ދަތުރުވެރިންގެ ވަގުތީ މާރުކޭޓު ހުރި ސަރަހައްދުގައި އައު މަސް މާރުކޭޓެއް ހަދަން ނިންމާފައިވާ ކަމަށް މާލޭ ސިޓީ ކައުންސިލުން ބުނެފި އެވެ.

ސިޓީ ކައުންސިލްގެ ޑީއާރުޕީ މެންބަރު އިބްރާހިމް ސުޖާއު މިއަދު ވިދާޅުވީ ކަރާ މާރުކޭޓް ހުންނަ ސަރަހައްދުގައި އައު މާރުކޭޓެއް އަޅާނީ ދިވެހި އުފެއްދުންތައް ވިއްކޭނެ ގޮތަށް ކަމަށެވެ. އެ މާރުކޭޓަށް އިންވެސްޓްކުރުމަށް ޝައުގުވެރިވާ ފަރާތްތައް ހޯދުމަށް އަންނަ ހޯމަ ދުވަހު އިއުލާން ކުރައްވާނެ ކަމަށް ވެސް ސުޖާއު ވިދާޅުވީ އެވެ.

"އަޅުގަނޑުމެން މިބަލަނީ ވީހާ ވެސް ބޮޑުކޮށް މަސްނޫނަސް ދިވެހި އެހެން އުފެއްދުންތައް ވިއްކޭގެ ގޮތަށް އެ މާރުކާޓު އެޅުމަށް. އަޅުގަނޑުމެންނަށް ޕްރޮޕޯޝަލްތައް އަންނަ ގޮތަކުން އެނގޭނީ،" ސުޖާއު ވިދާޅުވި އެވެ.

މަތީ ފުލޯތަކުގައި ދިވެހި އުފެއްދުންތައް ވިއްކޭ ގޮތަށް އެޅުމަށް ނިންމާފައިވާ އެ މާރުކޭޓުއެޅުމަށް 57 މިލިއަން ރުފިޔާ ހަރަދުވާނެ ކަމަށް ވެސް ސުޖާއު ވިދާޅުވި އެވެ.

މާލޭގައި އިތުރު މާރުކޭޓެއް އަޅާއިރު މިހާރު ހިންގާ މަސްމާރުކޭޓު އަމިއްލަ ފަރާތަކަށް ހިންގަން ދިނުމަށް ވަނީ ހުޅުވާލައިފަ އެވެ.

ސުޖާއު ވިދާޅުވީ އައު މާރުކޭޓު އަޅާ ނިމުމުން މިހާރު ހުރި މަސްމާރުކޭޓު އުވާލާނެ ކަމަށެވެ.

"މިހާރު ޕްލޭނިން ކައުންސިލުން ނިންމާފައި އޮތް ގޮތުން އެތަން އޮންނާނީ ޕާކެއް ކަހަލަ ތަނެއްގެ ގޮތުގައި." ސުޖާއު ވިދާޅުވި އެވެ.