24 Oct 2018, 21:37
ތުރުކީގެ އިސްތަންބޫލުގައި ހުންނަ ސައުދީ ކޮންސިއުލޭޓު ތެރޭގައި މަރާލާފައިވާ ނޫސްވެރިޔާ ޖަމާލް ޚާޝުގްޖީ މަރާލުމުގައި ބައިވެރިވި އެންމެންނަށް ހައްގު އަދަބު ދެއްވާނެ ކަމަށް ސައުދީ އަރަބިއްޔާގެ ވަލީ އަހުދު މުޙައްމަދު ބިން ސަލްމާން ވައުދުވެ ވަޑައިގެންފިއެވެ.
ސައުދީ އަރަބިއްޔާގެ ވެރިރަށް ރިޔާޒުގައި މިހާރު ކުރިޔަށް ދާ އިންވެސްޓްމެންޓް ފޯރަމްގައި ވާހަކަ ދައްކަވަމުން ވަލީ އަހުދު މުޙައްމަދު ވިދާޅުވީ، "އެއީ ސައުދީ އަރަބިއްޔާގެ ހުރިހައި ރައްޔިތުންނަށް ހިތްދަތިކަން ކުރިމަތި ކުރުވި ބޮޑު ޖަރީމާއެއް." ކަމަށެވެ.
ޖަމާލް ޚާޝުގްޖީގެ މަރުގެ މައްސަލައިގެ ތަހުގީގު ވަރަށް ރަނގަޅަށް ކުރައްވާނެ ކަމަށާއި، ތަހުގީގު ނިމުމުން، އެ ކަމުގައި ކުށްވެރިވާ އެންމެންނަށް ހައްގު އަދަބު ދެއްވާނެ ކަމަށް ވަލީ އަހުދު ވިދާޅުވިއެވެ.
ސައުދީ އަރަބިއްޔާއިން ތުހުމަތު ކުރާ ގޮތުގައި ޖަމާލް ޚާޝުގްޖީ މަރާލުމުގެ އަމަލަކީ މަތީ މަގާމުތަކެއްގައި ތިބި ނުބައި އޭޖެންޓުތަކެއް ރާވައިގެން ސަރުކާރު ބަދުނާމު ކުރުމަށް ހިންގާފައިވާ ނާތަހުޒީބު އަމަލެކެވެ.
ސައުދީ ރަސްގެފާނު މަލިކު ސަލްމާން އާއި ވަލީ އަހުދު މުޙައްމަދު ބިން ސަލްމާން ވަނީ ޖަމާލް ޚާޝުގްޖީގެ ދަރިކަލުންނާ ބައްދަލު ކުރައްވައި އާއިލާއަށް ތައުޒިޔާ ވިދާޅުވެފައެވެ.