23 Oct 2018, 18:31
ރައްޔިތުންގެ މަޖިލީހުގެ ފުވައްމުލަކު މެދު ދާއިރާގެ މެމްބަރު އަލީ ފަޒާދަކީ އަދިވެސް މަޖިލީހުގެ މެމްބަރެއް ކަމަށް އިލެކްޝަންސް ކޮމިޝަނުން ބުނެފި އެވެ.
ފަޒާދު އިދިކޮޅު ފަރާތްތަކުގެ ކެމްޕެއިނާ ގުޅުނު ހިސާބުން ޕީޕީއެމުން ވަކިކޮށް އެކަން އިލެކްޝަންސް ކޮމިޝަނަށް އެންގި އެވެ. އެއީ ސެޕްޓެމްބަރު ހަވަ ދުވަހު އެވެ.
އޭގެ ފަހުން އިލެކްޝަނުން ވަނީ ޕީޕީއެމްގެ ނިންމުން ބަލައިގަނެ ފަޒާދުގެ ގޮނޑި ގެއްލުނު ކަން މަޖިލީހަށް އަންގާފަ އެވެ.
އިލެކްޝަންސް ކޮމިޝަނުގެ މެމްބަރު އަދި ތަރުޖަމާނު އަހުމަދު އަކްރަމް ވިދާޅުވީ ފަޒާދުގެ މައްސަލަ އެ ކޮމިޝަނުން ބެލި އިރު ބައެއް ކަންކަމަށް ރިއާޔަތް ނުކުރެވި ހުރުމުން އަލުން ބަލައިދިނުމަށް ފަޒާދުގެ ފަރާތުން ސިޓީއަކުން އެދިފައިވާތީ އަލުން އެމައްސަލަ ބަލަމުންދާ ކަމަށެވެ.
އަދި ފަޒާދު ޕީޕީއެމުން ވަކިކޮށް އިލެކްޝަނަށް އެންގީ އިސްތިއުނާފު މަރުހަލާވެސް ނުނިމެނީސް ކަމަށާއި އެހެންކަމުން އެކަންކަމަށް ރިއާޔަތްކޮށް އަލުން އެ މައްސަލަ ބަލާކަން މަޖިލީހަށްވެސް އަންގާފައިވާނެ ކަމަށް އަކްރަމް ވިދާޅުވި އެވެ.
އެންޓި ޑިފެކްޝަން ގާނޫނުގައި ބުނެފައިވާ ގޮތުން މަޖިލީޙުގެ މެމްބަރަކު އިންތިހާބުވާ ޕާޓީން ވަކިކުރުމުން، ނުވަތަ ވަކިވުމުން ނުވަތަ ޕާޓީ ބަދަލު ކުރުމުން މަޖިލީހުގެ ގޮނޑި ގެއްލޭނެ އެވެ.
އަދި މަޖިލީހުގެ ގޮނޑި ގެއްލުނުކަން ކަށަވަރު ވާނީ އިލެކްޝަންސް ކޮމިޝަނުން އެމައްސަލަ ބަލައި މަޖިލީހަށް އަންގާ ހިސާބުން ކަމަށް އެ ގާނޫނުގައި ބުނެފައިވެ އެވެ.