މަޝްހޫރު ބަތަލާ ޕްރިޔަންކާ ޗޯޕްޅާ އާއި ލަވަކިޔުންތެރިޔާ ނިކް ޖޯނަސްގެ ކައިވެނި ކުޑަތަން ވަމުން އަންނަނިކޮށް ނިކް، ޕްރިޔަންކާއަށް ހަދިޔާއެއްގެ ގޮތުގައި އަގޮބޮޑު ގެއެއް ގަނެދީފިއެވެ.

ޕްރިޔަންކާއަށް ގަނެދީފައިވާ ހިތްގައިމު އަދި އެހާމެ އަގުބޮޑު ގެ އަކީ ލޮސްއެންޖެލިސްގެ އެންމެ ހިތްފަސޭހަ އެއް ސަރަހައްދު ކަމަށްވާ ބެވަލީ ހިލްސް އިން ގަނެފައިވާ ގެއެކެވެ. އެގޭގެ އަގު 6.5 މިލިއަން ޑޮލަރަށް އަރައެވެ.

ފަސް ކޮޓަރި ހުންނަ އެ ގެއަކީ އެންމެ މިޒަަމާނުގެ ފެންވަރަށް ހަދާފައިވާ ޕޫލް އެއް ވެސް އޮޮންނަ ލަގްޒަރީ ގެއެކެވެ. ގޭގެ އެންމެ ހާއްސަ ކަމަކީ އިންޑޯ އާއި އައުޓްޑޯ ލައިފް ސްޓައިލަށް ގެ ޑިޒައިންކޮށްފައި ހުރުމެވެ.

މިހާރުވެސް ނިއުޔޯކްގެ ލަގްޒަރީ އެޕާޓްމެންޓެއްގައި ދިރިއުޅެމުން އަންނަ ޕްރިޔަންކާއަށް ނިކް އެ ގެ ގަނެދިނީ ޕްރިޔަކްނާގެ 36 ވަނަ އުފަން ދުވަހުގެ ވެސް ކުރިން ކަމަށް ހަބަރުތައް ބުނެއެވެ.

މިދިޔަ އޯގަސްޓު މަހުގެ 18 ވަނަ ދުވަހު މުމްބާއީގަ ރަސްމީކޮށް އެންގޭޖްމެންޓު އިއުލާން ކޮށް ކައިވެންޏަށް މިހާރު ތައްޔާރު ވަމުން އަންނަ ޕްރިޔަންކާ، ނިކް ގަނެދީފައިވާ ގެއަށް މިހާރުވެސް ޒިޔާރަތް ކުރާ ކަމަށް ހަބަރުތައް ލިބެއެވެ.

އަޑުތައް ފެތުރިފައިވާ ގޮތުގައި އެ ދެމީހުންގެ ކައިވެނި މިހާރު ވަނީ އަންނަ އަހަރުގެ ޖެނުއަރީއަށް ލަސްވެފައެވެ. ނަމަވެސް ޕްރިޔަންކާ އާއި ނިކް އިން ކުރެން އެކަކުވެސް ކައިވެނީގެ ތާރީހާއި ބެހޭގޮތުން އެއްްވެސް ބަހެއް އަދި ނުބުނެއެވެ.