ރައްޔިތުންގެ މަޖިލީހުގެ ޖަލްްސާތައް ހޯމަ ދުވަހު ފެށުމަށް ނިންމާފައިވާ ކަމަށް ކިނބިިދޫ ދާއިރާގެ މެންބަރު އަބްދުﷲ ރިޔާޒު ވިދާޅުވެއްޖެ އެވެ.

އިދިކޮޅު ކޯލިޝަންގައި ހިމެނިވަޑައިގަންނަވާ ބައެއް މަޖިލިސް މެންބަރު މަޖިލީހުގެ ނައިބު ރައީސް މޫސާ މަނިކާ އިއްޔެ ވަނީ ބައްދަލު ކުރައްވައިފަ އެވެ.

ރިޔާޒާ ހަވާލާދީ ބައެއް މީޑިއާތަކުން ބުނެފައި ވަނީ ހޯމަ ދުވަހު މަޖިލީހުގެ ޖަލްސާތައް ފައްޓާނެ ކަމަށް، މަޖިލީހުގެ ނައިބު ރައީސް މޫސާ މަނިކު ވިދާޅުވެފައިވާ ކަމަށެވެ.

މަޖިލީހުގެ ޖަލްސާތައް އަންނަ ހޯމަ ދުވަހު ފަށާއިރު އެންމެ ފުރަތަމަ އޮންނާނީ ކުރީގެ ރައީސް މުހައްމަދު ނަޝީދު މިނިވަންކުރުމަށް ގޮވާލާ މަޖިލީހަށް ހުށަހެޅި ގަރާރުގެ މަސައްކަތް ކަމަށް ވެސް ރިޔާޒު ވިދާޅުވި އެވެ.

މަޖިލީހުގެ ނައިބު ރައީސް މޫސާ މަނިކު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ މަޖިލީހުގެ ޖަލްސާ ފަށާނެ ތާރީޚަކާ އެޖެންޑާ ހަމަޖެހުމުން އާންމު އުސޫލުން ހުރިހާ މެންބަރުންނާ ހިއްސާ ކުރައްވާނެ ކަމަށެވެ.

ރައްޔިތުންގެ މަޖިލީހުގެ މަސައްކަތް ހުއްޓާލާފައި އޮންނަތާ ގިނަ ދުވަސްތަކެއް ވެފައިވާ އިރު މަޖިލީހުގެ ރައީސް އަބްދުﷲ މަސީހުގެ މައްޗަށް އިތުބާރު ނެތްކަމުގެ މައްސަލައެއް އިއްޔެ ވަނީ ހުށަހަޅައިފަ އެވެ. އެ މައްސަލަ އަންނަ މަހުގެ އަށް ވަނަ ދުވަހަށް ވަނީ ތާވަލުކޮށްފަ އެވެ.