ޝަހުސު އޮޅުވާލި ކަމުގެ ކުށް ސާބިތުވެ، ދިއްގަރު ދާއިރާގެ މެމްބަރު އަހްމަދު ފާރިސް މައުމޫނުގެ މައްޗަށް ކްރިމިނަލް ކޯޓުން އިއްވި ހަތަރު މަހުގެ ޖަލު ހުކުމް ހައިކޯޓުން ބާތިލުކޮށްފި އެވެ.

ސަރުކާރު ހިންގާ ޕީޕީއެމްގެ ޝަޚްސު އޮޅުވާލުމުގެ ކުށުގައި ރައްޔިތުންގެ މަޖިލީހުގެ ދިއްގަރު ދާއިރާގެ މެމްބަރު ހަތަރު މަހާއި 24 ދުވަހަށް ޖަލަށް ލުމަށް ކްރިމިނަލް ކޯޓުން ހުކުމްކުރީ މިދިޔަ އަހަރުގެ މާޗް މަހުގެ 12 ވަނަ ދުވަހު، މޫކައި ސުއިޓްސްގައި ބޭއްވި ޕްރެސް ކޮންފަރެންސްއެއްގައި ޕީޕީއެމްގެ ހުއްދަ ނެތި އެ ޕާޓީގެ ލޯގޯއާއި ދިދަ ބޭނުންކޮށްފައިވާކަން ސާބިތުވެގެންނެވެ.

މިއަދު ހައިކޯޓުގައި އޮތީ އިސްތިއުނާފު މައްސަލައިގެ ހުކުމް އިއްވުމެވެ. ހައިކޯޓުގައި މައްސަލަ ބެއްލެވި ތިން ފަނޑިޔާރުންގެ އިއްތިފާގުން މިއަދު ހުކުމްކޮށްފައި ވަނީ ފާރިސްގެ މައްޗަށް ކްރިމިނަލް ކޯޓުން ކުރި ހުކުމް ބާތިލު ކަމަށެވެ.

ހުކުމުގައި ބުނެފައި ވަނީ ފާރިސްގެ މައްސަލައިގެ ތަހުގީގު ފުލުހުން ކުރިއަށް ގެންދިޔަ އިރު އޭނާއަށް ގާނޫނު އަސާސީގެ 48 ވަނަ މާއްދާއިން ލެބެން ޖެހޭ ހައްގުތައް ފުރިހަމަކޮށްފައިވާ ކަމަށެވެ. އަދި ފާރިސްއާ ދެކޮޅަށް މައްސަލަ ހުށަހެޅީ އެ މައްސަލަ ހުށަހެޅުމުގެ ހައިސިއްޔަތު ލިބިފައި ނުވާ މީހެއް ކަމަށް ފާރިސްގެ ފަރާތުން ފާހަގަ ކުރި ނަމަވެސް ހުކުމުގައި ބުނެފައި ވަނީ ކުށެއް ކުރި ކަމުގެ މައްސަލަ ކޮންމެ މީހަކަށް ވެސް ފުލުހަށް ހުށަހެޅޭނެ ކަމަށެވެ.

ފާރިސް ކުރި ފަދަ އަމަލުތައް އެހެން ސިޔާސީ ފަރާތްތަކުން ކުރި ކަމަށާއި ނަމަވެސް އެމީހުންގެ މައްޗަށް ދައުވާ ނުކުރާ ކަމަށް ފާރިސްގެ ފަރާތުން ފާހަގަކޮށްފައި ވުމުން އެކަމާ ގުޅިގެން ހުކުމުގައި ބުނެފައި ވަނީ އެހެން ސިޔާސީ ފަރާތްތަކަށް ދައުވާކުރުމަށް ޕީޖީއަށް ފޮނުވާފައި ނުވާ ކަމަށާއި އެފަދަ މައްސަލަ ފުލުހަށް ވެސް ހުށަހަޅާފައި ނުވާ ކަމަށާއި އެފަދަ މައްސަލައެއް ނުބަލައިގެން ޝަކުވާއެއް ވެސް ހުށަހަޅާފައި ނުވާ ކަމަށެވެ.

ހައިކޯޓުން މިއަދު ކުރި ހުކުމުގައި ބުނެފައި ވަނީ ފާރިސްގެ ޝަހްސް އޮޅުވާލި ކަމުގެ މައްސަލައިގެ އަޑުއެހުންތައް ކްރިމިނަލް ކޯޓުގައި ތާވަލު ކުރީ ޖިނާއީ އިޖުރާއަތުގެ ގާނޫނުގެ 116 ވަނަ މާއްދާގެ (ހ)އާ ހިލާފަށް ކުރިއާލައި ނުބުނެ، ފާރިސްއާ މަޝްވަރާ ކުރުމަކާ ނުލައި ކަމަށް ހައިކޯޓުގެ ޝަރީއަތުގެ މަޖިލީހުގައި ދައުލަތުން ދެއްކި ވާހަކަތަކުން އެނގެން އޮންނަ ކަމަށެވެ.

ގާނޫނު އަސާސީގެ 51 ވަނަ މާއްދާގެ (ބ)ގެ ދަށުން ފާރިސްއަށް ލިބެން ޖެހޭ ހައްގުތަށް ޝަރީއަތް ކުރިއަށް ގެންދިޔަ އިރު ފުރިހަމަވެފައި ނުވާ ކަމަށް ވެސް ހުކުމުގައި ބުނެފައިވެ އެވެ. ގާނޫނު އަސާސީގެ 51 ވަނަ މާއްދާގެ (ބ) ގައި ބުނެފައި ވަނީ ކުށުން ބަރީއަވުމަށް ޓަކައި ކޮންމެ މީހަކަށް ވެސް އެކަށީގެންވާ ވަގުތާއި އެކަށީގެންވާ ވަސީލަތްތައް ލިބެންވާނެ ކަމަށެވެ.

އޭގެ އިތުރުން ޝަރީއަތުގެ ބައެއް އަޑުއެހުންތައް ކުރިއަށް ގެންދިޔައީ ގާނޫނުގައި ބަޔާންކޮށްފައިވާ އިޖުރާއަތްތަކާ ހިލާފަށް ކަމަށް ދައުލަތުން ހައިކޯޓުގައި ދެއްކި ވާހަކަތަކުން ވެސް އެނގެން އޮންނަ ކަމަށް ހުކުމުގައި ބުނެފައިވެ އެވެ. އަދި ބާތިލު އިޖުރާއަތްތަކުގެ މައްޗަށް ތަރުތީބުވާ ކޮންމެ ކަމެއް ބާތިލުވާނެ ކަމަށް ހުކުމުގައި ވަނީ ފާހަގަކޮށްފަ އެވެ.

އެހެން ކަމުން ފާރިސްގެ މައްޗަށް ކްރިމިނަލް ކޯޓުން ހުކުމް ކުރީ ގާނޫނު އަސާސީއާއި ގާނޫނުތަކާއި ޖިނާއީ އިޖުރާއަތުގެ ގާނޫނާ ހިލާފަށް ކަމަށާއި އެ ހުކުމް ބާތިލު ކުރާ ކަމަށް މިއަދު ހައިކޯޓުގައި ހުކުމުގައި ވަނީ ބުނެފަ އެވެ.

އެ މައްސަލައިގެ ހުކުމް ތަންފީޒުވެ ނިމެން ގާތް ވެފައި ވަނިކޮށް ފާރިސް ވަނީ ދާދި ފަހުން ކަފާލާތުގެ ދަށުން މިނިވަންކޮށްފަ އެވެ. އިސްތިއުނާފްގެ މަރުހަލާ ނިމެންދެން ފާރިސް މިނިވަން ކޮށްފައި ވަނީ ހައިކޯޓުގައި ޑިޕޮސިޓެއްގެ ގޮތުގައި 40،000 ރުފިޔާ ބެހެއްޓުމަށް ފަހު އެވެ.