27 Oct 2018, 12:44
ސްރީލަންކާ ސަރުކާރުގެ ކޯލިޝަން ރޫޅުނީ އިންޑިއާއަށް އެގައުމުގެ ޕޯޓެއް ދިނުމުގެ މައްސަލައިގައި ކަމަށް ރިޕޯޓުތައް ބުނެފިއެވެ.
ބީބީސީން ބުނީ ލަންކާގެ ރައީސް ކަމަށް މައިތިރިޕާލާ ސިރިސޭނާ ގެނައުމުގައި އެންމެ އިސް ދައުރެއް އަދާކުރެއްވި ބޮޑުވަޒީރުގެ ޕާޓީއާއި ރައީސްގެ ޕާޓީއާ ދެމެދު މައްސަލަ ދިމާވީ ލަންކާގެ ޕޯޓެއް ތަރައްގީކޮށް ހިންގުމަށް އިންޑިއާއަށް ދިނުމަށް ކެބިނެޓުން ނިންމި ނިންމުމަކާ ގުޅިގެންކަމަށެވެ.
ލަންކާ ސަރުކާރުގެ ކޯލިޝަން ރޫޅި، އެގައުމުގެ ޕްރައިމް މިނިސްޓަރަކަށް ކުރީގެ ރައީސް މަހިންދަ ރާޖަޕަކްސާ ރޭ ވަނީ އައްޔަނު ކޮށްފައެވެ. ނަމަވެސް ބޮޑުވަޒީރު ރަނިލް ވިކްރަމަސިންހަ ވިދާޅުވަނީ ބޮޑުވަޒީރުގެ މަގާމުގައި އަދިވެސް ހުންނެވީ އޭނާ ކަމަށެވެ.
ސްރީލަންކާގެ ޕްރައިމް މިނިސްޓަރަކަށް މަހިންދަ އައްޔަނުކުރެއްވީ ރައީސް ސިރިސެނާއެވެ. އެއީ ގާނޫނު އަސާސީއިން އޭނާއަށް ލިބިދޭ ބާރުގެ ދަށުންނެވެ. ނަމަވެސް ވިކްރަމަސިންހަގެ ސަޕޯޓަރުން ބުނަމުންދަނީ މި ނިންމުމަކީ ޣައިރު ގާނޫނީ ނިންމުމެއް ކަމަށެވެ.
ލަންކާގެ ކެބިނެޓުގެ ތަރުޖަމާނު ރައިތާ ސެނަރަތުނޭ ވެސް ވިދާޅުވެފައިވަނީ ބޮޑުވަޒީރަކީ އަދިވެސް ވިކްރަމަސިންހަ ކަމަށެވެ.