24 Sep 2011, 13:37
މެންޗެސްޓާ ސިޓީގެ އިނގިރޭސި މިޑްފީލްޑަރު އޮވެން ހާގްރީވްސްގެ އެނބުރި އައުން ހައިރާން ކުރުވަނިވި ކަމެއްގެ ގޮތުގައި އެކުލަބުގެ ކޯޗު ރޮބާޓޯ މަންޗިނީ ސިފަކޮށްފި އެވެ.
މަންޗިނީ މިހެން ބުނެފައި ވަނީ، ހާގްރީވްސް މެންސިޓީއަށް ކުޅެ، ދެއްކި މޮޅު ކުޅުމާއެކު 17 މިނެޓް ތެރޭ ކާމިޔާބު ކޮއްދިން ގޯލާއި ގުޅިގެންނެވެ.
މެންޗެސްޓާ ޔުނައިޓެޑަށް ކުޅުނު ދުވަސްވަރު ގިނަ ފަހަރެއްގެ މަތިން އަނިޔާ އާއި ކުރިމަތިވި އޮވެން ހާގްރީވްސް، ހަތަރު އަހަރު ތެރޭ އެކުލަބުން ފެނިފައި ވަނީ އެންމެ އަށާރަ މެޗުގައެވެ. އަނިޔާއަށް ފަހު މެންޗެސްޓާ ޔުނައިޓެޑަށް ކުޅުނު ފުރަތަމަ މެޗު ނުނިމެނީސް ހާގްރީވްސް އަށް އަނިޔާވެފައިވާކަން ފާހަގަކޮށްލެވެ އެވެ.
ކާލިންގް ކަޕުގައި ބާމިންގްހަމް އާއި ދެކޮޅަށް މެންސިޓީ ކުޅުނު މެޗުގައި ހަތަރު އަހަރު ދުވަހު ކެނޑިނޭޅި އަނިޔާ އާއި ކުރިމަތިލާފައިވާ ހާގްރީވްސް ދަނޑުމަތީ ކުޅެމުންދިޔަ ގޮތާއި މެދު ހިތްހަމަ ޖެހޭކަމަށް އެކުލަބުގެ ކޯޗު މަންޗިނީ ބުންޏެވެ.
"އަހަރެމެން އޭނާ ކުލަބަށް ގެނައި އިރު، ކުޅަމަށް އެނބުރި ގެނައުމަށް ކުރިން ހީކުރަމުން އައީ ދެމަސްވަރު ނަގާނެއޭ. ޑިސެމްބަރު ނަވަތަ ޖެނުއަރީގައި ކުޅެން ނެރުމަށް ކުރިން ވިސްނާފަ އޮންނާނީ. ރަނގަޅު އިދިކޮޅު ޓީމަކާ ކުޅެން އުނދަގޫވާނެ. އެކަމަކު އެމެޗުގައި އޭނާ ދެއްކީ މޮޅު ކުޅުމެއް. އެއީ ކޮންމެހެން އޭނަ ލަނޑެއް ކާމިޔާބު ކުރީމައެއް ނޫން. އޭނާ ދަނޑުގައި ހަރަކާތްތެރިވި ގޮތުން." މަންޗިނީ ބުންޏެވެ.
"އެއް އަހަރު ނޫނީ ދެއަހަރަށް ކުޅުމާއި ދުރުގައި ހުރުމަށްފަހު އެނބުރި ކުޅެން ފަށާ މީހެއްގެ ކަކުލަށް ނޫނީ މަސްތަކަށް އާންމުކޮށް މައްސަލަތަކެއް ދިމާވާނެ. އެކަމަކު މެޗަށްފަހު ހާގްރީވްސް އަށް އެއްވެސް މައްސަލައަކާ ކުރިމައްޗެއް ނުވޭ."
ޕްރެމިއާ ލީގުގައި އެވަޓަން އާއި ދެކޮޅަށް މިރޭ ނުކުންނާނެ އެވެ. މިދިޔަ ހަފްތާ ފުލަމް އާއި ދެކޮޅަށް ކުޅުނު މެޗުގައި މެންޗިޓީއަށް ދެޕޮއިންޓް ގެއްލިފައި ވެއެވެ. މެންޗެސްޓާ ސިޓީ އާއި އެވަޓަން ބައްދަލުކުރާ މެޗުގެ އިތުރުން ވެސް މިރޭ ޕްރެމިއާ ލީގުގެ މެޗުތަކެއް ކުޅުމަށް ހަމަޖެހިފައި ވެއެވެ.
16:45 : މެންޗެސްޓާ ސިޓީ – އެވަޓަން
19:00 : އާސެނަލް – ބޮލްޓަން ވެންޑަރާސް
19:00 : ޗެލްސީ – ސްވަންސީ ސިޓީ
19:00 : ލިވަޕޫލް – ވޮލްވާހެމްޓަން ވެންޑަރާސް
19:00 : ނިއުކާސަލް ޔުނައިޓެޑް – ބްލެކްބާން ރޮވާސް
19:00 : ވެސްޓް ބްރޮމްވިޗް އަލްބިއޮން – ފުލަމް
19:00 : ވިގަން އެތްލެޓިކް – ޓޮޓެންހަމް ހޮޓްސްޕާ
21:30 : ސްޓޯކް ސިޓީ – މެންޗެސްޓާ ޔުނައިޓެޑް