ވޮޝިންޓަން (އޮކްޓޯބަރު 24): ސައުދީ އަރަބިއާގެ ނޫސްވެރިޔާ ޖަމާލް ހާޝުގްޖީގެ މަރާ، ވަލީއަހުދު މުހައްމަދު ބިން ސަލްމާނާ ގުޅުމެއް އޮތް ކަމަށް ދޭހަވާ ގޮތަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވާހަކަ ދައްކަވައިފި އެވެ.

މީގެ ކުރިން ރައީސް ޓްރަމްޕް ވަނީ ހާޝުގްޖީގެ މަރުގެ މައްސަލާގައި ސައުދީގެ ދިފާއުގައި ވާހަކަ ދައްކަވައިފަ އެވެ. އަދި ހާޝުގްޖީ މަރުވެފައި ވަނީ ކޮންސިއުލޭޓު ތެރޭގައި ހިނގި 'ތަޅާފޮޅުމެއްގައި' ކަމަށް ސައުދީން ބުނުމުން، އެކަން ގަބޫލު ކުރެވޭ ކަމަށް ޓްރަމްޕް ވަނީ ވިދާޅުވެފަ އެވެ.

ނަމަވެސް ވަލީއަހުދު މުހައްމަދު ބިން ސަލްމާންގެ ބައިވެރިވުން ހާޝުގްޖީގެ މަރުގައިވާ ކަމަށް ގަބޫލު ކުރެވޭތޯ އިއްޔެ ވޮޝިންޓަން ޕޯސްޓުން ސުވާލު ކުރުމުން، ރައީސް ޓްރަމްޕް ދެއްވާފައި ވަނީ ނުސީދާ ޖަވާބެކެވެ.

"މިވަގުތު [ސައުދީ އަރަބިއާގައި] ހުރިހާ ކަމެއް ހިންގަވަނީ ވަލީއަހުދު. ވީމާ އެއްވެސް މީހެއްގެ [ބައިވެރިވުން އޮތް ނަމަ] އެވާނީ އޭނާ ކަމަށް،" ރައީސް ޓްރަމްޕް ވިދާޅުވި އެވެ.

ޓްރަމްޕް ވިދާޅުވި ގޮތުގައި އޭނާ ވަނީ ހާޝުގްޖީގެ މަރާ ބެހޭ ގޮތުން ވަލީއަހުދާ އެކި ގޮތްގޮތަށް ސުވާލު ކުރައްވާފަ އެވެ. އެގޮތުން ހާޝުގްޖީ މަރާލަން ރޭވިކަން އެނގިލައްވާތޯ އާއި އެރޭވުން ފެށިފައި ވަނީ ކިހާ ހިސާބަކުންތޯ ސުވާލު ކުރެއްވި ކަމަށް ޓްރަމްޕް ވިދާޅުވި އެވެ.

"ބިން ސަލްމާން ވިދާޅުވި [ނޫސްވެރިޔާ މަރާލަން] ރޭވިކަން އެނގިނުލައްވާ ކަމަށް. އަދި އެރޭވުން ފެށުނީ ކިހާ ހިސާބަކުންތޯ ސުވާލު ކުރުމުން ވިދާޅުވީ، އެކަން ފެށުނީ ވަރަށް ތިރީ ލެވެލްތަކުން ކަމަށް،" ޓްރަމްޕް ވިދާޅުވި އެވެ.

މީގެ އިތުރުން ވޮޝިންޓަން ޕޯސްޓުން ވަނީ ވަލީއަހުދުގެ ވާހަކަތައް ޓްރަމްޕް ގަބޫލު ކުރައްވާތޯ ސުވާލުކޮށްފަ އެވެ. އަދި ޓްރަމްޕް ވަނީ އެވާހަކަތައް ގަބޫލު ކުރަން ބޭނުންފުޅުވާ ކަމަށް ވިދާޅުވެފަ އެވެ.

ޓްރަމްޕް އެފަދައިން ވިދާޅުވެފައި ވަނީ، ހާޝުގްޖީ މަރާލާފައި ވަނީ ދުރާލާ ރާވައިގެން ކަމަށް ތުރުކީގެ ރައީސް ރަޖަބު ތައްޔިބު އުރުދުޣާން ވިދާޅުވި ފަހުންނެވެ. އަދި އޭނާ މަރާލި ދުވަހު ސައުދީ 15 މީހަކު ކޮންސިއުލޭޓަށް ދިޔަ ކަމަށް ވެސް އުރުދުޣާން ވިދާޅުވި ފަހުންނެވެ.

މީގެ ކުރިން ސައުދީ އަރަބިއާ އިން ވަނީ ހާޝުގްޖީ ކޮންސިއުލޭޓު ތެރޭ މަރާލީ ކަމަށް ދެކެވޭ ވާހަކަތައް ދޮގުކޮށްފަ އެވެ. ނަމަވެސް ފަހުން އެގައުމުން ވަނީ ބަޔަކު، "އެމީހުންނަށް ލިބިފައިވާ ބާރުގެ ބޭރުން" އަމަލުކޮށް ހާޝުގްޖީ މަރާލީ ކަމަށް އެއްބަސްވެފަ އެވެ. އަދި އެމައްސަލައާ ގުޅުން ހުރި 18 މީހަކު ހައްޔަރުކޮށްފައިވާ ކަމަށް ބުނެފަ އެވެ.