24 Oct 2018, 18:43
ރައީސް އަބްދުﷲ ޔަމީން ގާނޫނާ ހިލާފަށް ހައްޔަރު ކުރި ކަމަށް ބުނެ ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ މައްޗަށް އުފުލާފައިވާ ޓެރެރިޒަމްގެ ދައުވާ ކްރިމިނަލް ކޯޓުން އަނބުރާ ފޮނުވާލައިފި އެވެ.
ރައީސް ނަޝީދުގެ ގާނޫނީ ވަކީލާ ހިސާން ހުސައިން ވަނީ އެކަން ސަން އަށް ކަށަވަރުކޮށްދެއްވާފައެވެ.
ހިސާން ވިދާޅުވީ އެ މައްސަލައިގެ ޝަރީއަތުގެ އަޑުއެހުމަށް ބަންދުގައި ބަހައްޓައިގެން ރައީސް ނަޝީދު ހައްޔަރުކުރަން ނެރުނު އަމުރުވެސް ކްރިމިނަލް ކޯޓުން ބާތިލްކޮށްފައިވާ ކަމަށެވެ.
މިކަމާ ގުޅިގެން ޕީޖީ އޮފީހުގެ އޮފިޝަލަކު ވިދާޅުވީ މައްސަލަ އަނބުރާ ފޮނުވާލީ އެ އޮފީހުން އެދިގެން ނޫން ކަމަށާއި އެއީ ކޯޓުގެ އަމިއްލަ ނިންމުމެއް ކަމަށެވެ.
ކްރިމިނަލް ކޯޓުގެ ބަހެއް ނުލިބޭތީ ރައީސް ނަޝީދުގެ މައްސަލަ އަނބުރާ ފޮނުވާކީ ކީއްވެ ކަމެއް ސާފެއް ނުވެއެވެ.
އެ ދައުވާ ރައީސް ނަޝީދުގެ މައްޗަށް ކޮށްފައިވަނީ އެމަނިކުފާނުގެ ވެރިކަމުގައި މިހާރުގެ ރައީސް އަދި އޭރުގެ މުލަކު ދާއިރާގެ މެންބަރު އަބްދުﷲ ޔާމީން، ހައްޔަރުކޮށް އާރަށުގައި ބެހެއްޓި މައްސަލައިގަ އެވެ.
ނަޝީދު މިނިވަން ކުރުމަށް ގޮވާލާ އިދިކޮޅު މެންބަރުން މިއަދު ވަނީ ގަރާރެއް ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައިފިއެވެ. އެ ގަރާރުގައި ތިން ކަމެއް ބާތިލް ކުރުމަށް އެދިފައިވާއިރު އޭގެތެރެއިން ދެ ކަންތައް ކްރިމިނަލް ކޯޓުން މިހާރު އެ ވަނީ ބާތިލް ކޮށްފަ އެވެ.
ދެން އިތުރަށް އެ ގަރާރުގައި ވަނީ ނަޝީދުގެ މައްޗަށް ކުރި 13 އަހަރުގެ ޖަލު ހުކުމް ބާތިލް ކުރުމަށެވެ. އަދި އެހުކުމް ވެސް އަވަސް މުސްތަގްބަލެއްގައި ބާތިލްކުރާނެ ކަމަށް އުންމީދު ކުރާ ކަމަށް ހިސާން ވިދާޅުވި އެވެ.