24 Oct 2018, 09:56
ދިވެހިންގެ މެދުގައި މަގުބޫލު ކްރައިމް ޑްރާމާ ސީރީޒް 'ސީއައިޑީ' ވަގުތީ ގޮތުން ހުއްޓާލަން، ސޮނީ އެންޓަޓެއިންމެންޓް އިން ނިންމައިފިއެވެ.
މި މަހުގެ 28 ވަނަ ދުވަހުން ފެށިގެން ސީއައިޑީ ދެއްކުން ހުއްޓާލަން ނިންމާފައިވާކަން ހާމަކުރީ އެ ޗެނަލުން އިއްޔެ ނެރުނު ބަޔާނެއްގައެވެ. ސީއައިޑީ އަކީ އިންޑިއާގެ އެންމެ ދުވަސްވީ ކްރައިމް ސީރީޒްއެވެ. އެ ޝޯ ގެނެސްދޭތާ މިހާރު 21 އަހަރު ވަނީ ވެފައެވެ.
ސޮނީ އިން ބުނީ ފަޔަވޯކްސް ޕްރޮޑަކްޝަންސް އާއެކު ފާއިތުވި 20 އަހަރު ދުވަހުގެ ތެރޭގައި ވަރަށް ރަނގަޅަށް މަސައްކަތް ކުރެވިފައިވާ ކަމަށެވެ. ނަމަވެސް މިހާރު ވަގުތީ ގޮތުން ސީރީޒްގެ މަސައްކަތް ހުއްޓާލަން ނިންމާފައިވާ ކަމަށެވެ.
އަދި ބޮޑެތި ބަދަލުތަކަކާ އަދި ތަފާތު ވާހަކަތަކާ އެކު ސީއައިޑީ އެނބުރި އަންނާނެ ކަމަށް ވެސް އެ ޗެނަލުގެ ބަޔާނުގައިވެއެވެ. 1997 ވަނަ އަހަރު ދައްކަން ފެށި ސީއައިޑީގެ އެންމެ ފަހު އެޕިސޯޑު ގެނެސްދޭނީ އޮކްޓޫބަރު 27 ވަނަ ދުވަހު އެވެ.
ޝޯ ހުއްޓާލަން ނިންމުމާ ގުޅިގެން އެ ޝޯ އަށް ލޯބިކުރާ ގިނަބަޔަކު އަންނަނީ ނުރުހުން ފާޅުކުރަމުންނެވެ.