24 Sep 2011, 15:11
ގިނަ ގޯލުތަކެއް ޖަހާ ދުނިޔޭގެ އެންމެ މޮޅު ކުޅުންތެރިޔާގެ މަގާމަށް ވާދަކުރަން ބޭނުންވާ ކަމަށް މެންޗެސްޓާ ޔުނައިޓެޑްގެ ޕޯޗުގަލް ފޯވާޑް ނާނި ބުނެފި އެވެ.
މިސީޒަން ފެށުނީއްސުރެ ރަނގަޅު ކުޅުމެއް ދައްކަމުންދާ ނާނި ވަނީ އޭނާއަކީ ގޯލާއި ރައްޓެހި ކުޅުންތެރި އެއްކަން ޔަގީންކޮށްދީފަ އެވެ. އެގޮތުން ނާނި ވަނީ ކޮމިއުނިޓީ ޝީލްޑް މެޗުގައި މެންޗެސްޓާ ސިޓީ ކޮޅަށް ދެލަނޑު ޖަހާ އެ ޓްރޮފީ މެންޔުނައިޓެޑަށް ހޯދައިދިނުމަށް އެންމެ އިސް ދައުރެއް އަދާކޮށްދީފަ އެވެ.
މީގެ އިތުރުން ނާނި ވަނީ އާސެނަލް އާއި ދެކޮޅަށް މެންޔުނައިޓެޑް ކުޅުނު މެޗުގައި ލަނޑެއް ކާމިޔާބު ކޮށް އެންމެ ފަހުން ޕްރެމިއާ ލީގުގައި ޗެލްސީ އާއި ދެކޮޅަށް ކުޅުނު މެޗުގައި މޮޅު ކުޅުމެއް ދައްކާ ލަނޑެއް ކާމިޔާބު ކޮށްދީފަ އެވެ.
ދުނިޔޭގެ އެންމެ މޮޅު ކުޅުންތެރިންގެ ތެރޭގައި ހިމެނޭ ޕޯޗުގަލްގެ ކްރިސްޓިއާނޯ ރޮނާލްޑޯ އާއި އާޖެންޓީނާގެ ލައޮނަލް މެސީ އާއި ފައި ހަމަކުރަން ބޭނުންނަމަ ގޯލު ޖެހުމުގެ ހުނަރު ކޮންމެ މެޗެއްގައި ވެސް ނާނިގެ ފަރާތުން ފެންނަން ޖެހޭނެ އެވެ.
"ދުނިޔޭގެ އެންމެ މޮޅު ކުޅުންތެރިޔާ އަށްވުމަކީ އަހަރެންގެ ހުވަފެނެއް. އެހުވަފެން ހަގީގަތަކަށް ހަދަން އަހަރެން ބޭނުން. އޭގެ އިތުރުން ޓީމާއެކު ކާމިޔާބީ ހޯދަން އަހަރެން ބޭނުން. އަހަރެން ކުޅުން ނިންމާލާއިރު 'ނާނި އަކީ މޮޅު ކުޅުންތެރިއެކޭ' މީހުންގެ ދުލުން ބުނާ އަޑު އަހަން އަހަރެން ބޭނުން." ނާނި ބުންޏެވެ.
ނާނިގެ ހުވަފެންތައް ހަގީގަތަކަށް ވުމަށް މިރޭ ސްޓޯކް ސިޓީ އާއި ދެކޮޅަށް ޕްރެމިއާ ލީގުގައި ކުޅޭ މެޗުގައި ވެސް މޮޅު ކުޅުމެއް ދައްކަން އެބަ ޖެހެއެވެ. މިދިޔަ ސީޒަނުގައި ވެސް މޮޅު ކުޅުމެއް ދެއްކި ނާނި މިސީޒަނުގައި އެއަށްވުރެ މޮޅު ކުޅުމެއް ދައްކަން ބޭނުންކަމަށް އޭނާ ބުންޏެވެ.
"މިދިޔަ ސީޒަނަކީ މިހާތަނަށް އަހަރެންނަށް އެންމެ މޮޅަށް ކުޅެވުނު ސީޒަން. މިސީޒަނުގައި ވެސް އެއަށްވުރެ މޮޅު ކުޅުމެއް ދެއްކޭތޯ ވަރަށް މަސައްކަތް ކުރާނަން. އަހަރެން ހުރީހާ މެޗަކަށް 100% ފިޓް ނަމަ އަހަރެންނަށް އެއަށްވުރެ މޮޅު ކުޅުމެއް ދެއްކޭނެ ކަމާމެދު އެއްވެސް ޝައްކެއް ނެތް." ނާނި ބުންޏެވެ.