23 Oct 2018, 12:18
މަޝްހޫރު ބަތަލާ ސޮނާކްޝީ ސިންހާ ލީޑު ރޯލު ކުޅެން ސޮއި ކޮށްފައިވާ ފިލްމު "މޮގުލް"ގެ ޑައިރެކްޝަނާ މާކިޔާބު ޑައިރެކްޓަރު ރާޖްކުމާރު ހިރާނީ ހަވާލު ވެއްޖެ ކަމަށް ހަބަރުތައް ބުނަން ފަށައފިފިއެވެ.
އެ ފިލްމު ކުރިން ޑައިރެކްޓް ކުރަން ނިންމާފައި އޮތީ ސުބާޝް ކުމާރެވެ. ނަމަވެސް ސުބާޝް ގެ މައްޗަށް ޖިންސީ ފުރައްސާރަ ކުރި ކަމުގެ ތުހުމަތުގައި "މޮގުލް"ގެ ޑައިރެކްޓަރުގެ މަގާމުން އޭނާ ވަނީ ވަކި ކޮށްފައެވެ.
އެ ފިލްމު ހަދަނީ ގުލްޝަން ކުމާރު ގެ ބަޔޮޕިކްގެ މައްޗަށެވެ. ގުލްޝަން ކުމާރަކީ ޓީ ސީރިޒް މިއުޒިކް ލޭބަލްގެ ފައުންޑާގެ އިތުރުން ބޮލީވުޑް ފިލްމު ޕްރޮޑިއުސްކުރި މީހެކެވެ. އޭނާ މި ދުނިޔެ ދޫކޮށްފައި ވަނީ 1997 ވަނަ އަހަރުއެވެ.
ބުޝަން ކުމާރު ޕްރޮޑިއުސް ކުރާ އެ ފިލްމުގެ ސްކްރިޕްޓް މިހާރު ރާޖްކުމާރަށް ދައްކާފައިވާ ކަމަށާއި އެ ފިލްމުގެ ޑައިރެކްޓް ކޮށްދިނުމަށް ރާޖްކުމާރަށް އެދިފައި ވާ ކަމަށް ރިޕޯޓްތައް ދަނީ ބުނަމުންނެވެ.
މައްސަލަ ބޮޑުވެފައި ވާ "މޮގުލް" ގެ ލީޑު ރޯލު ފުރަތަަމަ އަކްޝޭ ކުމާރު ކުޅެން ނިންމާފައިވީ ނަމަވެސް ފިލްމު މަސައްކަތް ފެށުމުގެ ކުރިން އޭނާ ވަނީ ޑައިރެކްޓަރާ ޖެހުނު މައްސަލަ އެއްގެ ސަބަބުން އެ ރޯލު ދޫކޮށްލާފައެވެ. އޭގެ ފަހުން އެ ފިލްމުގެ ލީޑު އެކްޓަރުގެ ގޮތުގައި ފެންނާނެ ކަމަށް އިއުލާން ކުރީ އާމިރު ޚާނެވެ. ނަމަވެސް އޭނާ ވެސް ވަނީ އެ ރޯލު މިހާރު ދޫކޮށްލާފައެވެ.
ހަބަރުތައް ބުނާގޮތުގައި އާމިރު ބުނީ، ޖިންސީ ފުރައްސާރަތައް ފެންމަތިވެފައި ވަނިކޮށް އެ ޓީމާ އެކު މަސައްކަތް ކުރަން ބޭނުން ނުވާ ކަމަށެވެ.
ސޮނާކްޝީ އެ ފިލްމުގެ ލީޑު ބަތަލާ އެއްގެެ ރޯލަށް ނަގާފައިވީ ނަމަވެސް ބަތަލްގެ ރޯލު ކުޅެނީ ކޮން ފަންނާނެއް ކަމެއް އަދި ނޭންގެއެވެ. އަދި ފިލްމު ރިލީޒް ކުރާނެ ތާރީހެއް ވެސް ކަނޑައެއް ނާޅައެވެ.