މޭޑޭ މިޒާހަރާގައި ދެއްކިވި ވާހަކަތަކެއްގެ ސަބަބުން ޓެރެރިޒަމްގެ ކުށް ސާބިތުވެ ޖަލަށް ލުމަށް ހުކުމް ކޮށްފައިވާ އަދާލަތު ޕާޓީގެ ރައީސް ޝެއިހް އިމްރާން އަބްދުﷲގެ މައްސަލަ އަލުން މުރާޖާ ކޮށްދިނުމަށް ސުޕްރީމް ކޯޓަށް ހުށަހަޅައިފި އެވެ.

އަދާލަތު ޕާޓީގެ ނައިބް ރައީސް އަލީ ޒާހިރު މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައި ވަނީ އިމްރާންގެ މައްޗަށް ކޮށްފައިވާ ޖަލު ހުކުމް އިސްތިއުނާފް ކުރުމަށް މީގެ ކުރިން ހުށަހެޅުމުން ބަލައިގަނެފައި ނުވާ ކަމަށާއި އެހެން ކަމުން އެ ނިންމުން އަލުން މުރާޖާ ކޮށްދިނުމަށް އެދި ހުށަހަޅާފައިވާ ކަމަށެވެ.

އަލީ ޒާހިރު ވިދާޅުވީ، ގުޅިފައިވާ ޕާޓީތަކުގެ ލީޑަރުން މިނިވަން ވުމަކީ ސަރުކާރު ބަދަލުވުމުގެ މި ދަނޑިވަޅުގައި ޓްރާންސިޝަނަލް މަސައްކަތަށް ނުހަނު ބޭނުންތެރި ކަމެއް ކަމަށެވެ.

ދެހާސް ފަނަރަވަނަ އަހަރުގެ މޭ މަހުގެ އެއްވަނަ ދުވަހު އިދިކޮޅު ފަރާތްތަކުން މާލޭގައި ކުރިއަށް ގެންދިޔަ ބޮޑު މުޒާހަރާގައި ދެއްކެވި ވާހަކަތަކެއްގެ ސަބަބުން އިމްރާންގެ މައްޗަށް ވަނީ ޓެރެރިޒަމްގެ ދައުވާ އުފުލައި 12 އަހަރުގެ ޖަލު ހުކުމެއް އިއްވާފަ އެވެ.

އިދިކޮޅު ހަތަރު ލީޑަރުންގެ ތެރެއިން ގާސިމް އިބްރާހިމް އާއި ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމްގެ މައްޗަށް ކޮށްފައިވާ ޖަލު ހުކުމްތަކުން އެ ދެ ބޭފުޅުން މިހާރު ވަނީ ސަލާމަތްވެ ވަޑައިގެންފަ އެވެ. އަދި ޝައިހް އިމްރާން އާއި ކުރީގެ ރައީސް މުހައްމަދު ނަޝިދުގެ މައްޗަށް އިއްވާފައިވާ 13 އަހަރުގެ ޖަލު ހުކުމް އަދި ވެސް އޮތީ އެ ގޮތުގަ އެވެ.