24 Oct 2018, 18:59
ދިއްގަރު ދާއިރާގެ މެންބަރު އަހްމަދު ފާރިސް މައުމޫނު، ޝަހުސު އޮޅުވާލި ކަމުގެ ކުށް ސާބިތުވެ ހަތަރު މަހަށް ޖަލަށް ލާން ކުރި ހުކުމުގެ އިސްތިއުނާފް މައްސަލައިގެ ހުކުމް މާދަމާ އިއްވުމަށް ހައި ކޯޓުގައި ތާވަލުކޮށްފި އެވެ.
ސަރުކާރު ހިންގާ ޕީޕީއެމްގެ ޝަޚްސު އޮޅުވާލުމުގެ ކުށުގައި ރައްޔިތުންގެ މަޖިލީހުގެ ދިއްގަރު ދާއިރާގެ މެމްބަރު ހަތަރު މަހާއި 24 ދުވަހަށް ޖަލަށް ލުމަށް ކްރިމިނަލް ކޯޓުން ހުކުމް ކޮށްފައިވަނީ މިދިޔަ އަހަރުގެ މާޗް މަހުގެ 12 ވަނަ ދުވަހު މޫކައި ސުއިޓްސްގައި ބޭއްވި ޕްރެސް ކޮންފަރެންސްއެއްގައި ޕީޕީއެމްގެ ހުއްދަ ނެތި އެ ޕާޓީގެ ލޯގޯއާއި ދިދަ ބޭނުންކޮށްފައިވާ ކަން ސާބިތުވެގެންނެވެ.
އެ މައްސަލައިގެ ހުކުމް ތަންފީޒުވެ ނިމެން ގާތް ވެފައި ވަނިކޮށް ފާރިސް ވަނީ ދާދި ފަހުން ކަފާލާތުގެ ދަށުން މިނިވަން ކޮށްފަ އެވެ. އިސްތިއުނާފްގެ މަރުހަލާ ނިމެންދެން ފާރިސް މިނިވަން ކޮށްފައިވަނީ ހައުކޯޓުގައި ޑިޕޮސިޓެއްގެ ގޮތުގައި 40،000 ރުފިޔާ ބެހެއްޓުމަށްފަހު އެވެ.
ފާރިސް މައުމޫނުގެ މައްޗަށް ދައުލަތުން ވަނީ ރިޝްވަތު ދިނުމުގެ ދައުވާ އެއްގެ އިތުރުން އެކެއް ފެބުރުއަރީގެ އަމުރާ ގުޅިގެން ޓެރަރިޒަމްގެ ދައުވާ ވެސް އުފުލާފަ އެވެ. ނަމަވެސް އެ މައްސަލަތައް ހުއްޓިފައި އޮންނަތާ ވަނީ ގިނަ ދުވަސްތަކެއްވެފަ އެވެ.