26 Oct 2018, 10:17
ރައްޔިތުންގެ މަޖިލީހުން ފާސްކުރާ ގާނޫނުތައް ސުޕްރީމް ކޯޓުން ބާތިލު ކުރެވިގެން ވާނެ ކަމަށް ގަބޫލުފުޅު ނުކުރައްވާ ކަމަށް މަޖިލީހުގެ ނައިބު ރައީސް މޫސާ މަނިކު ވިދާޅުވެއްޖެ އެވެ.
ގިނަ ދުވަސްތަކެއް ވަން ދެން މަޖިލިސް ހުއްޓިފައިވާތީ އަލުން މަޖިލިސް ފެށުމާ ގުޅޭ ގޮތުން މައުލޫމާތު ދެއްވުމަށް ބުރާސްފަތި ދުވަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި މޫސަ ވިދާޅުވީ މަޖިލީހަކީ ސުޕްރީމް ކޯޓުން ހިންގާ ތަނަކަށް ވެގެން ނުވާނެ ކަމަށެވެ.
"އަޅުގަނޑުމެން މިތަނުން ފާސްކުރާހާ ގާނޫނަކީ ސުޕްރީމް ކޯޓުން ހުއްޓުވިގެން ވާނެ އެއްޗެއް ކަމަކަށް އަޅުގަނޑު ގަބޫލެއް ނުކުރަން އަދި އެ ފުރުސަތު އެގޮތަށް ދިނުމަކީ އެއީ ރާއްޖޭގައި ބާރުތައް ވަކިކުރެވިގެން މި ކުރެވޭ ވެރިކަން ވަރަށް ބޮޑަށް މަސްހުނިވެގެން ހިނގައިދާނެ ކަމެއް،" މޫސަ ވިދާޅުވި އެވެ.
ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފައިވާ ބައެއް ގާނޫނުތަކާއި ގާނޫނުތަކުގެ ބައިތައް ސުޕްރީމް ކޯޓުން ކުރިން ވަނީ ބާތިލުކޮށްފަ އެވެ.
މަޖިލީހުން ފާސްކުރާ ގާނޫނަކާއި ވިދިގެން ދުސްތޫރީ މައްސަލައެއްގެ ގޮތުގައި ސުޕްރީމް ކޯޓުން ނިންމުމެއް ނިންމަން ޖެހިއްޖެ ހާލަތެއްގައި މުޅި ގާނޫނު ބާތިލު ކުރުމުގެ ބަދަލުގައި "އެ ކަމެއްގެ އެ ބަޔަކަށް" ގޮތެއް ނިންމަން ޖެހޭ ކަމަށް ގަބޫލު ކުރާ ކަމަށް މޫސަ ވިދާޅުވި އެވެ.
"ރައްޔިތިންގެ މަޖިލީހުން ފާސްކުރާ ގާނޫނަކީ ރަނގަޅު ނޫން ގާނޫނެއް ކަމަށް ސުޕްރީމް ކޯޓަށް ފެނިވަޑައިގެން މީހަކު މައްސަލައެއް ޖައްސައިފި ނަމަ އެ ގާނޫނު އަލުން ރިވައިޒް ކުރުމަށް ޓަކައި ސުޕްރީމް ކޯޓުގެ ލަފާ ވެސް އަޅުގަނޑުމެނަށް ދީފި ނަމަ އެ ލަފައާ އެއްގޮތަށް އަޅުގަނޑުމެން ވެސް ކަންކަން ކުރާނަން،" މޫސަ ވިދާޅުވި އެވެ.
ރައްޔިތުންގެ މަޖިލީހަކީ މިނިވަން މުސްތަގިއްލު ދައުލަތުގެ އެންމެ ވަރުގަދަ ބާރުކަން ފާހަގަކުރައްވައި މޫސަ ވިދާޅުވީ އެތަނުން ނިންމާ ކަންކަން އެހެނިހެން މުއައްސަސާތަކުން މުރާޖާކޮށް ގޯހެއް އުޅޭ ނަމަ ވާހަކަ ދައްކައިގެން ހައްލު ކުރުމަކީ އެންމެ ރަނގަޅު ގޮތް ކަމަށެވެ.
"ސުޕްރީމް ކޯޓުން ރައްޔިތުންގެ މަޖިލިސް ހިންގާފައި. ސުޕްރީމް ކޯޓުން ކުރަން ޖެހޭ ކަންތައްތައް މަޖިލީހުން ކޮށްފައި. ވެރިކަމުގެ ބާރުތައް ސުޕްރީމް ކޯޓުން ހިންގާފައި. ރައިސުލްޖުމްހޫރިއްޔާއަކަށް ހުންނަ މީހާ ރައްޔިތުންގެ މަޖިލިސް ހިންގީމަ މުޅި ނިޒާމް މައްސުނިވޭ." މޫސަ ވިދާޅުވި އެވެ.