23 Oct 2018, 18:24
ކުރީގެ ރައީސް މައުމޫނު އަބްދުލްގައްޔޫމު ބެސްފަރުވާއަށް މެލޭޝިއާއަށް ވަޑައިގެންފި އެެވެ.
ރައީސް މައުމޫނު ޖަލުން މިނިވަންވެ ވަޑައިގަތުމަށް ފަހު މިއީ ރާއްޖޭން ބޭރަށް ކުރައްވާ ފުރަތަމަ ދަތުރުފުޅެވެ.
އަދުލު އިންސާފު ގާއިމް ކުރަން ހުރަސް އެޅި ކަމުގެ ތުހުމަތުގައި އަދި ޓެރަރިޒަމްގެ އަމަލެއް ހިންގަން އުޅުނު ކަމަށް ބުނެ ރައީސް މައުމޫނު ވަނީ އަށް މަހަށްވުރެ ގިނަ ދުވަހު ޖަލުގައި ބަންދުކޮށްފަ އެވެ.
ރައީސް މައުމޫނުގެ ގާތް ބޭފުޅަކު 'ސަން' އަށް ވިދާޅުވީ އެމަނިކުފާނާއި އަނބިކަބަލުން މެލޭޝިއާއަށް ވަޑައިގެންނެވީ އިއްޔެގެ ވަގުތެއްގައި ކަމަށެވެ.
އަދި މެލޭޝިއާގައި ދެހަފްތާއެއްހާ ދުވަސް ހޭދަ ކުރައްވާނެ ކަމަށް އޭނާ ވިދާޅުވި އެވެ.
ރައީސް މައުމޫނު ޖަލުގައި ހުންނެވި އިރުވެސް ސީރިއަށް ބައްޔެއް ކަމަށްވާ ވާޓިގޯއަށް ދިޔައީ ފަރުވާ ހޯއްދަވަމުންނެވެ. އަދި ބަލީގެ ސަބަބުން އެމަނިކުފާނު ގޭ ބަންދަށް ބަދަލު ކުރުމަށް ޑޮކްޓާރުންވެސް ވަނީ ލަފާދެއްވާފަ އެވެ.
ނަމަވެސް ރިޔާސީ އިންތިހާބު ނިމި އިބްރާޙިމް މުހައްމަދު ސޯލިހު އިންތިހާބު ކާމިޔާބު ކުރައްވަންދެން ރައީސް މައުމޫނު ހުންނެވީ ޖަލުގަ އެވެ. ރައީސް މައުމޫނު ގޭބަންދަށް ބަދަލުކުރެއްވީ އިންތިހާބަށް ފަހު އެވެ.