ރިޔާސީ އިންތިހާބު ބާތިލުކުރަން ޖެހޭ ތަނެއް ނެތް ކަމަށް ސުޕްރީމް ކޯޓުން ނިންމުމާ އެކު އިލެކްޝަންސް ކޮމިޝަނުގެ ރައީސް އަހުމަދު ޝަރީފުގެ މުއާމަލާތް ކުރުން ބަދަލުވެ މަލާމާތުގެ ރާގު ބޭނުންކުރައްވަން ފެއްޓެވުމާ ގުޅިގެން އާންމުންގެ ފާޑުކިޔުން އޭނާ އަށް އަމާޒުވެއްޖެ އެވެ.

އިންތިހާބު ނިމުމުން އެންމެ ބޮޑު ފާޑުކިޔުމެއް ޝަރީފަށް އަމާޒުވީ ޕީޕީއެމްގެ ފަރާތުންނެވެ. ޕީޕީއެމްގެ އެއްވުންތަކުގައި ޝަރީފަށް ނިސްބަތްކޮށް އޭނާގެ ނަޒާހާތްތެރިކަމާ މެދު ސުވާލު އުފައްދަމުން ދިޔަ އެވެ.

އިލެކްޝަންސް ކޮމިޝަނުގެ ބައެއް މެމްބަރުން --- ސަންފޮޓޯ/ ފަޔާޒު މޫސާ

ޕީޕީއެމްގެ ހާއްސަކޮށް އެއްވުންތަކުގައި ޝަރީފަށް ފާޑު ވިދާޅުވާ ބޭފުޅުންނަށް މަލާމާތުގެ ރާގެއްގައި ޝަރީފު ވަނީ ރައްދެއްވައިފަ އެވެ. ޝަރީފު ކުރެއްވި ޓްވީޓެއްގައި ޕީޕީއެމަށް ނިސްބަތްކޮށް ވިދާޅުވީ ހަގީގަތް ގަބޫލު ކުރެއްވުމަށެވެ. އަދި ހިޔާލީ ދުނިޔެއިން ނުކުމެ މަޖިލިސް އިންތިހާބަށް މަސައްކަތް ކުރުމަށް މާ ބުއްދިވެރި ކަމަށް ޝަރީފު ކުރެއްވި ޓްވީޓެއްގައި ވިދާޅުވި އެވެ.

އޭގެ ފަހުން އިއްޔެ ރާއްޖޭން ބޭރަށް ޝަރީފު ފުރުއްވަމުން ވެސް މަލާމާތުގެ ރާގެއްގައި ޓްވީޓެއް ކުރައްވައިފަ އެވެ. ވިދާޅުވީ ކުޑަ ޗުއްޓީއަކަށް ގައުމުން ބޭރަށް ވަޑައިގަންނަވާ ކަމަށެވެ. އަދި ރައީސް އޮފީހުގެ ތަރުޖަމާނު އިބްރާހިމް މުއާޒު އަލީ ޓެގް ކުރައްވައި ވިދާޅުވީ "މަ ހޯދާ މަންޖެ ކައިރީ ބުނެލާތި" ކަމަށެވެ.

އެ ޓްވީޓާ ގުޅިގެން ބައެއް މީހުންގެ ފާޑު ކިޔުން ޝަރީފަށް ވަނީ އަމާޒުވެފަ އެވެ. މިނިވަން ކޮމިޝަނެއްގެ ރައީސްގެ މަގާމުގައި ހުންނެވި ބޭފުޅަކުގެ ވާހަކަދެއްކުން އެ ފެންވަރަށް ވެއްޓިގެން ނުވާނެ ކަމަށް ބައެއް ފަރާތްތަކުން ދަނީ ބުނަމުންނެވެ.

"ތިޔަ ފެންވަރަށް ވެއްޓުނީމަ މިނިވަން ވާނެ ވަރާމެދު ސުވާލު އުފެދޭ." މީހަކު ކުރި ޓްވީޓެއްގައި ބުނެފައިވެ އެވެ.

ބައެއް މީހުން ބުނާ ގޮތުން ޝަރީފުގެ ވާހަކަ ދެއްކުން ހުރީ އިލެކްޝަންސް ކޮމިޝަނުގެ ރައީސެއްގެ ވާހަކަ ދެއްކުން ހުންނަންވާނެ ގޮތަކަށް ނޫނެވެ.

އިންތިހާބަށް ފަހު އިލެކްޝަންސް ކޮމިޝަނުގެ ރާގު ވަނީ މުޅިން ބަދަލުވެފަ އެވެ. މީގެ ކުރިން ޕީޕީއެމުން ވަކި ކުރާ ކޮންމެ މަޖިލިސް މެމްބަރެއްގެ ގޮނޑި ގެއްލިފައިވާ ކަމަށް ފޮނުވާތާ އެއް ދުވަސް ތެރޭ ނިންމައި މަޖިލީހަށް އެކަން އަންގަމުން ދިޔަ ނަމަވެސް މިހާރު އެކަން ބަދަލުވެއްޖެ އެވެ.

މަޖިލީޙުގެ ފުވައްމުލަކު މެދު ދާއިރާގެ މެމްބަރު އަލީ ފަޒާދު ވަކި ކޮށްފައި ވަނީ އެހެން މެމްބަރުންތައް ވެސް ޕީޕީއެމުން ވަކިކުރި ގޮތަށެވެ. އިސްތިއުނާފީ މަރުހަލާއަށް ފުރުސަތު ނުދީ އެވެ. ނަމަވެސް ފަޒާދު ވަކި ކުރުން އިލެކްޝަނަށް ގޯހެވެ. އިންތިހާބުގެ ކުރިން އެހެން މެމްބަރުން ވަކިކުރި ގޮތް އިލެކްޝަންސްއަށް ރަނގަޅެވެ.

އޮކްޓޯބަރު 22، 2018: އިލެކްޝަންސް ކޮމިޝަންގެ ފަރާތުން ނޫސްވެރިންނަށް މައުލޫމާތު ދިނުމަށް ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގެ ތެރެއިން -- ސަން ފޮޓޯ/ ފަޔާޒު މޫސާ

އިލެކްޝަންސް ކޮމިޝަނުގެ ނިންމުންތަކަށް އައި ބަދަލާ މެދު އާންމުންގެ މެދުގައި ސުވާލުތައް ދަނީ ކުރިމަތި ކުރުވަމުންނެވެ. މެމްބަރުން ވިދާޅުވަނީ އެއްވެސް ބަޔަކާ މެދު ޒާތީ ކަމެއް ނެތް ކަމަށެވެ. މަސައްކަތް ކުރަނީ މިނިވަން ކަމާ އެކު ނުފޫޒެއް ނެތި ކަމަށް މެމްބަރުން ބުނެ އެވެ.