އެމެރިކާގެ ފަނޑިޔާރަކު ލިޔުއްވައިފައިވާ "ޝަރުއީ ދާއިރާ އަކީ ބާރުވެރި ފަރާތްތަކުގެ ޕަޕެޓެއް ނޫން" ކަމަށް ލިޔެފައިވާ ލިޔުމެއް ރާއްޖޭގެ އުއްތަމަ ފަނޑިޔާރު ޑރ. އަހުމަދު އަބްދުﷲ ދީދީ ރީޓްވީޓް ކުރައްވައިފި އެވެ.

އެމެރިކާގެ ސުޕްރީމް ކޯޓުގެ ފަނޑިޔާރު، ޖަސްޓިސް ތޯމަސް ލިޔުއްވި ލިޔުމުގައި ބުނެފައި ވަނީ ފަނޑިޔާރުން ތިބެންވާނީ ސަރުކާރުގެ ސިޔާސީ ފަރާތްތަކުގެ ކިބައިން މިނިވަން ވެގެން ކަމަށާއި ޝަރުއީ ދައިރާ އަކީ ކޮންމެހެން ވެސް އަދުލުވެރިކަމާއި އިންސާފުގެ ތެރޭގައި އޮންނަން ޖެހޭ އެއްޗެއް ކަމަށެވެ.

އުއްތަމަ ފަނޑިޔާރު ކުރެއްވި ރީޓްވީޓާ ގުޅިގެން ރައްޔިތުންގެ މަޖިލިސް ކެންދޫ ދައިރާ މެމްބަރު އަދި ގާނޫނީ ވަކީލް އަލީ ހުސައިން ވިދާލުވީ އެމަނިކުފާނުގެ އެ ރީޓްވީޓްގެ ސަބަބުން އުފާވާ ކަމަށާއި ނަމަވެސް ވޭތުވެ ދިޔަ އަށް އަހަރު ކަންތަތައް ވެދެޔައީ ކިހިނެއްތޯ އެވެ.

އުއްތަމަ ފަނޑިޔާރު ޑރ. އަހުމަދު އަބްދުﷲ ދިދީ މި ޓްވީޓް ރީޓްވީޓްކޮށްފައި ވަނީ ރާއްޖޭގެ ސިޔާސީ މަސްރަހަށް ބޮޑެތި ބަދަލުތަކެއް އަންނަމުންދާ ދަނޑިވަޅެއްގަ އެވެ. މިދިޔަ މަހު ބޭއްވި ރިޔާސީ އިންތިހާބަށް ފަހު މީގެ ކުރިން އިދިކޮޅު ފަރާތްތަކުން ތުހުމަތު ކުރަމުން ދިޔަ ބައެއް ސިޔާސީ ހައްޔަރީންނާއި ބައެއް ސިޔާސީ ހުކުމްތަތައް ވަނީ ބާތިލުކޮށް، ބައެއް ސީޔާސީވެރިން މިނިވަން ވެސްކޮށްފަ އެވެ. މީގެ ކުރިން އިދިކޮޅޫ ފަރާތްކަުން ތުހުމަތު ކުރަމުން ދިޔައީ ރާއްޖޭގެ ޝަރުއީ ދައިރާ އޮތީ "ކަސްތޮޅު" އެޅުވިފައި ކަމަށެވެ.

ރިޔާސީ އިންތިހާބަށް ފަހު، ކުރީގެ ޕޮލިސް ކޮމިޝަނަރު އަދި ރައްޔިތުންގެ މަޖިލީހުގެ ކިނބިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ރިޔާޒް ކޯޓަށް ހާޒިރު ކުރުމަށް ފަހު ޖަލު ބަންދުން ދޫކޮށްލި އެވެ. އޭނާ ބަންދުން ދޫކޮށްލީ ހުކުމް ތަންފީޒުކޮށް ނިމުމުން ވެސް ދޫކޮށްނުލައި ބެހެއްޓުމަށް ފަހު އެވެ. އަދި ޝަރީއަތް ނިމެންދެން ބަންދުކޮށްފައި ތިބި މައްޗަންގޯޅި އުތުރު ދާއިރާގެ މެންބަރު އަބްދުﷲ ސިނާނާއި ދަނގެތި ދާއިރާގެ މެމްބަރު އިލްހާމް އަހްމަދާއި ކުރީގެ ޕޮލިސް ކޮމިޝަނަރު އަހްމަދު އަރީފު އަދި ރައީސް މައުމޫން އަބްދުލްގައްޔޫމުގެ ދަނބިދަރިކަލުން މުހައްމަދު ނަދީމް ވެސް ދޫކޮށްލަން އެރޭ ކްރިމިނަލް ކޯޓުން ނިންމި އެވެ.

އަދި އޭރު ޖަލު ހުކުމެއް ތަންފީޒު ކުރައްވަމުން ގެންދެވި ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމާއި ރިޝްވަތުގެ މައްސަލައެއްގައި ޖަލު ހުކުމެއް ތަންފީޒު ކުރައްވަމުން ގެންދެވި ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް ކަފާލާތުގެ ދަށުން މިނިވަން ވެގެން ދިޔަ އެވެ. މީގެ އިތުރުން އަދި ވެސް އެހެނިހެން ސިޔާސީ ބޭފުޅުން ކޯޓު ތެރެއިން މިނިވަން ވެގެން ދިޔަ އެވެ.

މީގެ ކުރިން އިލެކްޝަންސް ކޮމިޝަނުން ގޮނޑި ގެއްލުނު ކަމަށް ބުނި ރައްޔިތުންގެ މަޖިލިސްގެ ހަތަރު މެމްބަރުންގެ ގޮނޑި ނުގެއްލޭ ކަމަށް ސުޕްރީމް ކޯޓުން ވަނީ ނިންމައިފަ އެވެ. އިތުރު މެމްބަރުންގެ މައްސަލަތައް ވެސް ވެސް ސުޕްރީމް ކޯޓުގައި މިހާރު ދަނީ ހިނގަމުންނެވެ.

އަދި މީގެ އިތުރުން ރިޔާސީ އިންތިޚާބު ބާތިލްކުރަން ރައީސް ޔާމީންގެ ފަރާތްޕުޅުން ސުޕްރީމް ކޯޓަށް ހުށަހެޅި މައްސަލައިގައި އިންތިހާބު ބާތިލް ކުރެވޭނެ އެއްވެސް ޖާގައެއް ނެތް ކަމަށް ސްޕްރީޕް ކޯޓުން ވަނީ ނިންމައިފަ އެވެ.