ކުޑަކުދިންގެ ހައްގަށް އުނިކަން ލިބޭފަދަ 8.7 މިލިއަން ފޮޓޯ ފޭސްބުކުން ފާއިތުވި ތިން މަސްތެރޭ ރިމޫވްކޮށްފައިވާކަމަށް ބުނެފިއެވެ.

ފޭސްބުކް އިން ބުނެފައިވަނީ "ޗައިލްޑް ނޫޑިޓީ" ސިފަވާފަދަ ގިނަ ފޮޓޯތަކެއް އެ ޕްލެޓްފޯމަށް އަޕްލޯޑުކޮށްފައިވާ ކަމަށާއި ފޭސްބުކްގެ މޮޑަރޭޓަރުން މިފަދަ ފޮޓޯތައް ރިމޫވް ކުރުމަށް މަސައްކަތް ކުރަމުންދާ ކަމަށެވެ. މީގެ ތެރެއިން 99 ޕަސެންޓް ފޮޓޯ އަކީ އެ ފެނުމުން ޔޫޒަރުން ރިޕޯޓު ނުކުރަނީސް މޮޑަރޭޓަރުންނަށް ފާހަގަވެގެން ރިމޫވް ކުރި ފޮޓޯތައް ކަމަށްވެސް ބުނެފައިވެއެވެ.

ފޭސްބުކްގައި ކުޑަކުދިންގެ ހައްގަށް އުނިކަން ލިބޭނެ ޕޯސްޓުތައް ކުރުން ހުއްޓުވުމަށް މިދިޔަ އަހަރު ވަނީ ވަރުގަދަ ފިޔަވަޅުތަކެއް އަޅައިފައެވެ. މިފަދަ ކޮންޓެންޓް އިންސްޓަގްރާމުގައި ހުރިނަމަ އެތަކެތިވެސް ނަގާނެ ކަމަށް ފޭސްބުކް އިން ވަނީ ބުނެފައެވެ.

ފޭސްބުކްގެ ސީކްރެޓް ގްރޫޕުތައް މެދުވެރިކޮށް ކުޑަކުދިންގެ ހައްގަށް އުނިކަން ލިބޭފަދަ ފޮޓޯ ދައުރު ކުރާކަން ފާހަގަވެ ބީބީސީން ވަނީ އެކަމާ ގުޅޭ އިން ޑެޕްތު ރިޕޯޓެއްވެސް މީގެ ކުރިން އާންމުކޮށްފައެވެ.