ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުﷲ މަސީހު މުހައްމަދުގެ އިތުބާރު ނެތް ކަމަށް ހުށަހަޅާފައިވާ މައްސަލައާ ގުޅިގެން ބާއްވާ ޖަލްސާގެ ކުރިން ސުޕްރީމް ކޯޓަށް ހުށަހެޅިފައިވާ މެމްބަރުންގެ މައްސަލަތައް ނިންމައިދިނުމަށް މަޖިލީހުގެ ނައިބު ރައީސް މޫސާ މަނިކު އެދިވަޑައިގެންފިއެވެ.

މަޖިލީހުން މިއަދު ނެރުނު ބަޔާނެއްގައި ވަނީ އަންނަ މަހުގެ އަށް ވަނަ ދުވަށް އެޖެންޑާ ކޮށްފައިވާ އިތުބާރު ނެތްކަމުގެ މައްސަލައާ ގުޅިގެން ބާއްވާ ޖަލްސާގެ ކުރިން ސުޕްރީމް ކޯޓަށް ހުށަހަޅާފައިވާ މެންބަރުންގެ ގޮޑިއާ މެދު ގޮތެއް ނިންމަވައި ދެއްވުމަށް އެދި އުއްތަމަ ފަނޑިޔާރު ޑރ. އަހްމަދު އަބްދުﷲ ދީދީ އަށް މޫސަ ސޮއިކުރައްވައި ސިޓީ އެއް ފޮނުވާފައިވާނެ ކަމަށެވެ.

އެ ބަޔާނުގައި ވަނީ ރައްޔިތުންގެ މަޖިލީހުގެ މެންބަރެއްގެ ގޮނޑި ގެއްލިއްޖެ ކަމާ މެދު ހިޔާލުތަފާވުމެއް އުފުދިއްޖެ ނަމަ އެކަމަށް ގޮތެއް ނިންމާނީ ސުޕްރީމް ކޯޓުން ކަމަށެވެ. އަދި މަޖިލީހުގެ ޖަލްސާތަކަށް ހާޒިރުވާން ޖެހޭ ހުރިހާ މެންބަރުންނަށް ޖަލްސާތަކުގައި ބައިވެރިވެވޭ ގޮތަށް ޖަލްސާތައް ބޭއްވުމަކީ މަޖިލީހުގެ ރިޔާސަތުން ކުރަން ޖެހޭ ކަމެއް ކަމަށް އެ ބަޔާނުގައި ވެއެވެ.

އެއްވެސް ރައްޔިތެއްގެ ހައްގެއް ގެއްލޭ ގޮތަށް މަޖިލީހުން އެއްވެސް ކަމެއް ކުރުމަކީ ގާނޫނު އަސާސީ ހުއްދަކުރާ ކަމަކަށް ނުވާއިރު މަޖިލީހުގެ އެއްވެސް މެންބަރަކަށް ބައިވެރިނުވެވޭ ގޮތަށް މަޖިލީހުގެ ޖަލްސާތައް ބޭއްވުމަކީ ގާނޫނު އަސާސީގެ ހަތަރު ވަނަ މާއްދާ އިން ރައްޔިތުންނަށް ދީފައިވާ ބާރު އެންމެ ހެޔޮގޮތުގައި ތަމްސީލް ކުރުން ނޫން ކަމަށް ވެސް އެ ބަޔާނުގައިވެއެވެ.

ރައްޔިތުންގެ މަޖިލީހުގެ ގޮނޑި ގެއްލިފައިވާ ކަމަށް އިލެކްޝަންސް ކޮމިޝަނުން ކަނޑައަޅާފައިވާ 12 މެމްބަރުންގެ ތެރެއިން ހަތަރު މެމްބަރުންގެ ގޮނޑި ނުގެއްލޭ ކަމަށް ސުޕްރީމް ކޯޓުން ވަނީ ދާދި ފަހުން ހުކުމް ކޮށްފަ އެވެ. އެ ހަތަރު މެންބަރުންނަކީ ވިލިނގިލި ދާއިރާގެ މެމްބަރު ސައުދު ހުސެއިން އާއި މަޑުއްވަރީ ދާއިރާގެ މެންބަރު މުހައްމަދު އަމީތާއި ދިއްދޫ ދާއިރާގެ މެންބަރު، އަބްދުލްލަތީފް މުހައްމަދާއި ތުލުސްދޫ ދާއިރާގެ މެންބަރު މުހައްމަދު ވަހީދު އިބްރާހިމް (ވައްޑޭ)އެވެ.

އަދި ބައިކީ ތިބި އަށް މެންބަރުންގެ ގޮނޑިއާ ގުޅޭ ގޮތުން ވެސް ސުޕްރީމް ކޯޓަށް ވަނީ މައްސަލަ ހުށަހަޅާފަ އެވެ.