24 Oct 2018, 09:54
ދެހާސް ފަސް ވަނަ އަހަރުގެ ކާމިޔާބު ކޮމެޑީ ފިލްމު، 'ނޯ އެންޓްރީ'ގެ ދެވަނަ ބައިން ސަލްމާން ޚާން ނުފެންނާނެކަން ޔަގީންވެއްޖެ އެވެ.
ސަލްމާންގެ އިތުރުން އަނިލް ކަޕޫރު، ބިޕާޝާ ބާސޫ އަދި ފަރްދީން ޚާން މުހިންމު ރޯލުތަކުން ފެނިގެން ދިޔަ އެ ފިލްމުގެ ދެވަނަ ބައެއް ފެނިގެންދާނެކަން ހާމަކޮށްފައި ވަނީ މީގެ އަހަރުތަކެއް ކުރިންނެވެ. ނަމަވެސް ފިލްމުގެ ކާސްޓް އަދިވެސް އޮތީ ނޭނގުމެއްގެ ތެރޭގަ އެވެ.
ޑައިރެކްޓަރު ބޯނީ ކަޕޫރު އަދި އަނީސް ބަޒްމީ އުންމީދުކޮށްގެން ތިބީ ފިލްމުގެ އޮރިޖިނަލް ކާސްޓާއެކު ދެ ވަނަ ބައެއް ވެސް ކުރިއަށް ގެންދާށެވެ. ނަމަވެސް އެންމެ ފަހުގެ ޚަބަރުތައް ބުނާ ގޮތުން ސީކުއެލް އިން ސަލްމާން ނުފެންނާނެ އެވެ.
ސަލްމާން ފިލްމާ ދުރަށް ދާން ޖެހުނީ ގިނަ ފިލްމުތަކެއްގައި ބުރަކޮށް މަސައްކަތް ކުރަން ޖެހި، އެ ފިލްމަށް ވަގުތު ދެވެން ނެތުމުންނެވެ. ސަލްމާނަށް ފިލްމަށް ވަގުތު ދެވެން ނެތުމުން، 'ނޯ އެންޓްރީ'ގައި ސަލްމާން އަދާކުރި ރޯލަށް މިހާރު އަރްޖުން ކަޕޫރު ވަނީ ހަމަޖައްސައިފަ އެވެ.
ދެވަނަ ބައިން ވެސް އަނިލް ކަޕޫރު ފެނިގެންދާނެކަން ޔަގީންވެފައި ވާއިރު، ފަރްދީން އަދާކުރި ރޯލަަށް އެކްޓަރެއް ހަމަޖެއްސުމުގެ މަސައްކަތް މިހާރު އަންނަނީ ކުރަމުންނެވެ.
ފިލްމުގެ މަސައްކަތް ފެށުމަށް ހަމަޖެހިފައި ވަނީ އަންނަ އަހަރުގެ ސެޕްޓެމްބަރު މަހުގެ ތެރޭގަ އެވެ.