ބެއިޖިން (އޮކްޓޯބަރު 23): މުޅި ދުނިޔޭގައި ވެސް ކަނޑު ހުރަސްކޮށް އަޅާފައިވާ އެންމެ ދިގު ބްރިޖު، ޗައިނާގެ ރައީސް ޝީ ޖިންޕިންގް މިއަދު ހުޅުވައިދެއްވައިފި އެވެ.

ހޮންގް ކޮންގް އާއި މަކާއޯ އާއި ޗައިނާ ގުޅުވައިދޭ އެބުރިޖުގެ ދިގު މިނުގައި 55 ކިލޯ މީޓަރު ހުރެ އެވެ. ވިހި ބިލިއަން ޑޮލަރު ހަރަދުކޮށްގެން އެޅި އެބުރިޖު ނިންމަން ބުނި ތާރީހު އެކި ފަހަރު މަތީން ވަނީ ލަސްކޮށްފަ އެވެ.

އަދި ނުވަ އަހަރު ފަހުން ނިމުނު އެބުރިޖު އެޅުމުގެ ތެރޭގައި 18 މީހަކު މަރުވެފައިވެ އެވެ.

ކަނޑު ހުރަސްކޮށް އަޅާފައިވާ އެންމެ ދިގު ބްރިޖު -- ފޮޓޯ: އޭއެފްޕީ

އެބްރިޖު ހުޅުވުމަށް މިއަދު ބޭއްވި ރަސްމިއްޔާތުގައި ރައީސް ޝީ އާއި ހޮންގް ކޮންގް ގެ އިސްވެރީން ބައިވެރިވެވަޑައިގެންނެވި އެވެ. އެބްރިޖު އާންމުންނަށް ހުޅުވާލާނީ މާދަމާ އެވެ.

މިއީ ސައުތު ޗައިނާ ކަނޑުގައި ޗައިނާގެ ބާރު ގަދަ ކުރުމަށް އެ ގައުމުން ކުރާ މަސައްކަތުގެ ބައެކެވެ. މި ބްރިޖާ އެކު ޖުމްލަ 11 ސިޓީއެއް ވަނީ ގުޅާލެވިފަ އެވެ. އަދި ހޮންކޮންގުން ޗައިނާއަށް ތިން ގަޑިއިރުން ކުރެވޭ ދަތުރުތައް 30 މިނެޓަށް ކުރުވެގެންދާނެ އެވެ.

މި ބްރިޖުމަތިން ޕްރައިވެޓު ކާރުތަކަށް ދަތުރު ކުރެވޭނީ ވަކި ހާޢްސަ ހުއްދައެއްގެ ދަށުންނެވެ.

ކަނޑު ހުރަސްކޮށް އަޅާފައިވާ އެންމެ ދިގު ބްރިޖު -- ފޮޓޯ: ރޮއިޓާސް

ޗައިނާގެ އޮފިޝަލުން ވިދާޅުވާ ގޮތުގައި އެބުރިޖުގެ ސަބަބުން އެގައުމުގެ އިގުތިސާދަށް 1.44 ޓްރިލިއަން ޑޮލަރު އިތުރުވެގެންދާނެ އެވެ. ނަމަވެސް ދިރާސާ ކުރާ އެހެން ބައެއް ފަރާތްތަކުން ވަނީ އެއަދަދާ މެދު ޝައްކު އުފައްދާފަ އެވެ. އަދި ބުރިޖުގެ ފެންވަރު ދެމެހެއްޓުމަށް ބޮޑު ހަރަދެއް ކުރަން ޖެހޭނެކަން ފާހަގަކޮށްފަ އެވެ.