23 Oct 2018, 16:04
އިވެންޓް މެނޭޖް ކުރާ ކުންފުންޏެއް ކަމަށްވާ އޮޓޯ ކްރިއޭޓިވްސް އަށް މަސައްކަތް ހަވާލުކޮށްފައި ވަނީ ބޮޑުކޮށްގެން ކަމަށް ހައުސިން މިނިސްޓްރީން ބުނެފިއެވެ.
އެއް މަސް ތެރޭ 17 މިލިއަނަށް ވުރެ ގިނަ ފައިސާ ހައުސިން އިން އެކުންފުންޏަށް ދީފައިވާ ކަމަށް ބުނެ އެކަމާ ގުޅޭ ލިޔުމެއް މިހަފްތާގެ ތެރޭގައި ވަނީ މީސް މީޑިއާގައި އާންމުކޮށްފައެވެ. މީސް މީޑިއާގައި އާންމުކޮށްފައިވާ ލިޔުންތަކުގައިވާގޮތުން އެކުންފުންޏަށް އެ ފައިސާ ދޫކޮށްފައި ވަނީ ތަފާތު 18 އިންވޮއިސް އަކަށެވެ.
އެކަމާ ގުޅިގެން ހައުސިން މިނިސްޓްރީގެ މީޑިއާ ކޮންސަލްޓެންޓް އަހުމަދު ފަޒާލް ހުސައިން މިއަދު "ސަން" އަށް ވިދާޅުވީ މީސް މީޑިއާގައި އާންމުކޮށްފައިވާ ލިޔުމަކީ ސައްހަ ލިޔުމެއް ކަމަށެވެ.
އޭނާ ވިދާޅުވިގޮތުގައި އިވެންޓް މެނޭޖުކުރުމުގެ މަސައްކަތް އެ ކުންފުންޏާ ހަވާލުކޮށްފައި ދެ އަހަރު ދުވަހުގެ މުއްދަތަކަށެވެ.
އެ މަސައްކަތް ހަވާލުކުރާނެ ކުންފުންޏެއް ހޯދުމަށް އިއުލާންކުރުމުން ތިން ކުންފުންޏަކުން ކުރިމަތިލި ކަމަށާއި އޮޓޯ ކްރިއޭޓިވްސް އަށް އެ މަސައްކަތް ހަވާލުކުރީ އެޓާނީ ޖެނެރަލްގެ ލަފާވެސް ހޯދުމަށްފަހު ކަމަށް އޭނާ ވިދާޅުވިއެވެ.
އެ މަސައްކަތަށް ކުރިމަތިލީ ކުންފުނިތައް ހޮވުމުގައި ބަލާފައި ވަނީ ކަނޑައަޅާފައިވާ ޚާއްސަ ކްރައިޓީރިއާގެ ދަށުން، އެންމެ ގިނަ ޕޮއިންޓު ލިބޭ ކުންފުނި ކަމަށް ވެސް ފަޒާލް ވިދާޅުވިއެވެ.