ފެރީ ޓިކެޓް އަގު ބޮޑުކުރުމަށް ނިންމުމާ ގުޅިގެން، ވިލިމާލޭ ފެރީ ޓާމިނަލް ސަރަހައްދުގައި މުޒާހަރާކޮށް، ފެރީގެ ނިޒާމް ހުއްޓުމަކަށް ގެނެސްފި އެވެ.

މިއަދު މެންދުރު 1:00 ޖަހާއެހާކަންހާއިރު ވިލިނގިލީ ފެރީ ޓާމިނަލް ސަރަހައްދަށް ގިނަ ބަޔަކު އެއްވެ، ވަނީ ފެރީގެ ޓިކެޓް އަގުބޮޑު ނުކުރުމަށް ގޮވައިލައި މުޒާހަރާކޮށްފަ އެވެ. އަޑުގަދަކުރާ އާއި ބޯޑުތައް ހިފައިގެން ތިބި މީހުން ވަނީ ފެރީތައް އަލުން ބީލަމަށް ލުމަށް ވެސް ޑިމާންޑްކޮށްފަ އެވެ.

މުޒާހަރާ ކުރި މީހުން ވަނީ ފެރީގެ ޚިދުމަތް ދެމުންދިޔަ ހުރިހާ ކައުންޓަރުތަކެއް ބަންދުކޮށްފަ އެވެ. އަދި އެވަގުތުތަކުގައި މާލޭން ވިލިނގިއްޔަށް މީހުން ގެންގޮސްފައި ވަނީ އެމްޓީސީސީން އަތޮޅުތަކަށް ޚާއްސަކޮށްފައި އޮތް ފެރީއެއްގަ އެވެ. އެ ފެރީން މީހުން ބާލާފައި ވަނީ ވިލިނގިލީ ބަނދަރަށެވެ.

ވިލިނގިލީ ފެރީ ޓާމިނަލް ކައިރިއަށް ގިނަ ބަޔަކު އެއްވެ މިއަދު ކުރި މުޒާހަރާ ރޫޅާލުމަށް ފުލުހުން ވަނީ ދެ ފަހަރެއްގެ މަތިން ޕެޕާސްޕްރޭ ޖަހައިފަ އެވެ. އަދި އެ ސަރަހައްދުގައި ފުލުހުންނާ އާންމުންނާ ދެމެދު ހިނގި ކުރިމަތިލުންތަކުގައި ބައެއް މީހުން ވަނީ ހައްޔަރުކޮށްފަ އެވެ.

މިއަދުގެ މުޒާހަރާ އާ ގުޅިގެން ގާތްގަނޑަކަށް ތިންގަޑިއިރަށް މެދު ކެނޑިފައި އޮތް ވިލިމާލޭ ފެރީގެ ޚިދުމަތް ފުރަތަމަ ފަށާފައި ވަނީ 3:20 ހާއިރު ފުލުހުންގޮސް ޓިކެޓް ކައުންޓަރުތައް ހުޅުވުމުން ނެވެ.

ނަމަވެސް މުޒާހަރާގެ ބައިވެރިން ވަނީ ޓިކެޓް ގަންނަން އަންނަ މީހުންނަށް ނުވަދެވޭ ގޮތަށް ފުލުހުންގެ ކުރިމަތީ ސަފަކަށް އެތުރިފަ އެވެ. އަދި ފަހުން ވަނީ ޓިކެޓް ކައުންޓަރުތައް ވެސް ދެ ވަނަ ފަހަރަށް ބަންދުކޮށްފަ އެވެ.
މުޒާހަރާގެ ބައިވެރިން ވަނީ ވިލިނގިލީ ޓާމިނަލްގައި ނަގާފައި ހުރި އެމްޓީސީސީގެ ދިދަ ތިރިކޮށްފަ އެވެ.
މާލޭ ސިޓީގެ މޭޔަރު އަލި މަނިކު (އަލިބެ) ވަނީ ވިލިނގިއްޔަށް ވަޑައިގެން މުޒާހަރާގެ ބައިވެރިންނާ ބައްދަލުކޮށް މައްސަލަ އަށް ހައްލެއްގެންނަވާނެ ކަމަށް ވިދާޅުވެފަ އެވެ. އަދި މިމަހު 27ގެ ކުރިން ރައްޔިތުންނަށް ޖަވާބެއް ދެއްވާނެ ކަމަށް ވެސް އަލިބެ ވިދާޅުވި އެވެ.

"މީގައި ގޮތެއް ނިންމަންވާނީ ދެ ފަރާތަށް ވެސް ގެއްލުނުވާ ގޮތަށް،" ކަމަށް އަލިބެ ވިދާޅުވި އެވެ.

-----------------------
18:3 އެމްޓީސީސީ އޮފީހުގެ ބިއްލޫރިގަނޑު ތަޅާލައިފި.

18:28 މުޒާހަރާގެ ބައިވެރިންނާ ބައްދަލު ކުރެއްވުމަފަހު މޭޔަރު ފުރައިފި. ނަމަވެސް މުޒާހަރާގެ ބައިވެރިން އަދިވެސް ތިބީ އެ ސަރަހައްދުގައި.

18:26 އަލިބެ ވިދާޅުވީ މިހާރު އޮތް އަގުގައި ފެރީ ޓިކެޓްގެ އަގު ހިފެހެއްޓޭތޯ މަސައްކަތް ކުރައްވާނެ ކަމަށް. އަދި މައްސަލަ ހައްލު ކުރަންވާނީ ރައްޔިތުންނަށާއި ކުންފުންޏަށް ގެއްލުންނުވާ ގޮތަށް ކަމަށް އަލިބެ ވިދާޅުވި.

18:24 ޓްރާންސްޕޯޓު މިނިސްޓަރާ މަޝްވަރާ ކުރެއްވުމަށްފަހު މިމަހު 27ގެ ކުރިން ޖަވާބެއް ދެއްވާނެ ކަމަށް މޭޔަރު ވިދާޅުވި

18:22 މުޒާހަރާގެ ބައިވެރިންނާ މޭޔަރު އަލިބެ ބައްދަލުކުރައްވަނީ. ފެރީގެ ޚިދުމަތް އަލުން ދެވޭނެ ގޮތަކަށް ރައްޔިތުންގެ ޢަމަލުތައް ބެހެއްޓުމަށް މޭޔަރު އެދިވަޑައިގެން.

18:12 މޭޔަރާ އެމްޓީސީގެ އިސްވެރިންނާ މަޝްވަރާ ބައްދަލުވުންތަކެއް އެމްޓީސީސީ ވިލިނގިލީ އޮފީސް ތެރޭ ކުރިއަށްދާ ކަމަށް ސަންގެ ޖާނަސްލިޓް މަޢުލޫމާތުދޭ

17:56 ފެރީގެ ޚިދުމަތް އަދިވެސް އޮތީ މެދުކަނޑާލާފައި. ކައުންޓަރުތައް ހުރީ ބަންދުކޮށްފައި.

17:51 މާލޭ ސިޓީ މޭޔަރު އަލި މަނިކު(އަލިބެ) މުޒާހަރާގެ ބައިވެރިންނާ ބައްދަލުކޮށް ވާހަކަދައްކަވަނީ.

17:49 ރައިޓްގިޔަރުގައި ތިބި ފުލުހުން ނުކުމެ ޓާމިނަލް ބަންދުކޮށްގެން ތިބި މީހުން ދުރުކުރުމަށްފަހު މީހުންނަށް ވަދެވޭގޮތަށް ހަދައިދީފި

17:42 ފެރީގެ ޚިދުމަތް ދެވަނަ ފަހަރަށް ވަނީ މެދުކަނޑާލާފައި. ވިލިނގިލީ ޓާމިނަލްގައި ނަގާފައި ހުރި އެމްޓީސީސީގެ ދިދަ ވަނީ ތިރިކޮށްފައި.

15:38
ވިލިމާލޭން މާލެއަށް އަންނަން ބޭނުންވާ މީހުންނަށް ފެރީގެ ހިދުމަތް ހޯދައިދިނުމަށް ފުލުހުން އެސަރަހައްދުގައި ހަރަކާތްތެރިވަމުން އަންނަނިކޮށް، ފެރީގެ ހިދުމަތް ހޯދާ މީހުންނަށް ހުރަސް އެޅުމަށް ފެރީޓާމިނަލާއި ވިއްސަކަށް ފޫޓު ދުރުގައި އެއްވެ ތިބި މީހުންގެ ތެރެއިން ބަޔަކު ގޮސް ފުލުހުންގެ ކުރީމަތީގައި ރޮނގަކަށް އެތުރިލައިފި އެވެ.

15:23
ފުލުހުން ގޮސް ޓިކެޓް ކައުންޓަރުންތައް ހުޅުވުމުން އެމްޓީސީސީން ފެރީ ޓާމިނަލްގެ ހިދުމަތް ދޭން ފަށައިފި އެވެ. ފުރަތަމަ ފެރި ވިލިމާލެއިން ނާއި މާލޭން ނައްޓާލައިފި އެވެ.

15:19
ފުލުހުން މިހާރު ވަނީ އެސަރަހައްދަށް އެއްވި މީހުން ގާތްގަނޑަކަށް ފެރީ ޓާމިނަލަށް ވަންނަ ގޭޓާއި ވިއްސަކަށް ފޫޓަށް ދުރަށް ޖައްސާފަ އެވެ. ނަމަވެސް އަދިވެސް އާއްމުން ގެންދަނީ ނުރުހުން ފާޅުކުރަމުންނެވެ. އަދި ފުލުހުން އެސަރަހައްދު ދޫކޮށް ދިއުމަށް ވެސް އެމީހުން ގެންދަނީ ގޮވާލަމުންނެވެ.

15:00
ވިލިމާލޭގައި ފުލުހުންނާއި އެއްވެ ތިބި މީހުން އަދިވެސް ގެންދަނީ ކުރިމަތިލަމުންނެވެ. އިތުރު މީހަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފި އެވެ.

14:53
ފުލުހުން ވިލިމާލެއަށް އަރައިފި އެވެ. މުޒާހަރާ ރޫޅާލުމަށް ދެފަހަރެއްގެ މަތިން ވަނީ ޕެޕާސްޕްރޭ ޖަހާފަ އެވެ.

14:38
ނެރާ ދިމާލުން ވިލިމާލެއަށް އަރަން މަސައްކަތް ކުރި ފުލުހުން އެރަށު ފުލުހުން އިދާާރާ ހުުންނަ ސަރަހައްދާ ދިމާލުން އެރަށް އެރުމަށް އެސަރަހައްދަށް ގޮސްފި އެވެ.

14:38
ނެރާއި ދިމާލުން ފުލުހުންނަށް ވިލިމާލެއަށް ނޭރިގެން ބަނދަރު ސަރަހައްދަށް ގޮސްފި އެވެ.

14:29
މުޒާހަރާ ކުރަމުންގެންދާ މީހުން އެސަރަހައްދުން ދުރަށް ދިއުމަށާއި ފުލުހުންގެ ވާޒިބަށް ހުރަސްއަޅަމުން ގެންދާ މީހުން ހައްޔަރުކުރާނެ ކަަމަށް ބުނެ ޓިކެޓް ކައުންޓަރުތައް ބަންދުކޮށްގެން ތިބި ފުލުހުން އިންޒާރުދޭން ފަށައިފި އެވެ.

14:25
އެއްވެފައިވާ މީހުންނަށް އެސަރަހައްދުން ދުރަށް ދިއުމަށް ފުލުހުން ދެމުން ގެންދިޔަ އިންޒާރުތައް ދިނުން ހުއްޓާލައިފި އެވެ.

14:19
ފުލުހުން ވިލިނގިިއްޔަށް އެރިޔަ ނުދިނުމަށް ގިނަ އަދަދެއްގެ ރައްޔިތުން ވަނީ ފެރީތައް ލަފާ ސަރަހައްދުގެ ނެރުމައްޗަށް އެއްވެފަ އެވެ. އެހެންވެ ފުލުހުންނަށް އަދިވެސް ތިބީ އެރަށުގެ ނެރުމަތީގަ އެވެ.

14:13
ނެރުމަތީގައި މުޒާހަރާ ކުރަމުން ގެންދާ މީހުންގެ ތެެރެއިން ބައެއް މީހުން ހައްޔަރުކޮށްފި އެވެ.

14:09
ފުލުހުންގެ މީޑިއާ އޮފިޝަލް ސަބް އިންސްޕެކްޓާ އޮފް ޕޮލިސް އަހުމަދު ޝިޔާމް ވިދާޅުވީ މިއަދު ވިދާޅުވީ ވިލިނގިލީ ނެރުމަތީގައި ހުރި މީހަކު ފުލުހުން އެއްލާލާފައިނުވާ ކަމަށެވެ. އަދި އެމުޒާހަރާގައި އެއްވެސް މީހަކު ހައްޔަރުކުރި ކަމެއް ނުވަތަ ނޫން ކަމެއް ވެސް ވިދާޅެއް ނުވެ އެވެ.

14:04
ނެރުމަތީގައި ފުލުހުންނާއި އާއްމުންނާއި ކުރިމަތިލުކަށް ގޮސްފި އެވެ. އަދި އާއްމުން އެސަރަހައްދުން ދުުރަށް ދިއުމަށް ފުލުހުން ގެންދަނީ އިންޒާރުދެމުންނެވެ.

14:00
ނެރުގައި ދަމާފައި އޮތް ވާ ކަނޑާލުމަށްފަހު ރައިޓް ގިޔަރުގައި ވިލިމާލެއަށް ދިޔަ ފުލުހުން ލޯންޗެއް އެރަށު ނެރުމައްޗަށް އެރުމަށްފަހު ފުލުހުންނަށް ހުރަސް އަޅަމުން ދިޔަ މީހަކު މޫދަށް އެއްލާލައިފި އެވެ.

13:56
އެއްވެ ތިބި މީހުން އަޑުގަދަ ކުރާ ބޭނުންކޮށްގެން ހިފައިގެން ތިބެ ބުނަމުންދަނީ އެމްޓީސީސީގެ އިސްވެރިއަކު އެމީހުންނާ ބައްދަލު ނުކުރަނީސް އެ ސަރަހައްދުން ނުދާނެ ކަމަށް. އަދި ފެރީތައް ބިޑަށް ލުމަށް ވެސް އެމީހުން ދަނީ ޑިމާންޑް ކުރަމުން.

13:54 ވިލިމާލެއަށް ދިޔަ ފެރީ އަކީ ބަލި މީހުންނާ ޓެސްޓަށް ދާ ކުދިން އުފުލަން ހަމަޖައްސާފައިވާ ފެރީ އެއް ކަމަށް މައުލޫމާތު ލިބޭ. އަދި އެ ފެރީއަކީ އަތޮޅުތަކަށް ދަތުރު ކުރާ އެމްޓީސީސީގެ ފެރީއެއް ކަމަށް ވެސް މައުލޫމާތު ލިބޭ.

13:46
ފެރީތައް ވަންނަ ނެރު ބަންދު ކުރުމާ ގުޅިގެން މާލޭން ވިލިމާލެއަށް ދިޔަ ފެރީ މިހާރު ވަނީ އެރަށު ބަނދަރާ ދިމާލުން ވަންނަން މިސްރާބު ޖަހާފައި.

13:44
ވިލިމާލޭ ނެރު މިހާރު ވަނީ ވަލެއް ދަމާ ބަންދުކޮށްފަ އެވެ.

13:37
މާލެއިން ވިލިމާލެއަށް ދާންބޭނުންވެފައި ފެރީ ޓާމިނަލްގައި ތިބި ބަޔަކު ޓިކެޓާއި ނުލައި އެމްޓީސީސީން ފެރީއެއް ފުރުވާލައިފި އެވެ.

13:28
ފެރީ ޓިކެޓް ވިއްކާ ވިލިމާލޭގެ ހުރިހާ ކައުންޓަރު ތަކެއް މިހާރު ވަނީ ބަންދުކޮށްފައި. އަދި ފުލުހުން ވަނީ ޓާމިނަލަށް ވަންނަ ހުރިހާ ސަރަހައްދެއް ބަންދުކޮށްފައި. ޓަމިނަލް ބޭރުގައި އާއި އެތެރޭގައި ތިބެ މީހުން ދަނީ މުޒާހަރާ ކުރަމުން.

13:26
އެމްޓީސީސީގެ އޮފިޝަލަކު ވިދާޅުވީ ފެރީތަކުގެ ހިދުމަތް މެދުކަނޑާލީ ވިލިނގިއްޔަށްދާ ފެރީތައް އެކޮޅުގައި މުޒާހަރާ ކުރަމުން ގެންދާ މީހުން ހިފަހައްޓަމުން ގެންދާތީ ކަމަށެވެ.

13:24
މާލޭގައި ހުންނަ ވިލިނގިލީ ފެރީޓާމިނަލްގެ ހިދުމަތް ދިނުން ވަނީ ވަގުތީ ގޮތުން މެދުކަނޑާލާފަ އެވެ.

13:12
ވިލިމާލޭ ފެރީ ޓާމިނަލްގައި ފުލުހުން ރައިޓް ގިއަރުގައި ގެންދަނީ ހަރަކާތްތެރިވަމުންނެވެ.

13:09
ޓިކެޓް އަގު ބޮޑުކުރުމަށް ނިންމުމާ ގުޅިގެން ވިލިމާލޭގައި ފެރީ ޓާމިނަލް ސަރަހައްދުގައި މުޒާހަރާ ކުރަމުން އެބަދެ އެވެ.