އާސެނަލްގެ އިނގިރޭސި މިޑްފީލްޑަރަށް ސީޒަން ފެށުމުގެ ކުރިން ލިބުނު އަނިޔާ އާއި ގުޅިގެން ކަނާތު ކަކުލުގެ ސާޖަރީ އެއް ހަދަން ޖެހި، އޭނާގެ ކުޅުން މިއަހަރު ނުފެންނާނެ ކަމުގެ ބިރު އެކުލަބަށް ހީވެއްޖެ އެވެ.

މިސީޒަން ފެށުމުގެ ކުރިން އާސެނަލް އާއި އެމެރިކާގެ ނިއުޔޯކް ރެޑްބުލްސް، އެމިރޭޓްސް ކަޕްގައި ބައްދަލުކުރި މެޗްގެ ކުރީކޮޅު އާސެނަލްގެ އިނިގިރޭސި މިޑްފީލްޑަރު ޖެކް ވިލްޝެޔާއަށް ލިބުނު އަނިޔާ މާ ސީރިޔަސް ނޫންކަމަށާއި ކުޑަ ދުވަސްކޮޅެއްތެރޭ ކުޅުމަށް އެނބުރި އާދެވޭނެ ކެމަށް އޭނާ ކުރިން ބުނި ނަމަވެސް މިހާރު މިވަނީ އަނިޔާގެ ސަބަބުން މިއަހަރުގެ ބާކީ ބައި ނުކުޅެވޭނެކަމުގެ ބިރު ހީވެފަ އެވެ.

ހާއްސަ ވައްތަރެއްގެ ބޫޓެއް ބޭނުން ކޮށްގެން ވިލްޝެޔާގެ އަނިޔާ ރަނގަޅު ވަމުން އަންނާނެ ކަމަށް ބެލި އާސެނަލުގެ ސިއްހީ ޓީމުން ވެސް މިވަނީ އެ އުންމީދު ކަނޑާލުމަށް ފަހު ސާޖަރީ ކުރުމަށް ލަފާ ދީފައެވެ. އަންނަ ހޯމަ ދުވަހު ވިލްޝެޔާގެ ސާޖަރީ ކުރިއަށް ދާނެކަން އާސެނަލް އިން ވަނީ ކަށަވަރު ކޮށްދީފަ އެވެ.

"ވިލްޝެޔާގެ އަނިޔާއަށް ފަހު، ދުނިޔޭގެ އެންމެ މޮޅެތި ތަޖުރިބާކާރުންގެ ހިޔާލު ވެސް ހޯދަމުން ދިޔައީ. ޑޮކްޓަރުންގެ މައުލޫމާތު ތަކުގެ އަލީގައި މިހަފްތާ މިއެނގުނީ ވިލްޝެޔާ އަށް ޖެހޭނީ ސާޖަރީއެއް ހަދަންކަން. މި ސާޖަރީ އާއި ގުޅިގެން ގިނަ މަސްތަކަކަށް ވިލްޝެޔާ އަށް ކުޅުމާއި ދުރުގައި ހުންނަން ޖެހޭނެ ކަމަށް މިހާރު ބެލެވޭ." އާސެނަލްގެ ރަސްމީ ވެބްސައިޓުގައި ޝާއިޢު ކޮށްފައިވާ ބާޔާނެއްގައި ވެއެވެ.

ހަފްތާއެއް ތެރޭ ވިލްޝެޔާ ކުޅުމަށް އެނބުރި އަންނާނެކަމަށް އާސެނަލްގެ ކޯޗު ކުރިން ހީކުރި ނަމަވެސް، ދެން މިއަހަރު ނިންމާލަން ޖެހޭނީ އޭނާ އާއި ނުލާކަމަށް މިހާރު ވަނީ ބެލެވެން ފަށައިފައެވެ.