ޕިޕީއެމް އިން ސިލްސިލާކޮށް ކުރިއަށްގެންދިޔަ މުޒާހަރާތައް ވަގުތީގޮތުން ހުއްޓާލައިފިއެވެ.

ނިލަންދޫ ދާއިރާގެ މެެންބަރު ޑރ. އަބްދުﷲ ޚަލީލް "ސަން" އަށް ވިދާޅުވީ އެއްވުންތައް ވަގުތީގޮތުން މެދުކަނޑާލީ މަޖިލީހުގެ ރައީސް ހޮވުމަށް ކުރިއަށް ގެންދާ މަސައްކަތަށް ވަގުތު ހުސްކުރަން ކަމަށެވެ.

"ވަގުތީ ގޮތުން ހުއްޓާލީ. އެކަން ނިމުމުން އަނެއްކާވެސް ކުރިއަށް ގެންދާނެ،" ޚަލީލް ވިދާޅުވިއެވެ.

ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުﷲ މަސީހުގެ މުހައްމަދުގެ އިތުބާރު ނެތްކަމުގެ މައްސަލަ މަޖިލީހަށް ހުށަހަޅާފައިވާއިރު، މަސީހުގެ ގޮނޑި ގެއްލިއްޖެނަމަ ރައީސްކަމަށް ވާދަކުރައްވާނެކަން ޕިޕީއެމްގެ ނައިބު ރައީސް އަދި ފޮނަދޫ ދާއިރާގެ މެންބަރު އަބްދުއްރަހީމް އަބްދުﷲ ވަނީ އިއުލާނު ކުރައްވައިފައެވެ. އަދި އޭނާގެ ކެމްޕެއިން މެނޭޖަރަކީ ޑރ. ޚަލީލް ކަންވެސް ވަނީ އިއުލާނު ކުރައްވައިފައެވެ.

އަބުދުއްރަހީމް ވަނީ އޭނާ ރައީސް ކަމަށް ހޮވައިފިނަމަ މަޖިލީހުގެ މެމްބަރުންގެ މުސާރަ 150،000 ރުފިޔާއަށް ބޮޑު ކުރަން ހުށަހަޅާނެ ކަމަށް ވެސް ވިދާޅުވެފައެވެ.