެ.

ބަންދުގައި ބައިތިއްބާފައިވާ ގައިދީންގެ ތެރެއިން ކޮންމެ މީހަކީވެސް އެކަށީގެންވާ ބޭސްފަރުވާ ލަސްނުކޮށް ލިބޭނޭ އިންތިޒާމު ދައުލަތުން ހަމަޖައްސައިދޭންޖެހޭނެ ބައެއް ކަމަށާއި، ބޭސްފަރުވާ ދިނުން ލަސްކޮށްފައި ހުރި ކޮންމެ ގައިދީއަކަށް ފަރުވާ އަވަސްކޮށްދިނުމަށް ދައުލަތުގެ ކަމާބެހޭ ފަރާތްތަކަށް ރިލްވާންގެ އާއިލާއިން ވަނީ ގޮވާލައްވާފައެވެ.

"ރާއްޖެއިން ބޭސްފަރުވާ ނުކުރެވޭފަދަ ހާލަތެއް ދިމާވާ ނުރައްކާތެރި މުޖުރިމުންނަށް ބޭރުން އެފަދަ ފަރުވާ ރާއްޖެއަށް ގެނެސްގެން ކުރެވޭނޭ މަގު ހުޅުވާލުން މުހިއްމުކަމެއް. އެފަދަ މުޖުރިމަކު ފިލައިގެން ދިއުމުގެ ފުރުސަތު ހުޅުވާލުމަކީ އެކަމަށް ސަރުކާރު ފުރިހަމައަށް ޒިންމާ ނަގަންޖެހޭނޭކަމެއް،" ރިލްވާނުގެ އާއިލާއިން ނެރުނު ބަޔާނުގައި ވެއެވެ.

ރިލްވާން ގެއްލިފައި ވަނީ 2014 ވަނަ އަހަރުގެ އޯގަސްޓު މަހުގެ 7 ވަނަ ދުވަހުގެ ރޭ ދަންވަރުގެ ވަގުތެއްގައެވެ.