އެންޓި ޑިފެކްޝަން ގާނޫނު އުވާލުމަކީ މަޖިލިސް މެމްބަރުންގެ ޓްރާންސްފާ މާކެޓު ހުޅުވުން ކަމަށް ކުރީގެ އުއްތަމަ ފަނޑިޔާރު އަހުމަދު ފާއިޒު ހުސައިން ވިދާޅުވެއްޖެ އެވެ.

އެންޓި ޑިފެކްޝަން ގާނޫނަކީ ރައްޔިތުންގެ މަޖިލީހުގެ މެމްބަރުން އެބޭފުޅުން އިންތިހާބު ވާއިރު ތިއްބަވާ ޕާޓީ ދޫކުރައްވައި ވަޑައިގެންފި ނަމަ މެމްބަރުކަން ގެއްލޭ ގޮތަށް މި އަހަރުގެ ކުރީކޮޅު ރައްޔިތުންގެ މަޖިލީހުން ފާސް ކުރި ގާނޫނެކެވެ. އެ ގާނޫނު ފާސް ކުރީ ސަރުކާރަށް ތާއީދު ކުރާ މެމްބަރުންގެ ވޯޓުންނެވެ.

އެންޓިޑިފެކްޝަން ގާނޫނު އުވާލަން ވިލުފުށި ދާއިރާގެ މެމްބަރު ރިޔާޒް ރަޝީދު ހުށަހަޅުއްވާފައިވާ އިރު އެ ހަބަރުގެ ލިންކު މީސް މީޑިއާގައި ޝެއާ ކުރައްވައި ފާއިޒް ވިދާޅުވީ އެންޓިޑިފެކްޝަން ގާނޫނުގައި ހުރި ގާނޫނު އަސާސީއާ ހިލާފު މާއްދާތައް އުވާލިކަމުގައި ވިޔަސް އެގާނޫނު އެއްކޮށް އުވާލުމަކީ މަޖިލީސް މެމްބަރުންގެ ޓްރާންސްފާ މާކެޓެއް ހުޅުވާލުން ކަމަށެވެ. އަދި އެ ގާނޫނު އުވާލައިފި ނަމަ ނުހައްގު މުއްސަނދި ކަމަށް ޖާގަ ދެވުނީ ކަމަށް އޭނާ ވިދާޅުވި އެވެ.

"އެންޓިޑިފެކްޝަން ގާނޫނުގައި ހުރި ގާނޫނު އަސާސީއާ ހިލާފު މާއްދާތައް އުވާލިކަމުގައި ވިޔަސް އެގާނޫނު އެއްކޮށް އުވާލުމަކީ އެމްޕީސްގެ ޓްރާންސްފާ މާކެޓެއް ހުޅުވާލުމެވެ. ނުހައްްގު މުއްސަނދިކަމަށް ޖާގަދިނުމެވެ،" ފާއިޒް ވިދާޅުވި އެވެ.

އެންޓިޑިފެކްޝަން ގާނޫނު އުވާލަން މަޖިލީހަށް ހުށަހަޅާފައިވާއިރު ވެރިކަމަށް ވަޑައިގެންނެވުމަށްފަހު އެ ގާނޫނު އުވާލައްވާނެ ކަމަށް އިންތިހާބީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު، އިބޫ ވަނީ ވައުދުވެވަޑައިގެންފަ އެވެ.

އެންޓި ޑިފެކްޝަން ގާނޫނު ފާސްކޮށްފައިވަނީ ގާނޫނެއް ފާސްކުރަންޖެހޭ އަދަދަށް މެންބަރުން މަޖިލީހުގެ ތަޅުމުގައި ނެތީސް ކަމަށް ބުނެ އެ ގާނޫނު ބާތިލު ކުރަން އިދިކޮޅުުން ސުޕްރީމް ކޯޓަށް މައްސަލަ ވެސް ހުށަހެޅި އެވެ. ނަމަވެސް ސުޕްރީމް ކޯޓުން ނިންމީ އެކަން ކުރީ ޒަރޫރީ ހާލަތެއްގައި ކަމަށާއި އެހެން ކަމުން އެ ގާނޫނު ބާތިލްކުރަން ނުޖެހޭ ކަމަށެވެ.