26 Oct 2018, 22:07
އަންކަރާ (އޮކްޓޯބަރ 26) : އިސްތަންބޫލްގައި ހުންނަ ސައޫދީ ކޮންސިއުލޭޓްގައި އެގައުމުގެ ނޫސްވެރިޔާ ޖަމާލް ޚާޝުގްޖީ އަވަހާރަކޮށްލި ޖަރީމާ ހިންގީ ދުރާލައި ރާވައިގެން ސައޫދީ ސަރުކާރުން އެކަމަށް ފޮނުވި ބައެއްކަމަށާއި ޚާޝުގްޖީ އަވަހާރަކޮށްލުމަށް އަމުރުކުރި އިސްފަރާތް ހާމަކޮށް އޭނާއަށް ހައްގު އަދަބު ނުދީފިނަމަ އެޖަރީމާގެ ޒިންމާއިން ސައޫދީ ސަރުކާރަށް ސަލާމަތްވެވޭނެ އެއްވެސް ގޮތެއް ނޯންނާނެ ކަމަށް ތުރުކީގެ ރައީސް ރަޖަބް ތައްޔިބު އުރުދުޣާން ވިދާޅުވެއްޖެއެވެ.
ތުރުކީގައި ވެރިކަންކުރާ ޖަސްޓިސް އެންޑް ޑިވެލޮޕްމެންޓް ޕާޓީ ގެ ބައްދަލުވުމެއްގައި ހުކުރުދުވަހު ވާހަކަ ދައްކަވަމުން އުރުދުޣާން ވިދާޅުވީ ޚާޝުގްޖީ އަވަހާރަކޮށްލުމަށް އަމުރުކުރި އެންމެ އިސްފަރާތަކީ ކާކުކަން ސައޫދީ އަށް އެނގޭނެކަމަށާ އެފަރާތް ހާމަކޮށް އެފަރާތަށް ހައްގު އަދަބު ދޭންޖެހޭ ހިސާބަށް ބައިނަލްއަގްވާމީ ފިއްތުންތައް ސައޫދީ އަށް އަމާޒުވާނެ ކަމުގައެވެ. އަދި ޚާޝުގްޖީ ގެ ހަށިގަނޑު އޮތްތަންވެސް ސައޫދީން ބުނެދޭންޖެހޭ ކަމަށާ ޚާޝުގްޖީ އަވަހާރަކޮށްލި ކަމަށް ސައޫދީ އެންމެފަހުން އެއްބަސްވިގޮތަށް މިހުރިހާ ކަންކަމުގެ ހަގީގަތްވެސް ބުނެދިނުމަށް ސައޫދީ ސަރުކާރަށް އުރުދުޣާން ގޮވާލެއްވިއެވެ.
ޚާޝުގްޖީ ސައޫދީ ކޮންސިއުލޭޓުން ބޭރަށް ނުކުންނެވި ކަމަށް ބުނެ ދެހަފްތާވަންދެން އެގޮތުގައި ހިފެހެއްޓުމަށްފަހު ދުނިޔޭގެ ފިއްތުންތައް ބޮޑުވެގެން އެންމެފަހުން ސައޫދީންވަނީ ކޮންސިއުލޭޓްގައި ޚާޝުޖްގީ އަވަހާރަކޮށްލި ކަމަށް އެއްބަސްވެފައެވެ. ޚާޝުގްޖީ މަރާގުޅިގެން ބައިނަލްއަގްވާމީ ފިއްތުންތައް ބޮޑުވުމާއެކު ސައޫދީންވަނީ އެޖަރީމާ ހިންގި ކަމަށްބުނެ 18 މީހަކު ހައްޔަރުކޮށްފައެވެ. އުރުދުޣާންވަނީ އެމީހުންގެ ޝަރީއަތް ތުރުކީގައި ހިންގުމަށް އެދިވަޑައިގެންފައެވެ. މިމައްސަލާގައި ތުރުކީގެ ޕްރޮސެކިއުޓަރ ޖެނެރަލް އާ ބައްދަލުކުރެއްވުމަށްޓަކައި ސައޫދީ ޕްރޮސެކިއުޓަރ ޖެނެރަލް ޝައިޚް ސުއޫދުލްމުޢްޖިބް އަންނަ އާދިއްތަ ދުވަހު ތުރުކީ އަށް ވަޑައިގަންނަވާ ގޮތަށް މިހާރުވަނީ ހަމަޖެހިފައެވެ.
ޚާޝުޖްގީ އަވަހާރަކޮށްލި މައްސަލާގައި އަމިއްލަ ނަފްސު ދިފާއުކުރަން ސައޫދީ އަށް ޖެހިފައިވާއިރު މިކަމުގައި ސައޫދީ ސަރުކާރުންވަނީ 3 ފަހަރު 3 ގޮތަށް ބަޔާން ނެރެފައެވެ. އީރާނުންވަނީ ސައޫދީން މިޖަރީމާ ހިންގާފައިވަނީ އެމެރިކާގެ ރައްކާތެރިކަން ލިބިގެން ކަމަށާ މިޖަރީމާގައި އަޑިއަޑިން އެމެރިކާވެސް ޝާމިލްވާކަމަށް ބުނެފައެވެ. (އަލްޖަޒީރާ)