ރައްޔިތުން މަޖިލީހުގެ ދަގެނތީ ދާއިރާގެ މެންބަރު އިލްހާމް އަހްމަދުގެ ގޮނޑިއާ ގުޅޭ ގޮތުން ސުޕްރީމް ކޯޓުގައި ކުރިއަށް ގެންދިޔަ ދުސްތޫރީ މައްސަލައިގެ އަޑުއެހުންތައް ނިންމާލައިފި އެވެ.

އިލްހާމްގެ ފަރާތުން ސުޕްރީމް ކޯޓަށް ހުށަހެޅި މައްސަލާގައި ބުނެފައި ވަނީ، އިލެކްޝަން ކޮމިޝަނުން އޭނާގެ ގޮނޑި ގެއްލިފައިވާ ކަމަށް ބުނެ ރައްޔިތުންގެ މަޖިލީހަށް ވަނުމަށް ސަލާމަތީ ބާރުތަކުން ހުރަސް އަޅަމުންދާ ކަމަށާއި އެހެން ކަމުން އެ މައްސަލާގައި އޭނާގެ ގޮނޑި ނުގެއްލާ ކަމަށް ހުކުމް ކޮށްދިނުމަށެވެ.

އިލްހާމްގެ ފަރާތުން ސުޕްރީމް ކޯޓުގައި ވާހަކަ ދެއްކި އޭނާގެ ވަކީލް ނަދީމް އިބްރާހިމް ވިދާޅުވީ، ޕީޕީއެމުން އިލްހާމް ވަކިވާން އެދި އެ ޕާޓީއަށް މިދިޔަ އަހަރުގެ ޖުލައި ނުވަ ވަނަ ދުވަހު ސިޓީ ފޮނުވާފައިވާނެ ކަމަށާއި އަދި ޖެހިގެން އައި 10 ވަނަ ދުވަހު އިލެކްޝަން ކޮމިޝަނަށް ވެސް ސިޓީ ފޮނުވާފައިވާނެ ކަމަށެވެ.

މަޖިލީހަށް އިންތިހާބްވާ ޕާޓީން އެ މެންބަރަކު ވަކިވެއްޖެ ނަމަ ގޮނޑި ގެއްލޭ ގޮތަށް ފާސްކޮށްފައިވާ އެންޓި ޑިފެކްޝަން ގާނޫނުގައި ބުނެފައި ވަނީ އެ ގާނޫނީ ހިނގާނީ މިދިޔަ އަހަރުގެ ޖުލައި މަހުގެ 13 ވަނަ ދުވަހުން ފެށިގެން ކަމަށް ވެސް ނަދީމް ފާހަގަ ކުރެއްވި އެވެ.

ގޮނޑި ގެއްލިފައިވާ ކަމަށް އިލެކްޝަން ކޮމިޝަނުން ނިންމާފައިވާ 12 މެންބަރުންގެ ގޮނޑި ނުގެއްލޭ ކަމަށް އެ ކޮމިޝަނުން ވަނީ ދާދި ފަހުން ބުނެފަ އެވެ. ނަމަވެސް އެ މައްސަލަ ބަލަމުންދާތީ އެކަމާއި ގުޅިގެން އިލެކްޝަން ކޮމިޝަނުން އެއްވެސް ނިންމުމެއް ނުނިންމޭނެ ކަމަށް ސުޕްރީމް ކޯޓުން ވަނީ އިލެކްޝަން ކޮމިޝަނަށް އަންގާފަ އެވެ.

މިއަދުގެ އަޑުއެހުމުގައި ވެސް އިލެކްޝަން ކޮމިޝަނުން ވަނީ އިލްހާމްގެ ގޮނޑި ގެއްލިފައިވާ ކަމަށް ބުނެފަ އެވެ. އެއީ އީސީން ގަބޫލުކުރާ ގޮތުގައި މެންބަރަކު ޕާޓީން ވަކިވެއްޖެ ކަމަށް ކަނޑައަޅާނީ އެ މެންބަރެއްގެ ނަން ދަފްތަރުން އުނިކުރާ ދުވަހުން ފެށިގެން ކަމަށާއި އެގޮތުން އިލްހާމްގެ މައްޗަށް ސުލޫކީ ފިޔަވަޅު އަޅައި ޕީޕީއެމުން ވަކި ކުރި ކަން އެ ޕާޓީން އަންގާފައި ވަނީ މިދިޔަ އަހަރުގެ ޖުލައި މަހުގެ 20 ވަނަ ދުވަހު ކަމަށެވެ.

އިސީގެ ވަކީލުގެ ވާހަކަތަކަށް ފަހު އުއްތަމަ ފަނޑިޔާރު ޑރ. އަހްމަދު އަބްދުﷲ ދީދީ ވިދާޅުވީ ޕާޓީން ވަކިވާން އެދި މީހަކު ސިޓީ ފޮނުވާ ހިސާބުން ފެށިގެން އެ މީހަކު ޕާޓީން ވަކި ނުވާނެތޯ އައްސަވައިފަ އެވެ. އަދި އެކަން ގާނޫނުގައި އޮތްގޮށް ސާފަކުކޮށް ދިނުމަށް ވެސް ވަނީ އެދިފަ އެވެ.

ޖަވާބުގައި އީސީގެ ވަކީލް ވިދާޅުވީ ސިޔާސީ ޕާޓީތަކުގެ ގާނޫނުގެ ދަށުން ހަދާފައިވާ އަސާސީ ގަވާއިދުގައި ޕާޓީން ވަކިވާން އެދޭ ހިސާބުން އެ މީހަކު ޕާޓީން ވަކިވާނެ ކަމަށް ބުނެފައިވާ ކަމަށެވެ. ނަމަވެސް އީސީން އަމަލުކުރަމުން ދަނީ ސިޔާސީ ޕާޓީތަކުގެ ގަވާއިދުގައިވާ ގޮތަށް ޕާޓީއަށް ހުށަހަޅާތާ 14 ދުވަސް ތެރޭގައި ވަކި ނުކޮށްދީފި ނަމަ ވަކިކޮށް ދިނުން ކަމަށް ވެސް ވަކީލް ވިދާޅުވި އެވެ.

މިއަދުގެ އަޑުއެހުންތައް ނިންމާލަމުން އުއްތަމަ ފަނޑިޔާރު ވިދާޅުވީ ދެން އެ މައްސަލާގައި އިތުރު ކަމެއް ސާފުކުރުމަށް ނެތް ނަމަ ދެން އޮންނަ އަޑު އެހުމެއްގައި އޮންނާނީ ހުކުމް ކުރުން ކަމަށެވެ.

ގޮނޑި ގެއްލިފައިވާ ކަމަށް އީސީން ބުނެފައިވާ 12 މެންބަރުންގެ ތެރެއިން ހަތަރު މެންބަރެއްގެ ގޮނޑި ނުގެއްލޭ ކަމަށް ސުޕްރީމް ކޯޓުން ވަނީ ދާދި ފަހުން ހުކުމް ކޮށްފަ އެވެ. އެ މެންބަރުންނަނީ ވިލިނގިލި ދާއިރާގެ މެމްބަރު ސައުދު ހުސެއިން އާއި މަޑުއްވަރީ ދާއިރާގެ މެންބަރު މުހައްމަދު އަމީތާއި ދިއްދޫ ދާއިރާގެ މެންބަރު، އަބްދުލްލަތީފް މުހައްމަދާއި ތުލުސްދޫ ދާއިރާގެ މެންބަރު މުހައްމަދު ވަހީދު އިބްރާހިމް (ވައްޑޭ)އެވެ.