ލަންކާގެ ރައީސް، މައިތިރިޕާލާ ސިރިސޭނާ މަރާލަން އުޅުނު ކަމުގެ ތުހުމަތުގައި އެ ގައުމުގެ އިސްފުލުހަކު ހައްޔަރުކޮށްފިއެވެ.

ލަންކާގެ ރައީސް މަރާލަން އުޅުނު ކަމުގެ ތުހުމަތުގައި އިއްޔެ މީހަކު ހައްޔަރުކޮށްފައިވާ އިރު އެ ގައުމުގެ ބޮޑު ވަޒީރު ކަމުގެ މަގާމުގައި ހުންނެވި ރަނިލް ވިކްރަމަ ސިންހަ ވަކިކޮށް، ބޮޑުވަޒީރުގެ މަގާމުގެ ހުވާ، ކުރީގެ ރައީސް މަހިންދަރާޖަ ޕަކްސަ މިރޭ ވަނީ ކުރައްވާފައެވެ. ރަނިލްގެ ޕާޓި ޔުނައިޓް ފްރީޑޮމް ޕަޓީ ވެސް މިއަދު ވަނީ ސަރުކާރުން ވަކިވެފައެވެ.

ރައީސް ސިރިސޭނާ އަވަހާރަކޮށްލަން އުޅުނުކަމުގެ ތުހުމަތުގައި ފުލުހުންގެ އިސް އޮފިޝަލެއް ކަމުގައިވާ ނަލަކަ ޑި ސިލްވާ ހައްޔަރުކޮށްފައިވަނީ އިއްޔެއެވެ.

ފުލުހުންގެ ތަރުޖަމާނު ރުވާން ގުނެސޭކަރަ ބުނީ ސިލްވާ ހައްޔަރުކޮށްފައިިވަނީ ފަސް ދުވަސް ވާންދެން އޭނައާ ސުވާލު ކުރުމަށް ފަހުގައި ކަމަށާއި އޭނާގެ މައްޗަށް ފުލުހުންގެ އިސް އޮފިޝަލުންތަކަކާއި އަދި ކުރީގެ ޑިފެންސް ސެކެޓްރީ ގޮތަބަޔާ ރާޖަޕަކްސަ މަރާލަން އުޅުނު ކަމުގެ ތުހުމަތު ވެސް ކުރެވޭ ކަމަށެވެ.

އޭނާގެ ބަންދުގެ މުއްދަތު ވަނީ މިއަންނަ މަހު 7 ވަނަ ދުވަހާ ހަމައަށް ޖަހާފައެވެ.

މިދިޔަ ހަފްތާ ތެރޭގައި ސިރިސޭނާ އަވާހަރަކޮށްލަން އިންޑިއާއިން ރާވަމުންދާ ކަމަށް ސިރިސޭނާ ތުހުމަތު ކުރެއްވި ކަމަށް ބުނެ އިންޑިއާގެ ނޫހަކުން ވަނީ ރިޕޯޓު ކޮށްފައެވެ.

އެރިޕޯޓުތަކުގައިވާ ގޮތުން ސިރިސޭނާ ވަނީ އޭނާ އަވަހާރަކޮށްލަން މަސައްކަތް ކުރަނީ އިންޑިއާގެ ޚާރިޖީ ޖާސޫސީ އިދާރާ، ރޯގެ އޭޖެންޓެއް ކަމަށް ވިދާޅުވެފައެވެ.

ނަމަވެސް ސިރިސޭނާގެ މީޑިއާ ޑިވިޝަނުން ވަނީ އެރިޕޯޓުތައް ދޮގުކޮށްފައެވެ. ކެބިނެޓު ބައްދަލުވުމުގައި ރައީސް އަވަހާރަކޮށްލަން ބަޔަކު ރޭވި ކަމަށް ބުނާ މައްސަލައާ ބެހޭ ގޮތުން މަޝްވަރާ ކުރި ނަމަވެސް، އެރޭވުމުގެ ފަހަތުގައި ވަނީ އިންޑިއާ ކަމަށް ސިރިސޭނާ ވިދާޅުނުވާ ކަމަށް އެ ރިޕޯޓު ތަކުގައި ބުނެފައި ވެއެވެ.