ރާއްޖޭގެ އަބާދީގެ 8.2 ޕަސެންޓް މީހުންނަކީ ފަޤީރުން ކަމަށް ނޭޝަނަލް ބިއުރޯ އޮފް ސްޓެޓިސްޓިކްސްގެ ދިރާސާއަކުން ދައްކައިފިއެވެ.

މިދިޔަ އާދިއްތަ ދުވަހު އެ ބިއުރޯ އިން ނެރުނު "ފަޤީރުކަމުގެ މިންގަނޑު އަދި ފަޤީރުންގެ ނިސްބަތް" ދެނެގަތުމަށްޓަކައި 2016 އަހަރުގެ ސާވޭއިން ދައްކާ ގޮތުގައި ދުވާލަކަށް ބޮލަކަށް ޖެހޭ މީޑިއަން ހަރަދުގެ ދެބައިކުޅައެއްބައި ނުވަތަ 74 ރުފިޔާ އަށްވުރެ ދަށުން ހަރަދުކުރާ މީހުންނަކީ ފަގީރުންގެގޮތުގައި ބަލާނަމަ އަތޮޅު ތެރޭގެ އާބާދީގެ 8.12 ޕަސަންޓަކީ ފަގީރުންނެވެ. އަދި މާލެއަށް ބަލާއިރު މާލޭގެ އާބާދީގެ 7.1 ޕަސަންޓް މީހުންނަކީ ފަޤީރުން ކަމަށް އެ ސަވޭ އިން ދައްކައެވެ.

ނެޝަނަލް ޕަވަރޓީ ލައިންއަށްބަލާ އެކުލަވާލެވިފައިވާ، ވަކިވަކި އަތޮޅުތަކުގެ ޕަވަރޓީ ރޭޓްތަކަށް ބަލާއިރު ފަޤީރުންގެ ނިސްބަތް އެންމެ މަތީ ގދ. އަތޮޅުގައެވެ. އަދި ފަޤީރުންގެ ނިސްބަތް އެންމެ ދަށީ ވ. އަތޮޅުގައެވެ.

އަޕަރ މިޑްލް އިންކަމް ޤައުމުތަކުން ބަލަންޖެހޭ އިންޓަރނޭޝަންލް ޕަވަރޓީ ލައިން ނުވަތަ 70 ރުފިޔާ އަށްވުރެ ދަށުން ޚަރަދުކުރާ މީހުންނަކީ ފަޤީރުންގެގޮތުގައި ބަލާނަމަ ރާއްޖޭގެ އާބާދީގެ 6.6 ޕަސަންޓް މީހުންނަކީ ފަޤީރުންނެވެ. މާލޭއަށް ބަލާއިރު މާލޭގެ އާބާދީގެ 5.1 ޕަސަންޓް މީހުންނަކީ ފަޤީރުންނެވެ. އަތޮޅުތަކަށް ބަލާއިރު އަތޮޅުތަކުގެ އާބާދީގެ 4.10 ޕަސަންޓް މީހުންނަކީ ފަޤީރުންނެވެ.