ރައްޔިތުންގެ މަޖިލީހަށް އާ ރައީސެއް އައްޔަން ކުރާއިރު އެ މަގާމަށް އައްޔަން ކުރަން ޖުމްހޫރީ ޕާޓީން ބޭނުން ވަނީ އެ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް ކަމަށް ޖޭޕީެ ޑެޕިއުޓީ ލީޑައު އަދި ކިނބިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ރިޔާޒު ވިދާޅުވެއްޖެ އެވެ.

މަޖީހުގެ ރައީސް އަބްދުﷲ މަސީހު މުހައްމަދުގެ އިތުބާރު ނެތް ކަމުގެ މައްސަލަ 51 މެމްބަރުންގެ ސޮޔާ އެކު މަޖިލީހަށް ވަނީ މިއަދު ވައްދައިފަ އެވެ. އަދި މަސީހު އިސްތިއުފާ ދެއްވަން އުޅުއްވާ ކަމުގެ އަޑުތަކެއް ވެސް ވަނީ ފެތުރިފަ އެވެ.

މަސީޙު ވަކިކުރުމަށް ފަހު ދެން މަޖިލީހުގެ ރައީސަކަށް ގާސިމް އިބްރާހިމްގެ ނަންފުޅު ކަނޑައަޅާނެ ކަމުގެ އަޑުތަކެއް ފެތުރިފައިވާ ކަމަށް ބުނެ ނޫސްވެރިއަކު ސުވާލު ކުރުމުން ރިޔާޒު ވިދާޅުވީ ގާސިމަށް އެ ފުރުސަތު ލިބިެއްޖެ ނަމަ "ޖުމްހޫރީ ޕާޓީ ވަރަށް އުފާވާނެ." ކަމަށެވެ.

"އަޅުގަނޑުމެން އެ ފުރުސަތު [މަޖިލީހުގެ ރައީސްކަން] އެމަނިކުފާނަށް [ގާސިމް އބްރާހިމަށް] ހޯދައި ދިނުމަށް ޓަކައި ޖުމްހޫރީ ޕާޓީން ވަރަށް ބޮޑަށް އެކަމަށް ތާއީދު ކުރަން." ރިޔާޒު ވިދާޅުވި އެވެ.

ޖޭޕީގެ ޕާލިމެންޓްރީ ގުރޫޕުގެ މީހެއްގެ ހައިސިއްޔަތުން ގާސިމަށް މަޖިލީހުގެ ރައީސްކަން ލިބެން ވަރަށް ބޮޑަށް ބޭނުންވާ ކަމަށް ރިޔާޒު ވިދާޅުވި އެވެ.

ރިޔާޒު ވިދާޅުވީ މިއަދު ހަވީރު ޖޮއިންޓް ޕާލިމެންޓްރީ ގުރޫޕުގެ ބައްދަލުވުމެއް އެބައޮތް ކަމަށާއި އެ ބައްދަލުވުމުގައި މަޖިލީހަށް ރައީސެއް ކަނޑައެޅުމާ ގުޅޭ ގޮތުން މަޝްވަރާކުރެއްވިގެންދާނެ ކަމަށެވެ. އެ ބައްދަލުވުމުގައި އިންތިހާބީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު (އިބޫ) އަދި އިންތިހާބީ ނައިބު ރައީސް ފައިސަލް ނަސީމު ވެސް ބައިވެރިވެ ވަޑައިގަންނަވާނެ ކަަމަށް ރިޔާޒު ވިދާޅުވި އެވެ.