24 Oct 2018, 08:45
މަޝްހޫރު ޑައިރެކްޓަރު އަދި ކާމިޔާބު އެކްޓަރު ޔޫސުފް ޝަފީއު (ޔޫއްޕެ) ގެ ކުރިޔަށް އޮތް ދެ ފިލްމުގެ ލީޑު ރޯލަށް ވެސް މިހާރު ދިވެހި ފިލްމީ ދާއިރާގައި ތިބި އެންމެ ޑިމާންޑް ބޮޑު ދެތަރިން ކަމަށްވާ މަރިޔަމް އައްޒަ އާއި އަލީ އާޒިމް(ދޮން އައްޔަ) ހަމަޖައްސާފިއެވެ.
"ސަން" އާ ވާހަކަ ދައްކަމުން ޔޫއްޕެ ބުނީ އަދި ފިލްމުގެ މާ ގިނަ ތަފްސީލް ތަކެއް ހިއްސާ ކުރެވެން ނެތް ކަމަށާއި ދެ ފިލްމުގެ ވާހަކަ ލިޔެ ޕްރޮޑިއުސް ވެސް ކުރަނީ އޭނާ ކަމަށެވެ. އެ ދެ ފިލްމުގެ ނަމެއް ވެސް އަދި އިއުލާން ކޮށްފައެއް ނުވެއެވެ.

އައްޔަ އާއި އައްޒަ އެކުގައި ފެންނަ "ނޯޓީ ފޯޓީ"ގެ ޕޯސްޓަރެއް...
"އަދި ނެތް މާބޮޑު ތަފްސީލެއް ދެވޭކަން، އެކަމަކު މީޑިއާ ތަކަށް އަދި މައުލޫމާތުތައް ދޭނަން، އައްޒަ އާއި އައްޔަ ފެންނާނެ ވާހަކަ މިވަގުތު ބުނެލާނަން،" ގިނަ އަދަދެއްގެ ވިޑިއޯ ލަވަ ތަކުން ބެލުންތެރިންގެ މަގުބޫލުކަން ހޯދާފައިވާ ޔޫއްޕެ ބުންޏެވެ.
އެ ދެފިލަމަށް ސޮއި ކޮށްފައިވާ ކަމަށް އައްޒަ އާއި އައްޔަ ވަނީ "ސަން" އަށް ކަށަވަރުކޮށްދީފައެވެ. ނަމަވެސް މި ދެތަރިން ވެސް ރޯލާ ބެހޭ ގޮތުން މާ ބޮޑު ތަފްސީލެއް ނުދިނެވެ. އެ ދެ ފިލްމުގެ މަންޒަރެއްގައި އަހްމަދު އީސަ (އާނަންދު) ވެސް ފެންނާނެއެވެ.
"ކާސްޓުން ވެސް ފައިނަލް ކުރަމުން މިދަނީ، އިރާދަކުރެއްވިއްޔާ ދެ ފިލްމުގެ ކާސްޓުން ވެސް ވަރަށް އަވަހަށް އަދި އަންގާނަން،" ޔޫއްޕެ ބުންޏެވެ.

އައްޒަ، ޔޫއްޕެ އަދި އައްޔަ އެކުގައި ފެންނާނެ ވެބް ސީރީޒް "ހުވާ" ގެ ޕޯސްޓަރެއް..
ޔޫއްޕެ ބުނީ، މިހާރު ކުރަމުން އަންނަނީ ސްކްރިޕްޓްގެ މަަސައްކަތް ކަމަށާއި ފިލްމުގެ ދެ ފިލްމުގެ ޝޫޓިން ފެށުމަށް ވެސް ވަރަށް ބޮޑެތި ތައްޔާރުތަކެއް ވާން ޖެހޭ ކަމަށެވެ.
އައްޔަ އާއި އައްޒަ ވަނީ މީގެ ކުރިން ޔޫއްޕެ އާއެކު އެކުގައި މަަސައްކަތް ކޮށްފައެވެ. މިދިޔަ އަހަރު ނެރުނު ކޮމެޑީ ފިލްމު "ނޯޓީ ފޯޓީ" އިން އެ ތިން ތަރިން އެއްކޮށް ފެނިފައި ވާއިރު ރާއްޖޭގައި އަލަށް ހަދާ ފާތިމަތު ނަހުލާގެ ވެބް ސީރީޒުން ވެސް މި ތިން ތަރިން އެކުގައި ފެންނާނެއެވެ. އައްޔަ އާއއި އައްޒަ ވަނީ މިދިޔަ އަހަރު ރިލީޒްކުރި ދެ ފިލްމު ކަމަށްވާ "ހައްދު" އަދި "ބޮސް" ގައިވެސް އެކުގައި މަސައްކަތް ކޮށްފައެވެ.