ރައްޔިތުންގެ މަޖިލީހުގެ ރައީސްކަން ޖުމްހޫރީ ޕާޓީގެ ލީޑަރު އަދި މާމިގިލީ ދާއިރާގެ މެމްބަރު ގާސިމް އިބްރާހިމަށް ދިނުމަށް އިދިކޮޅު ކޯލިޝަންގެ ޕާލަމެންޓްރީ ގްރޫޕުން ނިންމައިފިއެވެ.

އިދިކޮޅު މެންބަރުން އިސްކޮށް ތިއްބަވާ ސަރުކާރަށް ތާއިދު ކުރާ 51 މެންބަރުންގެ ސޮއި އާއެކު މަޖިލީހުގެ ރައީސް އަބްދުﷲ މަސީހުގެ އިތުބާރު ނެތް ކަމުގެ މައްސަލަ އެއް މިއަދު ވަނީ ހުށަހަޅާފަ އެވެ.

އަދި އަންނަ މަހުގެ އަށް ވަނަ ދުވަހު އެކަމާއި ގުޅިގެން ވޯޓު ނެގުމަށް އެޖެންޑާކޮށް މެންބަރުންނަށް މިއަދު ވަނީ ސިޓީ ވެސް ފޮނުވާފަ އެވެ.

އެކަމާ ގުޅިގެން މިރޭ ޖުމްހޫރީ ޕާޓީގެ އޮފީސް އަދި އެ ޕާޓީގެ މައި ޖަގަހަ ހިމެނޭ މ. ކުނޫޒްގައި ވަނީ ޖޮއިންޓް ޕާލިމެންޓްރީ ގްރޫޕްގެ ބައްދަލު ވުމެއް ބައްވާފަ އެވެ.

އެ ބައްދަލުވުމަށްފަހު އިންތިހާބީ ރައީސް އަދި އެމްޑީޕީ ޕާލިމެންޓްރީ ގްރޫޕްގެ ލީޑަރު އިބްރާހިމް މުހައްމަދު ސޯލިހް ވިދާޅުވީ، މިރޭގެ ބައްދަލުވުމަކީ މަޖިލިސް ފާށާތީ މަޖިލީހުގައި ހުރި މަސައްކަތްތަކާ ގުޅޭ ގޮތުން ބޭއްވި ބައްދަލުވުމެއް ކަމަށާއި އަދި އިތުބާރު ނެތް ކަމުގެ ވޯޓަށް ފަހު މަޖިލީހުގެ ރައީސްގެ މަގާމަށް ގާސިމް އިބްރާހިމް ގެނައުމަށް ފާސްކޮށްފައިވާ ކަމަށެވެ.

މާމިގިލީ ދާއިރާގެ މެންބަރުކަން ކުރައްވަމުން ގެންދަވާ ގާސިމަކީ ރައްޔިތުންގެ މަޖިލީހުގެ އިތުރުން މިހާރުގެ ގާނޫނުއަސާސީ ފާސްކުރި ރައްޔިތުންގެ ހާއްސަ މަޖިލީހުގައި ރައީސް ކަން 2004 އިން ފެށިގެން 2008 އަށް އަދާކުރެއްވި މެމްބަރެކެވެ.