02 Jun 2010, 14:52
19:00
ފަލަސްތީނުގެ ގާޒާއަށް އެހީގެ ސާމާނު ހިފައިގެން ދަތުރުކޮށްފައި އައި ބޯޓުތައް ހިފެހެއްޓުމަށް ފަހު އެބޯޓުތަކުގައި ތިބި މީހުންގެ ތެރެއިން ސަތޭކައަށް ވުރެ ގިނަ މީހުން އިޒްރޭލުން ޑީޕޯޓްކޮށްލައިފި އެވެ.
35 ގައުމެއްގެ 682 މީހުންނާއެކު ގާޒާއަށް އެހީ ހިފައިގެން އައި ބޯޓުތައް ހިފެހެއްޓުމަށް ފަހު އެ ބޯޓުތަކުގައި ތިބި އެންމެން ޑީޕޯޓްކޮށްލާނެ ކަމަށް އިޒްރޭލު ސަރުކާރުން ބުނި ނަމަވެސް އެގައުމުން މިއަދު ބުނެފައިވަނީ ހައްޔަރުކޮށްފައިވާ މީހުންގެ ތެރޭން ޑީޕޯޓްކޮށްލީ ސަތޭކައެއްހާ މީހުން ކަމަށެވެ. އަދި މިމީހުން ޑީޕޯޓްކޮށްފައިވަނީ އުރުދުން އަށް ކަމަށާއި މިމީހުން ފިޔަވައި ދެން ހައްޔަރުކޮށްފައި ތިބި މީހުން ކުރިއަށް އޮތް 48 ގަޑިއިރުތެރޭ ދޫކޮށްލާނެ ކަމަށް ވެސް އިޒްރޭލު ސަރުކާރުން ވަނީ ބުނެފަ އެވެ.
އިޒްރޭލުގައި ހަރަކާތްތެރިވާ އަލްޖަޒީރާގެ ނޫސްވެރިޔަކު މައުލޫމާތު ދިން ގޮތުގައި ޑީޕޯޓް ކޮށްފައިވާ މީހުންނަކީ ތަފާތު ބާރަ ގައުމަކަށް ނިސްބަތްވާ ބަޔެކެވެ. އަދި މީގެ ތެރޭން ގިނަ ގައުމުތަކަކީ އިޒްރޭލާ އެކު އެއްވެސް ޑިޕްލޮމެޓިކް ގުޅުމެއް ގާއިމުކޮށްފައިވާ ގައުމުތަކެއް ނޫން ކަމަށް ވެސް އޭނާ ބުނެ އެވެ.
ގާޒާއަށް އެހީ ހިފައިގެން އައި ބޯޓުތަކަށް ހަމަލާދީ އޭގައި ތިބި ބައެއް މީހުން މަރާލައި އޭގައި ދެން ތިބި މީހުން ހައްޔަރުކުރުމާ ގުޅިގެން ދުނިޔޭގެ ވަރަށް ގިނަ ގައުމުތަކުގައި ދަނީ އިޒްރޭލާ ދެކޮޅަށް މުޒާހަރާ ކުރަމުންނެވެ. މިގޮތުން ތުރުކީގައި ކުރަމުންދާ މުޒާހަރާ އަދިވެސް ހުއްޓާލާފައިނުވާއިރު އެގައުމުން ވަނީ އިޒްރޭލާ އެކު ގާއިމުކޮށްފައިވާ ހުރިހާ ޑިޕްލޮމެޓިކް ގުޅުމެއް ކަނޑާލާނެ ކަމަށް ބުނެ އިންޒާރު ވެސް ކޮށްފަ އެވެ.