ޕަބްލިކް ސާވިސް މީޑިއާ (ޕީއެސްއެމް)ގެ ދުވަސްވީ ނޫސްވެރިޔަކު، އެ ކުންފުނީގެ ތިން ވެރިއެއްގެ މައްސަލަ އިއްޔެ ފުލުހަށް ހުށަހަޅައިފި އެވެ.

ދިވެހި ރާއްޖޭގެ އަޑުގައި ވަރަށް ގިނަ ދުވަސްތަކެއްވަންދެއް މަސައްކަތް ކުރެއްވުމަށް ފަހު، ޕީއެސްއެމްގައި ނޫސްވެރިއެއްގެ ގޮތުގައި މަސައްކަތް ކުރައްވާ، މުހައްމަދު އަފްސަލް އިއްޔެ ފުލުހަށް ހުށަހެޅުއްވި މައްސަލާގައި ބުނެފައި ވަނީ، އެ ކުންފުނީގެ މެނޭޖިންގް ޑިރެކްޓަރު އިބްރާހިމް ހަލީލާއި ޑެޕިއުޓީ މެނޭޖިންގް ޑިރެކްޓަރު މުހައްމަދު އިކްރާމް އަބްދުއްލަތީފް އަދި ޑިރެކްޓަރު އޮފް ނިއުސްގެ މަގާމުގައި ހުންނެވި ފަޔާޒު ޔޫސުފް، އޭނާގެ އަބުރަށް ގެއްލުންވާ ގޮތަށް ދޮގު ވާހަކަ ދައްކާފައިވާ ކަމަށެވެ.

ނަމަވެސް އެ ވާހަކަތަކުގެ ތަފުސީލެއް އޭނާ ނުދެއްވި އެވެ. އަދި ވިދާޅުވީ އެ ތަފުސީލުތައް ފުލުހަށް ހުށަހަޅުއްވާފައިވާނެ ކަމަށެވެ.

އޭނާ ފުލުހުންގެ ކިބައިން އެދުނީ، އަބުރު ރައްކާތެރިކުރުމުގެ ގާނޫނުގެ ދަށުން އެ މައްސަލަ ތަހުގީގުކޮށް އެ ބޭފުޅުންގެ މައްޗަށް ޖިނާއީ ދައުވާ އުފުލަން ޕްރޮސިކިއުޓާ ޖެނެރަލްގެ އޮފީހަށް ފޮނުވުވައި ދިނުމަށް ކަމަށް އަފުޒަލް ސަން އަށް ވިދާޅުވި އެވެ.

އަފްސަލް ޓީވީއެމްގެ ނިއުސް އެޑިޓަރަކަށް ހުއްޓައި މިދިޔަ އޮގަސްޓް މަހު ވަނީ ދިވެހިރާއްޖޭގެ އަޑުގެ ޕްރެޒެންޓަރެއްގެ މަގާމަށް ބަދަލުކޮށްފަ އެވެ.

އެ މައްސަލައާ ގުޅޭ ގޮތުން ހަލީލު، އިކްރާމް، އަދި ފަޔާޒުގެ ކޮމެންޓެއް ވަނީ ލިބޭގޮތް ނުވެފަ އެވެ. އަދި ފުލުހުންގެ ބަހެއް ވެސް ވަނީ ލިބޭ ގޮތްނުވެފަ އެވެ.