ޑައިރެކްޓަރު އަނޫރާގް ބާސޫގެ ކާމިޔާބު ފިލްމު "ލައިފް އިން އަ މެޓްރޯ" އަށް ވަގުތު ދެވެން ނެތް ކަމަށް ބުނެ ބަތަލާ ޕަރިނީތީ ޗޯޕްރާ އެ ފިލްމު ދޫކޮށްލައިފައިވާ ކަމަށް ބުނެ ދެކެވެމުން އަންނަ ވާހަކަތައް ޕަރިނީތީ ޔަގީންކޮށްދީފިއެވެ.

ޕަރިނީތީގެ ތަރުޖަމާނު ނެރުނު ކުރު ބަޔާނެއްގައި ބުނެފައި ވަނީ ޕަރިނީތީ ފިލްމު ދޫކޮށްލީ އަނޫރާގް ހުށަހެޅި ތާރީޚުތަކާ، ޕަރިނީތީ މިހާރު މަސައްކަތް ކުރަމުން އަންނަ ދެ ފިލްމެއްގެ ޝޫޓިން ފުށޫއަރާތީއެވެ.

"އެހެންކަމުން ޕަރިނީތީއަށް ޖެހުނީ އަނޫރާގްގެ ފިލްމު ދޫކޮށްލަން،" ބަޔާނުގައި ބުނެފައިވެއެވެ.

ޕަރިނީތީ މިހާރު ކުރަމުން އަންނަނީ "ކޭސަރީ" އަދި ޖަބަރިޔާ ޖޯޅީ" ގެ މަސައްކަތެވެ. ދެ ފިލްމުގެ ޝޫޓިން ވެސް މިހާރު ވަނީ ފަށައިފައެވެ.

ޕަރިނީތީ "ލައިފް އިން އަ މެޓްރޯ 2" އަށް އެއްބަސްވީ ވެސް އެ ދެ ފިލްމުގެ މަސައްކަތް ފެށުމަށް ފަހު ކަމަށްވާތީ، ގިނަ ބަޔަކު އަންނަނީ އޭނާ ފިލްމު ދޫކޮށްލީ ގިނަ ތަރިންތަކަކާ އެކު ފިލްމު ކުޅެން ބޭނުން ނުވާތީ ކަމަށް ބުނަމުންނެވެ.

"ލައިފް އިން އަ މެޓްރޯ" ގައި ވެސް ބޮލީވުޑްގެ ފުންނާބު އުސް ގިނަ ފަންނާނުންތަކެއް އެކުގައި ފެނިގެން ދިޔައެވެ. އޭގެ ތެރޭގައި ޝިލްޕާ ޝެޓީ، އިރްފާން ޚާން، ކަންގަނާ ރަނައުތު އަދި ކޮންކަނާ ސެން ޝަރްމާ ފަދަ އެކްޓަރުން ފާހަގަކޮށްލެވެއެވެ.
ފިލްމުގެ ދެވަނަ ބައިގައި ވެސް ގިނަ އަދަދެއްގެ ފުންނާބު އުސް އެކްޓަރުން ހިމަނާނެ ކަމަށް ބެލެވެއެވެ. ޕަރިނީތީ ފިލްމު ދޫކޮށްލީ މަޝްހޫރު ގިނަ ފަރާތްތަކާ އެކު ފިލްމެއްގެ މަސައްކަތް ކުރުމަކީ މިވަގުތަށް އޭނާގެ ކެރިއަރަށް އެންމެ ރަނގަޅު ގޮތް ނޫން ކަމަށް ގަބޫލު ކުރާތީ ކަމަށް ވެސް އެއްބަޔަކު އަންނަނީ ބުނަމުންނެވެ.