23 Oct 2018, 13:33
ވޮޝިންޓަން (އޮކްޓޯބަރ 23): ފަގީރުކަމުގެ ނިސްބަތް ކުޑަކުރުމުގައި ދުނިޔޭގެ އެންމެ ކާމިޔާބު ސިޔާސަތެއް އެކުލަވާލައި ތަންފީޒުކުރަމުން ގެންދަނީ ޗައިނާއިންކަން ވޯލްޑް ބޭންކުން ހާމަކޮށްފިއެވެ.
އެ ބޭންކުން ނެރުނު ރިޕޯޓެއްގައި ބުނެފައިވަނީ ފަގީރުކަން ކުޑަކުރުމުގައި ދުނިޔޭގެ އެންމެ ކާމިޔާބު ސިޔާސަތެއް އެކުލަވާލައި އެ ސިޔާސަތު ތަންފީޒުކޮށްފައިވަނީ ޗައިނާއިންނެވެ. ޗައިނާއިން އެގައުމުގެ ފަގީރުންގެ ނިސްބަތް 85 ޕަސަންޓަށް ދަށްކޮށްފައި ވާއިރު މި ފެންވަރަށް އެއްވެސް ގައުމަކަށް ފަގީރުކަން ކުޑަކުރެވިފައެއް ނުވެއެވެ. ނަމަވެސް ޗައިނާގެ ފަގީރުކަން ކުޑަކުރުމުގެ ސިޔާސަތު ނަމޫނާއަކަށް ބަލައިގެން ފަގީރުކަން ކުޑަކުރުމުގައި ދެކުނު އިރުމަތީ އޭޝިއާއާއި އޭޝިއާ ޕެސިފިކްގެ ގައުމުތައް 35 އިންސައްތައިގެ ކާމިޔާބީއެއް ހޯދާފައިވެއެވެ.
ވޯލްޑް ބޭންކްގެ ރިޕޯޓް ބުނާގޮތުން ފަގީރުކަމުގެ ނިސްބަތް ކުޑަކުރުމުގައި ދުނިޔޭގެ ގިނަ ގައުމުތަކުން ކާމިޔާބު ހޯދާފައި ވީނަމަވެސް ދުނިޔޭގެ އާބާދީގެ ގާތްގަނޑަކަށް ދެބައިކުޅަ އެއްބައި އަދިވެސް އުޅެމުންދަނީ ދުވާލަކު 5.5 ޑޮލަރަށްވުރެ ދަށުގެ އާމްދަނީއެއްގައެވެ. ފަގީރުކަން ކުޑަކުރުމަށް ފާއިތުވި 30 އަހަރު ދުނިޔޭގެ ގައުމުތަކުންނާއި ޖަމިއްޔާ ޖަމާއަތްތަކާއި މާލީ މުއައްސަސާތަކާ އަދި އދ. އިން ކުރި މަސައްކަތްތަކުގެ ނަތީޖާއެއްގެ ގޮތުން އެބްޒަލޫޓް ޕަވަޓީގެ ނިސްބަތް ވަރަށް ބޮޑަށް ދަށްކުރެވިފައި ވީ ނަމަވެސް މެދުފަންތީގެ ފަގީރުކަން އަދިވެސް ދުނިޔޭގައި ބޮޑެވެ.
ދުވާލެއްގެ މައްޗަށް 1.90 ޑޮލަރުގެ އާމްދަނީ ލިބޭ އެބްޒަލޫޓް ޕަވަޓީގެ ނިސްބަތް 67 ޕަސަންޓުން 46 ޕަސަންޓަށް ފާއިތުވި 30 އަހަރު ތެރޭގައި ދަށްކުރެވިފައިވެއެވެ. އެބްޒަލޫޓް ޕަވަޓީ ދަށްކުރުމުގައި އެންމެ ބޮޑު ކުރިއެރުމެއް ހާސިލުކޮށްފައިވަނީ ސަބްސަހާރަން އެފްރިކާގެ ގައުމުތަކުންނެވެ. އެ ގައުމުތަކުގައި ވާ ދުވާލަކު 1.90 ޑޮލަރުގެ އާމްދަނީ ލިބޭ ފަގީރުންގެ ބޮޑު ނިސްބަތް ވަނީ 5.5 ޑޮލަރުގެ އާމްދަނީ ލިބޭ މެދުމިނުގެ ފަންތީގެ ފަގީރުންގެ ގިންތީއަށް ބަދަލުކުރެވިފައެވެ. ނަމަވެސް 5.5 ޑޮލަރުގެ އާމްދަނީ ލިބޭ ފަގީރުންގެ ނިސްބަތް އަދިވެސް ބޮޑީ ސަބްސަހާރަން އެފްރިކާގެ ގައުމުތަކުގައެވެ.
ސަބްސަހާރަން އެފްރިކާގެ ގައުމުތަކުގެ އާބާދީގެ 84 އިންސައްތައަކީ ދުވާލެއްގެ މައްޗަށް 5.5 ޑޮލަރުގެ އާމްދަނީ ލިބޭ މެދުފަންތީގެ ފަގީރުންނެވެ. އަދި މީގެ ތިރީހަކަށް އަހަރު ކުރިއާ އަޅާބަލާއިރު ދުވާލެއްގެ މައްޗަށް 1.90 ޑޮލަރުގެ އާމްދަނީ ލިބޭ އެބްޒަލޫޓް ފަގީރުންގެ ނިސްބަތް މިހާރު މަތިކޮށް އުޅެނީ ވަރަށް މަދު ގައުމެއްގައެވެ. އޭގެ ތެރޭގައިވެސް ގިނައީ ސަބްސަހާރަން އެފްރިކާގެ ގައުމުތަކެވެ. ނަމަވެސް ފަގީރުންނާއި މުއްސަނދިންގެ ފަރަގު ބޮޑުވުމާއި މެދުފަންތީގެ ފަގީރުންގެ ނިސްބަތް ދަށްކުރުމުގައި ދުނިޔޭގެ ގިނަ ގައުމުތައް ކާމިޔާބު ނޫންކަމާއި މިއީ ކުރިމަތިވެފައިވާ ގޮންޖެހުމެއް ކަމަށް ވޯލްޑް ބޭންކްގެ ރިޕޯޓުގައި ފާހަގަކޮށްފައިވެއެވެ.
(އޭއެފްޕީ)