26 Oct 2018, 18:50
ނޫސްވެރިޔާ ޖަމާލް ޚާޝުގްޖީގެ ދޮށީ ދަރިފުޅު ސައުދީ އަރަބިއާ އިން ބޭރަށް ނިކުތުމުގެ ހުއްދަ ދިނުމާއެކު އެމެރިކާއަށް ހިނގައްޖެއެވެ.
ސައުދީ ސަރުކާރާ ދެކޮޅަށް ފާޅުގައި ފާޑުކީ ނޫސްވެރިޔާގެ ދަރިފުޅު ސައުދީ އިން ބޭރުވުން މަނާކޮށްފައިވަނީ ސައުދީ ސަރުކާރަށް ފާޑުކިޔައި ޚާޝުގްޖީ ލިޔަމުން ދިޔަ ލިޔުންތަކާ ގުޅިގެންނެވެ.
ހާޝުގްޖީގެ މަރާގުޅިގެން ސައުދީ ސަރުކާރުން ވަނީ އޭނާގެ އާއިލާ އަށް ތައުޒިޔާ ކިޔައިފައެވެ.
ތުރުކީގައި ހުންނަ ސައުދީ ކޮންސިއުލޭޓަށް މިމަހުގެ ދެވަނަ ދުވަހު ޚާޝުގްޖީ ދިޔަފަހުން އޭނާ ފެނިފައެއް ނުވެއެވެ. ކޮންސިއުލޭޓް ތެރޭ އޭނާ މަރުވެފައިވާކަމަށް ސައުދީ އިން ފަހުން ވަނީ ބުނެފައެވެ.
ޚާޝުގްޖީގެ މަރުގެ ތަފްސީލު ހާމަކުރުމަށް ސައުދީއަށް ގޮވާލެވެމުންދާއިރު އެގައުމުގެ ޕަބްލިކް ޕްރޮސެކިއުޓަރު މިހާރު ވަނީ ތުރުކީއަށް ގޮހެވެ. ހާޝުގްޖީގެ މަރުގެ ތަފްސީލު އާންމުކުރުމަށް ގޮވާލައި ސައުދީ އަށް އެންމެ ޕްރެޝަރު ކުރަނީވެސް ތުރުކީ އިންނެވެ. ތުރުކީގެ ރައީސް ރަޖަބު ޠައްޔިބު އުރުދުޣާން ވަނީ ޚާޝުގްޖީގެ މަރާ ގުޅޭ ގިނަ ކަންތައްތަކެއް ތުރުކީއަށް އެނގޭކަމަށް ވިދާޅުވެފައެވެ.
ސައުދީ އިން ބުނެފައިވަނީ ޚާޝުގްޖީގެ މަރުގެ ފަހަތުގައި އެގައުމުގެ ވަލީ އަހުދު މުހައްމަދު ބިން ސަލްމާނުގެ އެއްވެސް އަތެއް ނެތް ކަމަށެވެ. ސައުދީ ސަރުކާރުގެ ވާހަކަތައް ގަބޫލުކުރެވޭން ނެތްކަމަށް ރަޝިއާ އިން ވަނީ ބުނެފައެވެ.