14:30


ރާއްޖޭގައި ހިނގަމުން މިދާ ލާދީނީ ޙަރާތްތައް ހުއްޓުވުމަށާއި ރާއްޖޭގައި މިއޮތް އިސްލާމީ ވަޙުދަތު ހިފެހެއްޓުމަށްޓަކައި ފިޔަވަޅު އެޅުމަށް އަދާލަތު ޕާޓީން ސަރުކާރަށް ގޮވާލައިފި އެވެ.


މިކަމަށް ގޮވާލައި އަދާލަތު ޕާޓީން ނެރުނު ނޫސްބަޔާނުގައި ވަނީ، ރާއްޖޭގައި، އިސްލާމް ދީނާ ދެކޮޅު އަމަލުތައް ހިންގާ މީހުންނާމެދު ހަރުކަށި ފިޔަވަޅު އަޅާނެ ކަމަށް ހަމައެކަނި ވާހަކަ ދެއްކުމަކުން ނުފުދޭ ކަމަށެވެ. އަދި އެކަމުގެ ނަތީޖާ މިއަދު ވަރަށް ސާފުކޮށް ފެންނަމުންދާ ކަމަށާއި، ވަރަށް ހާމަކަންބޮޑު ގޮތެއްގައި ބައެއް ދިވެހި ދަރިން ތިމާމެންގެ ޣައިރުދީނުގެ ޢަޤީދާ، ޖެހިލުމެއްނެތި މުޖްތަމަޢަށް ހާމަކުރަމުންދާ ކަމަށްވެސް އެ ބާޔާނުގައިވެ އެވެ. އަދި މީގެކުރިން އެފަދަ މައްސަލަތަކުގައި ސަރުކާރުން ޑީޕޯޓު ކުރި މީހުންވެސް އަލުން ރާއްޖެއަށް އަންނަން ފަށާފައިވާ ކަމަށާއި، މިދިޔަ އަހަރު، ސ. ހިތަދޫ މުޙިއްބުއްދީނު ސްކޫލުގައި ކީރިތި ރަސޫލާއަށް ނިސްބަތްކޮށް ހަޑިހުތުރު ބަސް ބުނި މީހާވެސް ޑީޕޯޓު ކުރުމަށްފަހު، އޭނާއަށް ރާއްޖޭގައި ކިޔަވައިދިނުމަށް އައުމުގެ ފުރުސަތު ލިބިފައިވާ ކަމަށާއި، މިއީ އެޑިއުކޭޝަން މިނިސްޓްރީގެ ކަމާބެހޭ ފަރާތްތައް ޒިންމާނަގަންޖެހޭ ކަމެއް ކަމަށްވެސް އެ ބަޔާނުގައިވެ އެވެ. އަދި 2009 ވަނަ އަހަރު ދީނާ ހިލާފް ކަންތައްތަކެއް ހިންގި މައްސަލައެއްގައި ޑީޕޯޓުކޮށްލާފައި ވަނިކޮށް އަލުން ރާއްޖެ ގެނަސްފައިވާ އިންޑިޔާގެ ރާޖު ކުމާރު ވަގުތުން ޑީޕޯޓު ކުރުމަށާއި އޭނާއަށް ރާއްޖެ އައުމަށް ފުރުސަތު ލިބިގެންދިޔަ ގޮތް ތަޙްޤީޤުކޮށް ބެލުމަށް ވެސް އެ ނޫސްބަޔާނުގައި އަދާލަތު ޕާޓީން ވަނީ ގޮވާލައިފައެވެ.


ރާއްޖޭގައި މިއޮތް އިސްލާމީ ވަޙުދަތު ހިފެހެއްޓުމަށްޓަކައި ކޮންމެހެން އަޅަންޖެހޭ ފިޔަވަޅުތައް ފާހަގަކޮށް އަދާލަތު ޕާޓީން ބުނެފައިވަނީ، ރާއްޖޭގެ ސްކޫލްތަކުގައި ކިޔަވައިދިނުމަށް ބޭރުން ގެނަސްފައިވާ ޓީޗަރުންނަކީ މުސްލިމެއް ކަމުގައި ވިއަސް އަދި ޣައިރު މުސްލިމަކަށް ވިއަސް އުނގަންނައި ދިނުގައި އެމީހުން ދީނީ އެއްވެސް ވާހަކައެއް ދެއްކުމަކީ ޤާނޫނީ ތަރަހިން ބޭރުކަމެއްކަން އެމީހުންގެ ސަމާލުކަމަށް ގެނެސްދޭންޖެހޭނެ ކަމަށެވެ. އަދި ޢަރަބި މީޑިޔަމަށް ކިޔަވައިދޭން އަންނަ ބޭރު މީހުން ކިޔަވައިދެމުންދަނީ ރާއްޖޭގެ ތަޢުލީމީ ފަލްސަފާގެ ދަށުންތޯ ބެލުމަށް އެމީހުން ކިޔަވައިދޭގޮތް ވެސް މޮނީޓަރު ކުރެވެންޖެހޭނެ ކަމަށާއި، ދަރިން އަޅުގަނޑުމެން ބޭނުންވާ ގޮތަށް ބައްޓަންވަމުންދޭތޯ ބެލުމަށް ތަޢުލީމުގެ އަމާޒަށް ވާސިލުވަމުންދޭތޯ ބަލަންޖެހޭނެ ކަމަށް ވެސް އެ ބަޔާނުގައިވެ އެވެ.


އަދި އިސްލާމާއި ދިވެހި، ކިޔަވައިދެވެނީ އެކަމަށް ވަކި ޚާއްޞަ ހުއްދައެއް ސަރުކާރުން ލިބިފައިވާ ދިވެހިންނަށް ކަމަށް ވެފައި، ރާއްޖޭގައި ކިޔަވައިދެއްވާ ހުރިހާ އިސްލާމް މުދައްރިސުން، ސިލަބަސް ފޮތުގައި އޮތް މިންވަރަށް ވުރެން އިތުރަށް ދަރިވަރުންނަށް ބުނެ ނުދިނުމަށް އަމަލު ކުރަމުން އައިސްފައިވާތީ، އެނޫން ބަޔަކަށް އަޅުގަނޑުމެންގެ ޢަޤީދާއާ ކުޅެ، ދަރިވަރުންގެ ސިކުޑިއަށް އަތްލުމުގެ ފުރުޞަތު ލިބިގެންނުވާނެ ކަމަށް ވެސް އެ ނޫސްބަޔާނުގައިވެ އެވެ. އަދި ސްކޫލުތަކުގައި ދީން ބުނެދިނުމުގެ މައްސަލަ މިހާވަރަށް ހިފެހެއްޓިފައި އޮތްއިރު ވެސް އިސްލާމް މާއްދާ ކިޔަވާދޭ މީހުން ފިޔަވައި، އެހެން މީހުން، ޚާއްސަކޮށް ބޭރު މުދައްރިސުން އެކި ގޮތްގޮތުން އިސްލާމްދީނަށް ފުރައްސާރަކުރަމުންދާތަން ނުވަތަ ދަރިވަރުންގެ ޢަޤީދާއާ ކުޅެމުންދާތަން ފެންމަތިވަމުންދިއުމަކީ ހިތާމަހުރިކަމެއް ކަމަށާއި، އެކަމަކީ، މިނިސްޓްރީ އޮފް އެޑިއުކޭޝަނުން އިތުރަށް ސަމާލުކަން ދޭންޖެހޭ މައްސަލައެއް ކަމަށް ވެސް އެ ނޫސްބަޔާނުގައި އަދާލަތުން ބުނެފައިވެ އެވެ.