ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ މައްޗަށް ޓެރަރިޒަމްގެ ދައުވާ އުފުލުން ގަބޫލު ނުކުރައްވާ ކަމަށް މިސަރުކާރުގެ ފުރަތަމަ ފޮރިން މިނިސްޓަރު ދުންޔާ މައުމޫނު ވިދާޅުވެއްޖެއެވެ.

ރައީސް ޔާމީން ސަރުކާރުގެ ފުރަތަމަ ފޮރިން މިނިސްޓަރުކަން ކުރެއްވި ދުންޔާ މިއަދު ވިދާޅުވީ އެކަމަނާ މިނިސްޓަރުކަމުގައި ހުރިއިރު ކަންތައްތަކެއް ގޯހުންގޯހަށް ދާތަން ފެނުނު ކަމަށެވެ. އޭރު މަސައްކަތް ކުރެެއްވީ ރާއްޖޭގެ ތަސައްވަރު ރަނގަޅުކުރަންކަމަށް ދުންޔާ ވިދާޅުވިއެވެ.

ރައީސް ނަޝީދާ އިތުރު ސިޔާސީ ކުށްވެރިންތަކެއް ހައްޔަރު ކުރުމުން ބައިނަލްއަގުވާމީ ދުނިޔެއިން ރާއްޖެއަށް ކީ ފާޑުކިޔުންތަކަށް އޭރު ޖަވާބުދާރީވެލެއްވީ ފޮރިން މިނިސްޓަރުގެ ހައިސިއްޔަތުން ދުންޔާއެވެ.

ދުންޔާ މިއަދު ވިދާޅުވީ އޭރުވެސް ހިތްހަމަނުޖެހޭ ކަންތައްތައް ދިމާވިކަމަށާއި ނަމަވެސް މަގާމުގެ ގޮތުން ފާޅުގައި އެވާހަކަ ނުދެއްކެވީ ކަމަށެވެ.

"އަޅުގަނޑުވެސްގަބޫލެއް ނުކުރަން އިނގޭތޯ އެގެނައި ޗާޖެއް. ޓެރަރިޒަމްގެ ދައުވާ ދެއްތޯ؟ އަޅުގަނޑުމެންނަށް ފެނުނު ޝަރީއަތް އަވަސްއަރުވާލައިގެން ގެންދިޔަގޮތް. އެވެސް މުޅި ދުނިޔޭގެ ސަމާލުކަމަށް އައި. އެއާ އަޅުގަނޑު ޑީލް ކުރަން ޖެހުން،"

ދުންޔާ ވިދާޅުވީ ކޮންމެ [ސިޔާސީ] މީހަކަށްވެސް އޭރު އައީ ޓެރަރިޒަމްގެ ދައުވާ ކަމަށާއި އެކަމާ ގުޅިގެން ބައިނަލްއަގުވާމީ ދުނިޔޭގެ ސުވާލުތަކާ ކުރިމަތިލާން ޖެހިވަޑައިގަތް ކަމަށެވެ. އެކަމަށް ޖަވާބުދާރީވާން އުނދަގޫވިކަމަށް ދުންޔާ ވިދާޅުވިއެވެ.

ރައީސް ނަޝީދު އަންނަ ބުރާސްފަތިދުވަހު ރާއްޖެވަޑައިގަންނަވާނީ މިނިވަނެއްގެ ގޮތުގައިކަމަށް އެމްޑީޕީގެ ގްރާސްރޫޓުގައި ހިމެނޭ ފަރާތްތަކުން ބުނަމުންދާއިރު އެކަމާ ގުޅިގެން ދުންޔާ ވިދާޅުވީ ލިބެންޖެހޭ އިންސާފުގެ ތެރެއިން މިނިވަންކަން ލިބުމަކީ އެދުން ކަމަށެވެ.

"އަޅުގަނޑު އެދެން ރައީސް ނަޝީދަށްވެސް އިންސާފު ލިބުން. އަޅުގަނޑު އެދެނީ ހުރިހާ ރައްޔިތުންނަށްވެސް ހަމަހަމަގޮތެއްގައި އިންސާފުލިބުން،"

ރައީސް ނަޝީދުގެ މައްސަލާގައި އދ. އަށްވެސް ޖަވާބުދާރީވާން ޖެހުނުކަން ފާހަގަކުރައްވާ ދުންޔާ ވިދާޅުވީ އދ. އިން ނިންމައިގެން ރައީސް ނަޝީދު މިނިވަންވާންޖެހޭ ކަމަށް ގަބޫލު ނުކުރައްވާ ކަމަށެވެ. ރާއްޖެއިން ބައިނަލްއަގުވާމީ ގިނަ މުވާހަދާތަކުގައި ބައިވެރިވެފައިވީނަމަވެސް، ގައުމުގެ ނިންމުންތައް ނިންމަންޖެހޭނީ ގައުމުގެ ގާނޫނުގެ ތެރެއިންކަމަށް ދުންޔާ ވިދާޅުވިއެވެ. އެހެންނޫންނަމަ ގައުމުގެ އަމިއްލަވަންތަކަމާއި އިސްތިގުލާލު ނޯންނާނެކަމަށް ދުންޔާ ވިދާޅުވިއެވެ.

"އަޅުގަނޑަކަށް ހިޔެއްނުވޭ ބޭރުގައި ހުރި ކޯޓުތަކަކުން ނުވަތަ އިންސްޓިޓިއުޝަންތަކަކުން ރާއްޖޭގެ ކަންތައްތައް ނިންމޭނެހެންނެއް. ރާއްޖޭގެ ސިސްޓަމް ތްރޫކޮށް އެހެން ކުށްވެރިންވެސް މިނިވަންވެގެންދާތަން އެބަފެނޭ. އަޅުގަނޑުދަންނަވާނީ ރައީސް ނަޝީދުވެސް އެހެން ބޭފުޅުންވެސް ޕްރޮސެސް އަށް ރެސްޕެކްޓު ކުރައްވާށޭ. އޭރަށް ކަންނޭނގެ އަޅުގަނޑުމެންގެ އިންސްޓިޓިއުޝަންތަކަށް އިތުބާރު އޮންނާނީ،" ދުންޔާ ވިދާޅުވިއެވެ.