26 Oct 2018, 11:14
ގިނަ އަހަރު ތަކަކަށް ފަހު، ބަތަލާ އަދި ރީތީގެ ރާނީ ސެލީނާ ޖެއިތުލީ ބޮލީވުޑް ފިލްމަކަށް އެެއްބަސްވެއްޖެއެވެ.
ސެލީނާ އެނބުރި އަންނަނީ ރާމް ކަމާލް މުކަރްޖީގެ "ސީޒަންސް ގްރީޓިންގްސް" ކިޔާ ފިލްމަކުންނެވެ. މި ފިލްމު ވެގެންދާނީ ހަތް އަހަރަށް ފަހު ސެލީނާ ފެނިގެންދާ ފުރަތަމަ ފިލްމަށެވެ.
ސީޒަންސް ގްރީޓިންގްސް އަކީ މަންމަ އާއި އަންހެން ދަރިފުޅުގެ ގުޅުމުގެ މައްޗަށް އުފައްދާ ފިލްމެކެވެ. ފިލްމުގައި ސެލީނާ އަދާކުރާނީ ދަރިފުޅުގެ ރޯލެވެ. ސެލީނާގެ މަންމަގެ ރޯލުން ފެނިގެން ދާނީ ވެޓެރަން އެކްޓަރު ލިލެތު ދޫބޭއެވެ. ފިލްމުގައި ފިރިހެން ލީޑުން ފެނިގެން ދާނީ ފިލްމީ ދާއިރާއަށް މުޅިން އަލަށް ތައާރަފުވާ އަޒްހަރް ޚާންއެވެ.
ކައިވެންޏަށްފަހު ސެލީނާ ދިރިއުޅެމުން ދަނީ ދުބާއީގައެވެ. މިހާރު އެއީ ތިން ކުދިންގެ މަންމައެކެވެ.
ސެލީނާ ބުނީ އޭނާ ފިލްމީ ދާއިރާ އާއި ދުރުގައި ހުރީ އާއިލާއަށް ވަގުތު ދިނުމުގެ އިތުރުން ރަނގަޅޫ ސްކްރިޕްޓެއް ލިބެންދެނެވެ. އަދި 'ސީޒަންސް ގްރީޓިންގްސް' އަކީ ވަރަށް ގަޔާވި ސްކްރިޕްޓެއް ކަމަށާއި، ފިލްމުގައި މަސައްކަތް ކޮށްލަން ލިބުމުން އުފަލުން ހުރިކަން ސެލީނާ ފާހަގަކުރި އެވެ.
ފިލްމުގެ މަންޒަރުތައް ނެގުމަށް ހަމަޖެހިފައިވަނީ އިންޑިއާގެ ކޮލްކަތާގައެވެ.